ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް އިންޒާރު ދިން މައްސަލައިގައި ޕީޕީއެމް ޕީއެންސީއަކުން އެއްޗެއް ނުބުނި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމަށް ލުއިތަކެއް ދިނުމަށް އެކުލަވާލާފައިވާ އިގުރާރާ އެމަނިކުފާނު ހިލާފްވެފައިވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލައިގައި އެމަނިކުފާނުގެ ދިފާއުގައި ޕީޕީއެމް ޕީއެންސީ ލީޑަޝިޕުން އެއްޗެއް ބުނަން ބޭނުމެއް ނުވި އެވެ.

ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު އައްޑޫއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިން ސުވާލުކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފައިވަނީ ޖަލުތަކުގައި ޕެރޯލް ގާނޫނާ ހަވާލާދީފައި ކަމަށެވެ. އެހެންވެ މިވަގުތު އެމައްސަލައިގައި އެއްޗެއް ބުނުމަކީ މުނާސަބު ކަމެއް ނޫން ކަމަށް ވިދާޅުވެ ޔާމީންގެ ދިފާއުގައި އަބްދުއްރަހީމް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔަމީން އަމަލުކުރައްވާފައި އޮންނާނީ ރަނގަޅަށް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ ރައީސް ޔާމީނަށް މި ސަރުކާރުން ގަސްދުގައި ރާވައިގެން މިދެނީ އަނިޔާއެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކުރުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށްފަހު އެވެ.

ޔާމީނަށް ދިން ލުއިތަކާ އެކު އެމަނިކުފާނު ގެންދަވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެން ޖަލްސާތަކުގައި ވާހަކަދައްކަވަމުންނެވެ. އަދި މާދަމާ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނާ އެ ސަރަހައްދުގައި ބައްދަލުކުރެއްވުމަށްވެސް އޮތީ ނިންމަވާފަ އެވެ

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އިއްޔެ އަވަސް އަށް ވިދާޅުވީ ރައީސް ޔާމީން އާއި އެ އިދާރާއާއި ދެމެދު އެކުލަވާލާފައި އޮތް އިގުރާރާ ހިލާފަށް ރައީސް ޔާމީންގެ އަމަލުތައް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް އެދިވަޑައިގެން ރައީސް ޔާމީނަށް ވަނީ އިންޒާރު ދީފައި ކަމަށްވެސް ވިދާޅުވި އެވެ.

"އަދި [ކުށް] ތަކުރާރުކުރާނަމަ އިގުރާރު ބާތިލްކުރެވޭނެ ކަމަށް ވަނީ އެންގިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީން ހިލާފުވީ ކަންކަމުގެ އެއްވެސް މައުލޫމާތެއް ކަރެކްޝަނުން ދީފައެއް ނުވެ އެވެ.