ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މި ސަރުކާރުން އިތުރު މައްސަލަތައް އުފަން ކުރުވަމުން ގެންދާ ކަމަށް އިދިކޮޅު ދެ ޕާޓީ ލީޑް ކުރުމުގައި މި ވަގުތު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
ކުށް ސާބިތުކޮށް، ރައީސް ޔާމީން ޖަލަށް ގެންދެވުނު ފަހުން އިދިކޮޅު ހަރަކާތުގައި އިސްކޮށް ހުންނަވަނީ ވެސް އަބްދުއް ރަހީމެވެ. އޭނާ މިރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ދިފާއު ވުމުގެ ހައްގުން ރައީސް ޔާމީން މަހުރޫމް ކުރަމުން ކަމަށެވެ.
އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ހަގީގީ ބައިވެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ރައީސް ސޯލިހުގެ ސަރުކާރުން ޑީލެއް ހަދާފައިވާ ކަމަށާއި އިތުރު މަސްއަލަތައް އުފަން ކުރުވައި ގަސްދުގައި ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ކުރަމުން ގެންދާ ކަމަށެވެ.
އަބްދުއް ރަހީމް މިހެން ވިދާޅުވެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރެއްވި އިރު އެމްއެެމްޕީއާރްސީގެ މައްސަލައާ ގުޅުވައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއްކޮށް އެ މަނިކުފާނު ވަނީ ފަސް އަހަރަށް ޖަލަށް ލާފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ބޮޑެތި ތުހުމަތުތައް އޮތް އަދި ދައުވާތައް ސާބިތުވެފައިވާ އަދީބާއި ޒިޔަތަށް ސަރުކާރުން އެއްބަސްވާ ހުކުމެއް ކުރުމަށް ފަހު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
އަދީބާއި ޒިޔަތު ގެއަށް ބަދަލު ކޮށްފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އުފުލާފަ އެވެ.