ޕީޕީއެމް

ލޯޔަލިޓީ ކާޑް އިފުތިތާހުކޮށް، ފުރަތަމަ ކާޑް ޔާމީނަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ލޯޔަލިޓީ ކާޑެއް އިފްތިތާހު ކޮށްފި އެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަދަ ކާޑެއް އިފްތިތާހުކުރި ފުރަތަމަ ފަހަރެވެ.

މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ލޯޔަލިޓީ ކާޑް އިފްތިތާހު ކޮށްދެއްވީ އިދިކޮޅު ކޯލިޝަން މިވަގުތު ލީޑް ކުރައްވާ އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕީޕީއެމުން މިއަދު ތައާރަފުކުރި ލޯޔަލިޓީ ކާޑުގެ ހަތަރު ވައްތަރެއް ހިމެނެ އެވެ. އެއީ ޕްލެޓިނަމް، ގޯލްޑް، ސިލްވާ އަދި މެޖެންޓާ އެވެ.

ލޯޔަލިޓީ ކާޑް އިފްތިތާހު ކުރުމަށް ފަހު ފުރަތަމަ ޕްލެޓިނަމް ކާޑް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ވެދުމަށް އަރުވާފަ އެވެ. އެ ކާޑާ ހަވާލުވެވަޑައިގެންނެވީ ރައީއް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުޔ ދައްކަވަމުން އިދިކޮޅުގެ ފަންޑްރައިސިން ގައި އިސްކޮށް ހުންނެވި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ލޯޔަލިޓީ ކާޑް ވިއްކަން ހާއްސަ ކޮށްގެން މިހާރު ވަކި ސެންޓަރެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އެ ސެންޓަރަށް ހޮޓްލައިނެއްވެސް ހަމަޖައްސާފަ އެވެ.

"ތިޔަ ބޭފުޅުން ބޭނުންވަނީ މީގެ ކާޑެއް ބައްލަވައިގެން ކޮންމެ މަހަކު 100 ރުފިޔާ ކޮންޓްރިބިއުޓް ކުރަން. އެ ފުރުސަތު އޮންނާނެ ކޮންމެ މެންބަރަކަށް ވެސް. އަދި އަޅުގަނޑުމެންނަށް އެނގޭ ކިތަންމެ މެންބަރުންނެއް އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ކޮންމެވެސް ސިފައެއްގައި އެހީތެރިވާން ބޭނުންވާ ކަން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމަށް ޒަމާނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެ ބަދަލުތައް ގެނައުމަށް ކަމަށާ ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައި ހިންގަމުންދާ ސިޔާސީ ޕާޓީތަކުން މިފަދަ ލޯޔަލިޓީ ކާޑްތައް ތައާރަފްކޮށްފައިވާ ކަމަށެވެ.

"މިއީ ސިޔާސީ ޕާޓީއަކުން ކުރާނެ އެންމެ ޒަމާނީ މަސައްކަތް ކުރެވެމުން މިދަނީ،"

ސައީދު ވިދާޅުވީ ޕީޕީއެމް އާއި ޕީޕީއެމްގެ ސަރުކާރު ޕްރޮމޯޓް ކުރުމަށް ކުރިއަށް އޮތްތާ ތަފާތު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ލޯގޯ ހިމެނޭ މާސްކާއި ޓީޝާޓް އަދި ޕީޕީއެމްގެ ވެރިކަމުގައި ހިންގާފައިވާ މުހިންމު މަޝްރޫއުތައް ރަމްޒުކޮށްދޭ ގޮތަށް ބައެއް އުފެއްދުންތައް ގެންނާނެ ކަމަށެވެ. އަދި ޒުވާނުންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް "ސްޕޯޓްސް ކެފޭ" އެއް ހުޅުވުުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.