ރައީސް އަބްދުﷲ ޔާމީން

"އެމްޑީޕީގެ ބޭނުމަކީ ޔާމީންގެ ހައިސިއްޔަތު ދުއްވާލުން"

އިދިކޮޅު ލީޑަރަކު ކަނޑައެޅުމާބެހޭ ގާނޫނެއް މުހިންމު ކަމަށް ވިދާޅުވެ އެމްޑީޕީގެ މަޖިލީސް މެންބަރުން ވަކާލާތު ކުރަމުން ގެންދަނީ ރައީސް ޔާމީންގެ ގާނޫނީ ސިޔާސީ ހައިސިއްޔަތު ދުވާލައި ދެރަ ކޮށްލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އާ ދައުރަށް މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރަކު ކަނޑައެޅުމާ ބެހޭ ބިލެއް ހުށައަޅަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެ ފަދަ ބިލެއްގެ މުހިންމު ކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުން ދަނީ ވާހަކަ ވެސް ދައްކަވަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޑިމޮކްރަސީ ފުރިހަމަ ވަނީ ވާދަވެރިންގެ ހިޔާލު ހިމަނައިގެން ކަމަށާ ގާނޫނަކުން އިދިކޮޅު ލީޑަރެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިހާރު އިދިކޮޅު ކޯލިޝަން އޮތް ގޮތުން އިދިކޮޅު އިސް ލީޑަރަކަށް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާ ބޭރު ގައުމުތަކުން ވަޑައިގަންނަވާ އިއްޒަތްތެރިން ވެސް އިދިކޮޅު ލީޑަރުގެ ގޮތުގައި ބައްދަލު ކުރައްވަން ޖެހިވަޑައިގަންނަވަނީ އެކި ފަހަރު އެކި ބޭފުޅުންނާއި ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ނުކުމެ އޮތީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތަށް ކަމަށާ އެހެންވެ ގާނޫނަކުން އިދިކޮޅު ލީޑަތު ސާފުވެފައި އޮތުން މުހިންމު ކަމަށެވެ. އަދި އެފަދަ ބޭފުޅަކަށް މުސާރަ އާއި ހިމާޔަތާއި ރައްކާތެރިކަން އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އިދިކޮޅު ލީޑަރެއް ރިކޮގޮނޮއިޒް ކުރުމަކީ ޑިމޮކްރަސީގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ވަރަށް ބޮޑަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވީމަ އެ ފަރާތްތަކަށް ހިމާޔަތް ދޭން ޖެހޭ ރައްކާތެރިކަން ދޭންޖެހޭ. މުސާރަ ވެސް ދޭން ޖެހޭ. ދެންވެސް ދެވެން ހުރި އެއްޗެއް ހުރިއްޔާ ދޭންޖެހޭ. އޭރުން އަޅުގަނޑުމެންގެ ޑިމޮކްރަޓިކް ނިޒާމު ފުރިހަމަވާނީ،" އާޒިމް ވިދާޅުވި އެވެ.

އެކަމާއި ގުޅޭ ގޮތުން އަވަސްއިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ލީޑަރަކު ސާފު ނުވެގެން ބަޔަކު އުޅެން ނުޖެހޭނެ ކަމަށާ އިދިކޮޅު ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އިދިކޮޅު ލީޑަރަކު ކަނޑައަޅަން ގާނޫނެއް ގެންނަ ވާހަކަ ދައްކަނީ ރައީސް ޔާމިންގެ ގާނޫނީ ހައިސިއްޔަތު ދުއްވާލަން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލު ކުރަނީ ރައީސް ޔާމީން ކަމަށް އިދިކޮޅު ލީޑަރަކީ. އެކަން ބަޔަކު ބޭނުން ވިޔަސް ބަދަލެއް ނުކުރެވޭނެ،"

ހުކުމެއް ތަންފީޒު ކުރާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރުކަން ނުކުރެވޭ ގޮތަށް ކަނޑައަޅާ ޕީޕީއެމްގެ ބާރު އޮތްއިރު ގާނޫނަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތަކީ ބޭއިންސާފު ޝަރީއަތެއް ކަމަށެވެ. އަދި ޝަރީއަތް ކުރިއަށްދިޔައީ ކޮންމެ ގޮތަކަށް ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ހުރިހާ މަރުހަލާއަކުން ނިމިފައި ނުވާ ކަމަށެވެ.

"އޭރު އޮތް އިދިކޮޅުން ވެސް ދެއްކީ މި ވާހަކަ ނޫންތޯ. ހުރިހާ މަރުހަލާއެއް ނުނިމޭ ވާހަކަ. ރައީސް ޔާމީންގެ މައްސަލައިގެ ހުރިހާ މަރުހަލާއެއް ވެސް ނުނިމޭ. އެހެންވީމަ އަޅުގަނޑުމެންގެ ލީޑަރަކީ އަދި އިދިކޮޅުގެ ލީޑަރަކީ ވެސް އެމަނިކުފާނު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގާނޫނު ހަދަނީ އިދިކޮޅު ބައިބައި ކުރުމުގެ ވިސްނުމުގައި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އިދިކޮޅު ލީޑަރަކަށް ޕީޕީއެމް / ޕީއެންސީ އިއްތިފާގު ވަނީ ރައީސް ޔާމީން ކަމުން އެމްޑީޕީގެ ވިސްނުމާއެކު އިދިކޮޅު ލީޑަރަކަށް ވުމުގެ ޝައުގުވެރިކަން އެ ދެ ޕާޓީގެ އެއްވެސް އެއްވެސް ބޭފުޅެއްގެ ނޯންނާނެ ކަމަށެވެ.

އިދިކޮޅު ލީޑަރަށް މުސާރަ އާއި ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ބުނެ ވަކާލާތު ކުރަނީ އަމިއްލަ އެދުންތަކެއް ވެސް އޮވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެ މީހުންނަށް އެނގޭ ކިތަންމެ ވަރެއްވިޔަސް 2023 ނުލިބޭނެކަން. އެހެންވީމަ ބައެއް ބޭފުޅުން މިހާރު އެ ތައްޔާރުވަނީ އިދިކޮޅު ލީޑަރަކަށްވާން. އެ މަގާމުގައި ހުރެ މުސާރައާއި އިނާޔަތް ހޯދަން. ދަންނަވަންތޯ. އެ މީހުންނަށް [އެމްޑީޕީ] ފައިދާއެއް ނެތް ކަމެއް އެ މީހުން ނުުކުރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.