ހަބަރު

ރައީސް ޔާމީން މިނިވަން ކުރަން ވެއްދި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހައްގު ނޫން ހުކުމެއް ކަން އެނގޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 20 މެންބަރު ވޯޓު ދެއްވި އެވެ. އެހެންކަމުން މައްސަލަ ބަހުސަށް ހުޅުވާނުލަން ފާސްވި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މަޖުބޫރުކޮށް ޓޯޗާކޮށްގެން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަމް ބިޝާމް ގާނޫނާ ހިލާފަށް އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަން އިއްޔެ ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލް ކުރަން ކުރި ހުކުމުން ސާފުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި، ހުކުމް ކޮށްފައި ވަނީ އަދީބު ދިން ބަޔާންތަކުގެ މައްޗަށް ކަމަށްވާއިރު، އެ ހެކިތަކަކީ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް ގާނޫނާ ހިލާފަށް އުފައްދާފައިވާ ހެކިތަކުގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަން އެނގޭ ކަމަށް ވެސް ކުއްލި މައްސަލާގައިވެ އެވެ.

"ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގާނޫނާ ހިލާފު ހެކި އުފައްދައިގެން ކޮށްފައިވާ ހުކުމެއް ކަން އެނގެން އޮތުމުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް ވަގުތުން ވަގުތަށް މިނިވަން ކުރަން ގޮވާލަން." ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓުން އެމަނިކުފާނު އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސާލަގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ދާދި ފަހުން އުފުލި އެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.