ޕޮލިޓިކްސް

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް މަޖިލީހަށް

May 23, 2020
3

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ސިޔާސީ ވާދަވެރިކަން ދޫކޮށްލައި ގައުމީ ރޫހެއްގައި ރައްޔިތުން ސަލާމަތް ކުރަން ސަރުކާރާއި ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.

އެހެން ކަމުން ޖަލުގައި ހުންނެވި ރައީސް ޔާމީން މިނިވަންކޮށް ސަރުކާރުން ޔާމީންގެ އެހީތެރިކަން ވެސް ހޯއްދަވަން ޖެހޭ ކަމަށް ޖާބިރުގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ. ޖާބިރު ވިދާޅުވާ ގޮތުގައި ރައީސް ޔާމީންގެ ލަފައާއި މަޝްވަރާ ވެސް މި ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޯއްދަވަން ޖެހި ވަޑައިގަންނަވަނެ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސަރުކާރަށް ހޯދޭނެ އެހީތެރިކަމެއްގެ ގޮތުގައި ޖާބިރު ފާހަގަ ކުރައްވަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން އެހީތެރިކަމެވެ. އެމަނިކުފާނު މެދުވެރިކޮށް އެ ގައުމުތަކުން އެހީ ހޯދޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ވެސް ޖާބިރު ވިދާޅުވެފައި ވެއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.

ނަމަވެސް ރައީސް ޔާމީން ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެ މަނިކުފާނުގެ މައްޗަށް ނުހައްގު ދައުވާއެއް އުފުލައި އިއްވާފައި ވަނީ ނުހައްގު ހުކުމެއް ކަމަށެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު، ކޮވިޑްގެ ހާލަތާ ގުޅިގެން އެ ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްސަލައަށް އެކަނި ހުކުމް އިއްވައި އެމަނިކުފާނު ޖަލުގައި އޮންނެވުމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.