އަހުމަދު ސަލީމް (ރެޑްވޭވް)

ނުފޫޒޫ ފޯރުވައިގެން ޝަރުއީ ދާއިރާ އޮތީ "ޕެރަލައިޒް" ކޮށްފައި: ސަލީމް

Mar 9, 2022
1

އަދުލު އިންސާފުގެ ދާއިރާ ސަރުކާރުގެ ވެރިންގެ މުށު ތެރެއަށްލައި، ޝަރީއަތްތަކަށް އިންތިހާއަށް ނުފޫޒު ފޯރުވައި މުޅި ޝަރުއީ ނިޒާމު "ޕެރެލައިޒް" -- އައްސިކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގައި މިއަދު އިއްވެވި ބަޔާނުގައި ސަލީމް ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކުރާނަމަ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށެވެ. އެހެންވެ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުން އަވަސް ކުރުމަށް ތަކުރާރުކޮށް ސަލީމް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

"ސަކާރުން ވައުދުވީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން. ނަމަވެސް، ވެރިކަމަށް ހަތަރު އަހަރުވާންދާއިރުވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެމުއައްސަސާ މިނިވަންކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ހީލަތްތެރި ރޭވުންތަކާއެކު ޖުޑިޝަރީ ޚަރާބުގެ މަގަށް ގެންދާ މަންޒަރު." ސަލީމް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދޭތެރޭ މިސަރުކާރުންނާއި ޝަރުއީ ދާއިރާގެ ތެރެއިން ކުރަމުންދާ ކަންކަމަށް ވެސް ސަލީމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީގައި ވާދަވެރި އިދިކޮޅު ޕާޓީއަށާއި އިދިކޮޅު ލީޑަރަށް އެދެވޭ ގޮތުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ރައީސް ޔާމީނާއި އަދި އިދިކޮޅު ޕާޓީ ތަކުގެ މީހުން ހުރަގެއަށްލައި، ބަންދު ކުރުމަށް ކަމަށާ އެއީ ސަރުކާރުން ހިންގާ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.

ސަލީމް ވިދާޅުވީ އެއްވެސް އަސާސެއް ނެތް ކަންކަމުގައި ރައީސް ޔާމީން ކޯޓުތަކަށް ދެމުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައުސޫމުކަން ސާބިތުވުމުން ވެސް ރައީސް ޔާމީން ޖަލަށްލުމަށް ސަރުކާރުން މަސައްކަތް ކުރާތީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތުގެ ތާވަލް ކްރިމިނަލް ކޯޓުން ބަދަލުކުރީ ސިޔާސީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަށް ބިރުދެއްކުމަށް ކަމަށްވެސް ސަލީމް ތުހުމަތުކުރެއްވި އެވެ.

"މިއީ ޖުޑިޝަރީ އިސްލާހު ކުރުމުގައި ނަމުގައި ޖުޑިޝަރީ ޚަރާބުކުރުން. އެކަމުގެ ސަބަނުން މުޅި ގައުމު މިދަނީ ފަސާދަވަމުން. މިފަދަ ނާތަހުޒީބު ފިނޑި އަމަލުތައް ނުހިންގުމަށް ސަރުކާރަށް ގޮވާލަން. އަދި ރައީސް ޔާމީންގެ ހުރިހާ މައްސަލަތަކެއް އަނބުރާ ގެނައުމަށްވެސް ސަރުކާރަށް ގޮވާލަން." އިދިކޮޅުން އެދޭ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތްތައް މީގެކުރިން ލައިވް ކުރި ގޮތަށް މިހާރު އެމަނިކުފާނުގެ ޝަރީއަތްތައް ލައިވް ނުކުރަނީ ވެސް ސަރުކާރުން ކްރިމިނަލް ކޯޓަށް ބިރުދައްކަމުންދާތީ ކަމަށް ސަލީމް ތުހުމަތުކުރެއްވި އެވެ. އެގޮތަށް އަމަލުކުރަނީ ވެސް ރައްޔިތުންނަށް ރައީސް ޔާމީންގެ މައުސޫމުކަން ހާމަވެދާނެތީ އެއްވެސް އަސާސެއް ނެތް، ތާކުންތާކު ނުޖެހޭ ބަހަނާއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުން ބިރު ދައްކާތީވެ، މިއަދު އިންސާފުން ބޭރުން ހުކުމްކުރާ ފަނޑިޔާރުންނަށް މަހުޝަރު ދުވަހުން ސަލާމަތެއް ނުވެވޭނެކަން ހަނދުމަކޮށް، މާތްﷲ އަށް ބިރުވެތިވުމަށް ނަސޭހަތްތެރިވަން،" ފަނޑިޔާރުންނަށް އިލްތިމާސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީވެސް މަރުތަކެއް ވިއްކައިގެން އިންސާފު ހޯދައިދޭން ވައުދުވެގެން ކަމަށެވެ. އެކަމަކު މަރުތަކަށް އިންސާފު ލިބުން ލަސްވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ ގެންދަވާ ކަމަށާއި މަރުތަކަށް އިންސަފު ނުލިބުނު ވާހަކަ އިތުރަށް ދައްކަން ސަރުކާރުން މިއަދު ލަދުވެތިވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. މަރުތަކަށް އިންސާފު ހޯދާ، އެ މަސައްކަތް ހަލުވިކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

"ރިޔާސީ ކޮމިޝަންތަކަކީ ސަރުކާރުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދިނުމަށް އުފައްދާފައިވާ ބޭކާރު ތަންތަންކަމަށް ވެއްޖެ. އެ ކޮމިޝަންތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަރަދުކުރާއިރު މަސައްކަތުގެ ނަތީޖާ ނުނެރެވޭތީވެ ކޮމިޝަންތައް އުވާލުމަށް ގޮވާލަން،" ރައީސް އުފައްދަވާފައިވާ ކޮމިޝަން ތަކަށް މަސައްކަތް ނުކުރެވޭކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވި އެވެ.