ގާސިމް އިބްރާހިމް

ލަސްވުމެއް ފަސްވުމެއް ނެތި އިންސާފު ގާއިމުކުރަންޖެހޭނެ: ގާސިމް

ލަސްވުމެއް ފަސްވުމެއް ނެތި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު، އިންސާފު ގާއިމުކުރެވެންވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިގޮތަށް ވާހަަކަދައްކަވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން މިއަދު ގާސިމްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވި ފަހުންނެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކާ ގުޅިގެން ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދަށު ކޯޓުގެ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ. އެހެންވެ ރައީސް ޔާމީނާއި ޕީޕީއެމް އިން ގެންދަނީ އެމަނިކުފާނު ޝަރީއަތްތައް އަވަސްކޮށްދީ އަވަހަށް ނިންމައިދީ އިންސާފު ގާއިމުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކުގައި ތަކުރާރުކޮށް އެދެމުންނެވެ.

ރައީސް ޔާމީންގެ ޝަރީއަތް އަވަސްކޮށްދޭން އެދުނު ނަމަވެސް އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް މައްސަލަ ހައިކޯޓުގައި ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު "މެޑިކަލް ލީވް" އަކަށް ވަޑައިގަންނަވާތީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީނަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެދާނެ ކަމަށް މިހާރު ބެލެވެ އެވެ.

ޕީޕީއެމްއާއި ޕީއެންސީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގުސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، އަދުލު އިންސާފު ގާއިމުކޮށް، ރައްޔިތުންގެ އަސާސީ ހައްްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެހެން ކަމުން ކޮންމެ ދިވެހިރައްޔިތަކަށްވެސް އެ ހައްގުތައް ފުރިހަމައަށް ލިބެން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިޔަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އަދި އެއީ އިންސާނީ ހައްްގެއްވެސް މެއެވެ." ރައީސް ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމެއް ތަންފީޒު ކުރެއްވި ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ވެސް ލަސްވުމެއް ފަސްވުމެއް ނެތި އަދުލުވެރިކަމާ، ހަމަހަމަކަމާއެކު، އިންސާފު މި ގައުމުގައި ގާއިމުކުރެވެންވާނެ ކަމަށެވެ.

"މިއަދު އުފެދޭ ސުވާލަކީ މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ އިންސާފުގެ މަގުހޯދުމަށް ކުރި ދަތުރުގަައި ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވައުދުވި ގޮތަށްތޯ އެވެ؟" ސަރުކާރަށް އަމާޒުކޮށް ގާސިމު ސުވާލެއް އުފެއްދެވި އެވެ.