މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯދުމަށް ޕީޕީއެމް އާއި ކޯލިޝަން ހެދުމަށް އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފީގެ މެންބަރުންނަށާއި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ދައުވަތު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގް ވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑު އެދެން އެމްޑީޕީގެ މެންބަރުންވެސް މާފަށް އެދިވަޑައިގަންނަވަން ދިވެހި ރައްޔިތުންގެ ކައިރިން މިހާ ހަމަ ނުޖެހޭ ބޭފުޅަކު އިގްތިސޯދީ ކަންކަން މެނޭޖް ކުރަން ނޭނގޭ ބޭފުޅަކު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ގެނެވުނީތީ. މީނަ ބާލަން ޖެހޭނު އެބަ. ނުޖެހެ؟" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ 2018 ވަނަ އަހަރު ކޮންމެވެސް ސަބަބަކާއި ހުރެ ރައީސް ސޯލިހަކީ ވަރަށް ވިސްނުން ތޫނު ވަރަށް ހިކުމަތްތެރި ބޭފުޅެއްކަމަށް ހީކޮށް ވެރިކަމަށް ގެނެވުނު ބޭފުޅުން ރައީސް ސޯލިހް ނޫން ގޮތެއް ހޯދުމަށް ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް ގޮވާލާ ކަމަށެވެ.
އެމްޑީއޭ އަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޕާޓީއެއް ކަމަށާއި އެމްޑީއޭވެސް ޕީޕީއެމްއާއި އެކު މަސައްކަތް ކުރުމަށް ދައުވަތުދޭ ކަމަށް ތޯރިގް ވަނީ ވިދާޅުވެފަ އެވެ.
ދެން އަންނާނީ ޕީޕީއެމްގެ ވެރިކަމެއް ކަމަށާއި މި ވެރިކަން މިދަނީ ނިމެން ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ޖޭޕީއާއި އެކު އިންތިހާބެއްގައި އިހްލާސްތެރިކަމާއިއެކު މަސައްކަތް ކުރި ހަމަ އެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށާއި އެމްޑީޕީން ދިނީ ލަނޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ސޯލިހަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް ކަމަށް ހީކޮށް ވަރަށް ގިނަ ރައްޔިތުންތަކެއް ވޯޓް ދިނީ. އެކަމަކު ގެނެސް ތަހުތައް އެރުވީމާ މި އިނގެނީ މީގަ ހުރި ކަމެއް. އެއަކު ނެތް އެއްވެސް ކަމެއް. ހަމަ ހުސްކޮށް ހުރީ. ހުސްކޮށް ހުރީ. ވާ ކޭ އުނބެކޭ އެއްވަރެއް،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރައީސް ނަޝީދާއި ގާސިމް އިބްރާޙިމް ކޯލިޝަން ހައްދަވައިފި ނަމަ ރައީސް ސޯލިހު ދާނީ އިންތިހާބުގެ ތިންވަނައަށް ކަމަށެވެ. އަދި އެމްޑީޕީން އަދާލަތު ޕާޓީ ކަހަލަ ކުޑަ ޕާޓީ އަކާއެކު ކޯލިޝަން ހަދަން މަސައްކަތް ކުރަމުން ދަނީ އެކަން އެނގޭތީ ކަމަށްވެސް ވިދާޅުވި އެވެ.