ރިޔާސީ ބަޔާން

ރިޔާސީ ބަޔާނަށް ޖަވާބުދޭން މައިނޯރިޓީ ލީޑަރު ތައްޔާރު

Feb 20, 2022
2

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އެންގުމުން ރިޔާސީ ބަޔާނަށް ޖަވާބު ދޭނެ ކަމަށާއި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން އެހެން ޕާޓީތަކުގެ ހިޔާލުވެސް އެކަމަށް ހޯދަންޖެހޭތީ އެ ބައްދަލުވުންތައް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ ހަފްތާ ވެސް އެހެން ޕާޓީތަކާ އެކު ބައްދަލުވުމެއް ބޭއްވިން. މިހަފްތާ ވެސް އަދި އެއް ބައްދަލުވުން އޮންނާނެ. މަޖިލިސް އިދާރާ އިން އެންގުމާ އެކު ޖަވާބުދާރީވާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.

ގަވައިދުގެ 32 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވާ މަޖިލީހުގައި ހިމެނޭ އެހެން ޕާޓީ ތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެން ކަަމަށެވެ. މިގޮތުން މެންބަރުންގެ ހިޔާލާއި ފިކުރު ހޯދާނީ މިކަމަށް ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާކޮށްގެން ކަމަށްވެސް ބުނެފައިވެ އެވެ.

އެ މާއްދާ ގެ (ރ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ތައްޔާރުވުމުން އެ ޖަވާބު ދިނުމަށް އެދޭ ޖަލްސާއެއް މަޖިލީހުގެ ރައީސަށް އެ ޖަވާބުދޭ ފަރާތުން އެންގުމުން އެ ޖަލްސާއެއްގައި އެ ޖަވާބު ދެވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި ރިޔާސީ ބަޔާން އިއްވުމުގައި ވަގުތުން ދުރަށް ފޮނުވުމަށް ހަރަކާތްތެރިވި ފަރާތްތަކުން ރިޔާސީ ބަޔާނުގެ ޖަވާބު ވެސް ހަމަ އެ އުސޫލުން ވަގުތުން ދުރަށް ފޮނުވައިދޭން ވާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ގަވައިދުގެ 32 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ދޭން ވާނެ ކަމަށެވެ ގަވައިދުގައި ބުނާ 14 ދުވަހުގެ މުއްދަތު ވަނީ ފަހަނައަޅާ ގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވީ މިމަހުގެ ތިންވަނަ ދުވަހު އެވެ.