ހަބަރު

ރިޔާސީ ބަޔާނަށް ޖަވާބުދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު

Feb 3, 2020
2

މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވަވާފައިވާއިރު، އެ ބަޔާނަށް މަޖިލީހުން ޖަވާބު ދެއްވާނެ ބޭފުޅަކު ހޯދަންޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވައިދުވާގޮތުން، ރިޔާސީ ބަޔާނަށް ޖަވާބު ދޭނީ، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރެވެ.

ރިޔާސީ ބަޔާނަށްފަހު ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައިސް ނިސްބަތްވާ އެމްޑީޕީ ފިޔަވައި، ޕީޕީއެމްގެ ފަސް މެންބަރުން، ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުން، ޕީއެންސީގެ ތިން މެންބަރުން އަދި އެމްޑީއޭގެ ދެ މެންބަރުން މަޖިލިސް ތަމްސީލު ކުރައްވާ ކަމަށެވެ.

ނަމަވެސް، މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއްކަމެއް އަދި ކަނޑައެޅިފައިނުވާ ކަމަށެވެ.

"...ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންނަށް ސާފުކުރެވުނީމާ، ޖަވާބު ދިނުމުގެ މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު، އިދިކޮޅު ޕާޓީތަކުގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ވަނީ ހިމޭން އިހުތިޖާޖެއް ކޮށްފަ އެވެ.

އެ ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަރުދާސްތަކާއެކުގަ އެވެ. އަދި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން އެމަނިކުފާނު ކުރިފުޅުމަތީގައި އިދިކޮޅު ފަސް މެންބަރަކު ހިމޭން އިހުތިޖާޖެއް ކުރި އެވެ.