ހަބަރު

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ހޯމަ ދުވަހު

Feb 19, 2020
1

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ފަރާތުން ޖަވާބު ދިނުން އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގައި ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެހެންކަމުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަށްޓަކައި އެކަން ތާވްލުކޮށްދިނުމަށް މައިނޯރިޓީ ލީޑަރު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން، ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުން ތާވަލުކުރެއްވިފައިވާކަމަށް ނަޝީދު މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް. އެ ދުވަހު ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މަޖިލީސް އަޅުގަނޑު ހުޅުވާލާ ދުވަސް. އެއްގޮތަކީ އެމްޑީޕީގެ 65 މެންބަރުންގެ ނަން އިއްވާފައި، ބައިތިއްބާފައި އެ އިއްވޭނެ ގޮތެއް ހޯދުން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެމްޑީޕީގެ ފަރާތުންވެސް އެކަމަށް ހުރަސްނާޅުއްވާނެ ކަމަށާއި، ބަޔާނަށް ދެއްވާ ޖަވާބުވެސް ވަކި "ތަޖުވީދަކަށް" ބައްޓަންވެފައި އޮންނާނެކަމަށް އުއްމީދު ކުރައްވާކަމުގައިވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް އިދިކޮޅު މެންބަރުންގެ ފަރާތުން ދޭ ޖަވާބު ތައްޔާރުކުރުމަށް މަޖިލީހުގައި ދެން ތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބޭއްވިކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މަޖިލީހުގައި ދެން ތިއްބަވަނީ އިދިކޮޅު ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނާއި އަމިއްލަ ހަތަރު މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެެ މެންބަރު އަބްދުﷲ ޖާބިރެވެ.