ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާންގެ ޖަވާބު ތައްޔާރު ކުރަން އިދިކޮޅު މެންބަރުންގެ ބައްދަލުވުމެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުން ދޭ ޖަވާބު ތައްޔާރު ކުރުމަށް އެ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 12:30 ގައި މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގަައި އޮންނާނެ ކަމަށެވެ.

"އިދިކޮޅު މެންބަރުންގެ މި ބައްދަލުވުން އޮންނާނީ މިއަދު މެންދުރުފަހު 12:30 ގައި ކޮމިޓީ ނަންބަރު އެކެއްގައި. އެ ކޮމިޓީ ކޮމިޓަރިކޮޅަށް ވަދެވަޑައިގަންނަވާނީ [އެމްޑީޕީގެ] ވާދަވެރިން. ރައީސުލްޖުމްހޫރިއްޔާ ޕާޓީ [އެމްޑީޕީ] ގެ މެންބަރުންނެއް އެ ކޮޓަރިކޮޅަކަށް ވަދެވަޑައެއް ނުގަންނަވާނެ. އެ ތަނުގައިވާ ކަންކަން ބެލުމަށް ވަދެވަޑައިގަތުމަކީ ވެސް ބުއްދިވެރި ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގައި ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެހެންކަމުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި ސަލީމް އެ ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން ރައީސްގެ ޕާޓީ، އެމްޑީޕީ ފިޔަވައި މަޖިލީހުގައި ދެން ތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށެވެ. މިއަދު ބާއްވާ ބައްދަލުވުމަކީ އެ ކަމަށް ބާއްވާ ބައްދަލުވުމެކެވެ.

މަޖިލީހުގައި ދެން ތިއްބަވަނީ އިދިކޮޅު ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނާއި އަމިއްލަ ހަތަރު މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެެ މެންބަރު އަބްދުﷲ ޖާބިރެވެ.