އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް މިއަދު ނެގި ވޯޓްގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި ކޯލިޝަންއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިނުވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން މިއަދު ވަނީ 2022 ވަނަ އަހަރުގެ ބަޖެޓާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް މިއަދު ނެގި ވޯޓްގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި ކޯލިޝަންއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިވެފައިނުވާ ކަމަށެވެ. އަދި އެއީ ވަރަށް ޒިއްމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއް ކަމަށް ސިފަކޮށްފައިވެއެވެ.
އެނގިފައިވާ ގޮތުގައި ބަޖެޓަށް ވޯޓަށް އެހި ވަގުތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ އޮމްބޮޑްސްޕާސަންގެ އޮފީހުގެ އިސް ބޭފުޅުންނާއެކު ބައްދަލްވުމެއްގައެވެ. އީވާވެސް އިންނެވީ ބައްދަލްވުމެއްގައެވެ. ބަޖެޓަށް ވޯޓަށް އެއްސެވީ ރިޔާސަތުގައި ހަސަން އަފީފު އިންނަވައިގެންނެވެ.
ބަޖެޓަށް އިދިކޮޅު ކޯލިޝަންގެ މެންބަރުންވެސް ވޯޓެއް ނުދެއެވެ. އެ ބަޔާނުގައި ވަނީ ވޯޓް ނުދިން ސަބަބުތައް ސާފުކޮށްދީފައެވެ. ބަޔާނުގައި ބުނެފައިވަނީ މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށާ ލިބެން ހުރި ހިސާބުތަކަށް ބަލައި މިހާތަނަށް ލަފާ ކުރެވޭ ގޮތުގައި މި ވެރިކަމުގެ ފަސް އަހަރު ދުވަހުގެ މުއްދަތުގައި ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ. އަދި ދައުރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުންދިވެހި ރާއްޖޭގެ ދަރަނި ހުންނާނީ 105 އިން ސައްތައަށްވުރެ މަތީގައި ކަމަށެވެ.
"ފައިސާ ޗާޕު ނުކުރުމަށް އިދިކޮޅުން ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށްވެސް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ސަސްޕެންޑު ކުރުމަށްފަހު ސަރުކާރުން މިދިޔަ އަހަރުވަނީ 4.4 ބިލިއަން ރުފިޔާ ޗާޕްކޮށްފައެވެ. ފައިސާ ޗާޕުކުރުމަށްފަހު ސަރުކާރުން ބުނެފައިވަނީ އެއް އަހަރުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކޭނެ ކަމަށެވެ. ނަމަވެސް އެއް އަހަރު ވީއިރުވެސް އެ ފައިސާ ދައުލަތަށް ދައްކާފައެއް ނުވެއެވެ. ސަރުކާރުގެ ހިންގުމުގެ ހަރަދު ފޫބައްދަން މިގޮތަށް ފައިސާ ނެގުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް މަރުކަޒީ ބޭންކުންނާއި އިގްތިސާދީ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް ގަވަރުނަރުގެ ބާރާއި މިނިވަންކަމަށް އަރައިގަނެ ކުރިން ޗާޕުކުރަން ނިންމާފައިވާ 4.4 ބިލިއަން ރުފިޔާގެ އިތުރަށް އަނެއްކާވެސް ސަރުކާރުން މިވަނީ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހާ ހަމައަށް ހޯދާފައެވެ. އެހެންކަމުން ޖުމްލަ 6.9 ބިލިއަން ރުފިޔާ ޗާޕުކުރާ ފައިސާގެ ގޮތުގައ ހިމެނެއެވެ،"
އިދިކޮޅު ކޯލިޝަނުން ބުނީ ކުރިން ދައްކަން ހުރި ފައިސާ ބޮންޑަކަށް ބަދަލު ނުކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަރަށް ޔަގީން ކަމާއެކު މަޖިލިސްގައި ވިދާޅުވެ މިހާރު އެ ފައިސާ (4.4 ބިލިއަން ރުފިޔާ) އަކީ 50 އަހަރުން ދައްކާންޖެހޭ ލޯނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ އެކްސްޗޭންޖް މާކެޓުގައި ޑޮލަރުގެ އަގު އިތުރަށް މަތިވެ ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވެ ވިޔަފާރިތަކަށް ހީވެސް ނުކުރާފަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި މިއީ އާއްމު ރައްޔިތުންނަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
މިކަންކަން ކުރަމުން ދަނީ އިދިކޮޅުގެ އަޑު މަޖިލީހުގައި ކަނޑުވާލާ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ވާހަކަ ދައްކަން ލިބޭ ފުރުސަތުގައި މެޖޯރިޓީއޮތް އެމްޑީޕީގެ މެމްބަރުންނަށް ހުރަސްއަޅާ ވަރަށް ބޮޑަށް ދަތި ކުރުމާއެކީ ކަމަށްވެސް ބުންޏެވެ.
"ސަރުކާރުން މިހާ ޒިންމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިގްތިސާދު ފުނޑާލުމަކީ 'އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް' ނުވާނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި މި ކޯލިޝަނުން ދެކެމެވެ. އަދި މިއީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއްކަންވެސް ފާހަގަ ކުރަމެވެ،"
ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި މިފަދަ ނާޒުކު ހާލަތެއްގައި އުފައްދަން ނުޖެހޭ ބޮޑެތި ހަރަދު ހިނގާ ސިޔާސީ އަދި ސިޔާސީ ނުފޫޒު ފޯރުވާފަދަ އިދާރާތައް އިތުރުކޮށްގެން ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އަދި ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ބޭރު ފަރާތްތަކަށް ވިއްކައިގެން 50 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ނިންމާފައިވުމަކީ ނުރައްކާތެރި ރޭވުމެއް ކަމުގައި ބުނެފައިވެއެވެ. މިހާރުވެސް ކިޔަވައިދޭ މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އަދި ރައްޔިތުންގެ އިމާރާތްތައް މޯގޭޖްކޮށް ލޯނު ނަގަމުންދާއިރު 100 ބިލިއަނަށްވުރެ ދައުލަތުގެ ދަރަނި މައްޗަށް ގޮސްފައިވާކަމަށްވެސް ބުންޏެވެ.
"މިކޯލިޝަންގެ މަޖިލިސް މެމްބަރުންވާނީ ތަކުރާރުކޮށް ފައިސާ ޗާޕު ނުކުރުމަށާއި މިހާރު އޮތްގޮތަށް މިބަޖެޓް ފާސްނުކުރުމަށާއި ބަޖެޓުގައިހުރި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް ސިޔާސީ ވަޒީފާތައް މަދުކޮށް ސަރުކާރުގެ ވެރިންގެ ދަތުރުތަކަށް ކުރާ ހަރަދުން ބައެއް އުނިކޮށް ސަރުކާރު ހިންގުމުގެ ހަރަދުތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ބަޖެޓް ބައްޓަންކުރުމަށް ގޮވާލާފައެވެ. އަދި އެކަމާ މަޝްވަރާ ކުރުމަށްވެސް ތަކުރާރުކޮށް އެދިފައެވެ،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ބަޖެޓަށް ވޯޓު ނުދިނީ އެއިން އެއްވެސް ވާހަކައެއް އަޑުއެހުމެއްނެތި ސަރުކާރުން ހުށައެޅިގޮތަށް އިންތިހާއަށް ދަރަނި ބޮޑު ބަޖެޓެއް ދަރީންގެ ދަރީންގެ ބޮލުގައި އެޅޭގޮތަށް ފާސްކުރަން ވޯޓު ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ކުރާން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ ކަމަށްވެސް ބުންޏެވެ.