ރިޕޯޓް

ބަޖެޓުގެ ދެކަފި މިސްރާބު 2023 އާ ހަމައަށް!

ފަހުގެ ތާރީހެއްގައި ދުނިޔެއާއެކު ރާއްޖެ ވެސް ނުދެކޭ ފަދަ ދަތި ހާލަތެއް ކަޑަތު ކުރަމުންދާ ދުވަސްވަރެއްގައި، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ، އެއްވެސް ސަރުކާރަކަށް ހުށަހަޅަން އެންމެ އުނދަގޫ ބަޖެޓް ކަމަށް ރައްޔިތުން ވެސް އިއްތިފާގު ވާނެ އެވެ. މާދަމާ ވެސް ވާނެ ގޮތެއް ނޭނގޭ ބޮޑު ސިއްހީ ކާރިސާއެއްގެ ތެރޭގައި އުޅެންޖެހިފައިވާއިރު، އަންދާޒާތަކާއި ލަފާ ކުރުންތަކެއްގެ މައްޗަށް ކުރަހައި، ކުލަ ޖައްސަން ޖެހޭ ބަޖެޓާ މެދު ސުވާލުތަކާއި ކަންބޮޑުވުންތައް ހުންނާނެކަމީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމާގައި އަދި އޮތް ބަޖެޓާ ގުޅޭ ގޮތުން، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތައް އިތުރުވެ، ކޮވިޑް-19 އިގެ ހާލަތުގައި މިހާރު ވެސް ނިކަމެތިވެފައިވާ ރައްޔިތުންގެ ހިތްތަކުގައި އޮތް އުއްމީދުތަކަށް ވަނީ ނުތަނަވަސްކަމެއް ވެރިވެފައި އެވެ.

އެކަން ވާނީ ވެސް އެހެނެވެ. ސަރުކާރު ހިންގަންތިބި ވެރިންނަށް ބަޖެޓަށް އިތުބާރު ނެތް ކަމަށް ހާމަވެގެން ދިއުމުން، އާދައިގެ ރައްޔިތު މީހާގެ ހާސްކަން ބޮޑުވާނެ އެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއި ތަސައްވަރު ވަރަށް ތަފްސީލުކޮށް ހާމަކޮށް ދެއްވައިފަ އެވެ. ހުލާސާއަކީ މިއީ އެވެ؛ އަންނަ އަހަރުގެ 34.7 ބަޖެޓުގެ ދެ ބައި ކުޅަ އެއް ބަޔަކީ ޑެފިސިޓެވެ. އެކަމަކު ދަރަނި ނަގައިގެން ވިޔަސް ނޫނީ "މާމަގެ ފައްޓަރު ބައި ވިއްކައިގެން" ވިޔަސް، އިގުތިސޯދު އަލުން ހިންގަން ސަރުކާރަށް މަޖުބޫރުވެ އެވެ.

އަމީރު ހާމަ ކޮށްދެއްވި "ކައުންޓާސިސްލިކަލް ފިސްކަލް ޕޮލިސީ" ގެ މަފްހޫމަކީ އެއީ އެވެ. ފަތުރުވެރިންނަށް ނާދެވި، އިގުތިސޯދުގެ މައި އިންޖީނު އެކީގައިހެން ނިވިފައިވާ ދަނޑިވަޅެއްގައި، އިގުތިސޯދު ހިންގެން އޮތީ ސަރުކާރަށް އެކަންޏެވެ. މަޝްރޫއުތަކުގެ ތެރެއިން ވިޔަފާރިތަކަށާއި އާއްމުންނަށް އިންކަމް ސަޕޯޓު ދީގެންނެވެ. އެކަން ކުރަން ފައިސާ ބޭނުންވެ އެވެ. ދަރަނި އިތުރަށް ނަގައިގެން ވިޔަސް ކުރާނެ ކަމެއް ނެތެވެ. އަމީރު ވިދާޅުވި ގޮތަށް ކުރު ރާސްތާގެ މައްސަލައެއް އަހަރުތަކަކަށް ދިގު ދެމިގެން ދިއުން ހުއްޓުވެން އޮތީ، ގައުމުގެ އުފެއްދުންތެރިކަން އިތުރު ކޮށްގެން، ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ކޮށައިގެނެވެ.

ވިޔަފާރިތަކަށް އެހީތެރިވެ، ވިޔަފާރިތައް ކުރިއަރާނެ މަގު ހޯދައިދޭން ޖެހޭ. ގޭބިސީތަކަށް އެހީތެރިވެ، ހާލުގައި ޖެހުނަ ނުދީ ހިފެހެއްޓޭނެ ގޮތްތައް ހޯދަންޖެހޭ. މިހާ ބޮޑު ޑެފިސިޓް ބަޖެޓެއް ހިންގަން ޖެހިފައި ވަނީ ރާއްޖޭގެ އިގުތިސޯދު އިތުރަށް ގޯސްވިޔަ ނުދީ މި އަޑިގަނޑުން މައްޗަށް އެރޭތޯ މަސައްކަތް ކުރުމަށް
ފިނޭންސް މިނިސްޓަރު | އިބްރާހިމް އަމީރު

ބަޖެޓު ބަހުސް އެހެން މިސްރާބަކަށް

މިދިއަ ހޯމަ ދުވަހު މަޖިލީހުގައި ބަޖެޓު ބަހުސް ފެށީ ކޮންމެ މެންބަރަކަށް 15 މިނެއްޓު މަގުން 21 ގަޑިއިރު ހޭދަވާނެ ކަމަށް ކަނޑައަޅައިގެންނެވެ. ނަމަވެސް، މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވާއިރު، ބަހުސް ކުރިއަށްދާ މަންޒަރެއް ނުފެނުނެވެ. ތަރުހީބު ކުޑަކަމުން، ބަހުސް ކުރުކޮށްލާނެ ކަމުގެ އިންޒާރު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކި ފަހަރު މަތިން ދެއްވައިގެން ވެސް ބަހުސަށް އާރޯ ކަމެއް ނައެވެ.

އެ ދުވަހު ވާހަކަ ދެއްކެވި ހުރިހާ އެމްޑީޕީ މެންބަރުން ވެސް ވަނީ ދަރަނި ނަގައިގެން ޑެފިސިޓް އިތުރުވި ނަމަވެސް، އެއީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ކަމާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަޝްރޫއުތައް ހިންގަންޖެހޭކަން ފާހަގަކު ރައްވައި، ސަރުކާރަށާއި ބަޖެޓަށް ތައުރީފު ކޮށްފަ އެވެ.

އަދި މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުންގެ އުއްމީދުތަކާ އެއް ގޮތަށް ހުރިހާ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން ވަނީ ނުސީދާކޮށް އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ކެތްތެރިވުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ބަޖެޓަށް ތައުރީފު ކުރެއްވި އެމްޑީޕީ މެންބަރުންނަށް އިޝާރާތް ކުރައްވައި، ނަޝީދު ވަނީ އެ މެންބަރުންނަށް އޮތީ "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" ކިޔުއްވުން ވިދާޅުވެފަ އެވެ.

ވިދިގެން އައި އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، ދެ ގަޑިއިރެއްހާ އިރަށް މަޖިލިސް ބާއްވައިގެން ބަހުސް ކުރިއަށް ގެންދިއަ އެވެ. ކުރީ ދުވަހުގެ ވަނދު ކަމަކަށް ބަދަލެއް ނާދެ އެވެ. ބަހުސްގެ މިސްރާބު ހުރީ އެއް ދިމާލަކަށެވެ. ތަފާތު ރަހައެއްލީ އިދިކޮޅު މެންބަރުން ދެއްކި ވާހަކަތަކުންނެވެ. ބަޖެޓަށާއި ސަރުކާރަށް އަމާޒުކުރި ފާޑުކިއުންތަކާއެކު އެވެ. އެއާއެކު، ނަޝީދު އިންޒާރު ދެއްވި ގޮތަށް، ބަހުސް ހަގީގަތުގައި ވެސް ކުރުކޮށްލަފާނެ ކަމަށް ހީވި އެވެ.

އެކަމަކު ބުދަ ދުވަހުގެ ޖަލްސާއާއެކު ބަހުސް ފައްޓަވައި ދެއްވީ ނަޝީދު ވެސް އާ ޖޯޝަކާއި ރޫހެއްގައި އިންނަވައިގެންނެވެ. ކުރިއަށް ވާހަކަ ދައްކަވަން ތިއްބެވި "ތަރިންގެ" ނަންތައް ވެސް އިއުލާނުކޮށް ދެއްވަމުންނެވެ. އެ މެންބަރުންގެ ވާހަކަތަކަށް ރައްޔިތުން އިންތިޒާރު ކުރުމުގެ ނުސީދާ ދައުވަތަކުންނެވެ. އެއާއެކު ބަޖެޓުގެ ބަހުސް މުޅިން އެހެން މިސްރާބަކަށް އެނބުރިގެން ދިއަ އެވެ.

މިގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ފަދަ ބޭފުޅުން ވަނީ އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މާލީ އަދި ދަރަނީގެ ސިޔާސަތުތަކާ ގުޅޭގޮތުން ކުއްލިއަކަށް ގިނަ ސުވާލުތަކެއް ބަންޑުންކޮށްލާފަ އެވެ.

މާލީ ވަޒީރު އެ ވިދާޅުވާ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީ، ސްޓިމިއުލަސް ޕޮލިސީ އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް އެކަމަކު އެ ޕޮލިސީ ހިނގާނެކަމާ ދޭތެރޭ ސުވާލު އުފެދެނީ
ގަލޮޅު އުތުރު ދާއިރާގެ މެންބަރު | އީވާ އަބްދުﷲ

ދަރަނި އިންތިހާއަށް ބޮޑު ބަޖެޓުގައި ހިމަނާފައިވާ ބައެއް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަކާމެދު ވެސް ބައެއް މެންބަރުން ކަންބޮޑުވުންފާޅުކޮށްފައިވާއިރު، ދައުލަތަށް އާމްދަނީއެއް ނުލިބޭ ގޮތަށް ކޮންމެހެން ހިންގަން ނުޖެހޭ ފަދަ ކުޅިވަރު ދަނޑުތަކާއި އިމާރާތް އެޅުމާއި، މަގުތަކުގައި ތާރު އެޅުން ފަދަ މަޝްރޫއުތައް އުނި ކުރުމަށް ވެސް އެ މެންބަރުން ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް، ބަޖެޓާ މެދު އެމްޑީޕީ މެންބަރުންގެ ތެރެއިން ފެންމަތިވެގެން އައި ސުވާލުތަކުގައި ސިއްކަ ޖައްސަވައި ދެއްވީ ސީދާ ރައީސް ނަޝީދެވެ. މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، މިފަދަ އިންތިހާއަށް ޑެފިސިޓް ބަޖެޓަކަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެ، ބަޖެޓާމެދު އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވާ ނަޝީދު ވަނީ އެމަނިކުފާނުގެ ފަހު ރައުޔު ހާމަކޮށްދެއްވައިފަ އެވެ.

ހިޔާލު ތަފާތުވުން މައްސަލައެއް ނޫން

ރޭގަނޑާ ހަމައަށް ބުދަ ދުވަހުގެ ޖަލްސާ ދިގުދަންމާލައިގެން 15 ގަޑިއިރެއްހާ އިރަށް ފަހު ބަހުސް ނިންމާލައި، އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ޖެހިގެން އައި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ކުއްލި ގޮތަކަށް ތާވަލުކުރި ބައްދަލުވުމުގައި އެންމެ ފުރަތަމަވެސް އަމާޒުވި ސުވާލަކަށްވީ ބަޖެޓާ ގުޅޭގޮތުން އެމަނިކުފާނު ސަރުކާރާ ހިޔާލުތަފާތުވާ މައްސަލަ އަށެވެ.

އާއްމު އުސޫލުން އެމަނިކުފާނު ދެއްވީ ވަރަށް ޑިޕްލޮމެޓިކް އަދި ޒިންމާދާރު ޖަވާބެކެވެ. އެއީ ސަރުކާރާއި މަޖިލީހުގެ ވިސްނުން އެއްގޮތްވާން ނުޖެހޭ ވާހަކަ އެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ އަސާސަކީ އެއީކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި ދެ ބާރުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަމަވެސް، 19 ވަނަ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެވެ. ވާހަކަ ދައްކަވާނީ ހަގީގަތަށް ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެކަމާ ބައެއް ބޭފުޅުން ހިތްހަމަނުޖެހުނަސް ފަރުވާލެއް ނެތެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން ވެސް ނަޝީދުގެ ވާހަކަފުޅާ އިއްތިފާގުވެ ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓަކީ ލަފާކުރުންތަކެއްކަމަށްވާއިރު، ބަހުސްގެ ތެރެއިން އިވިގެންދިއަ ހިޔާލުތަފާތުވުން ތަކަކީ މައްސަލައެއް ނޫނެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި 19 ވަނަ މަޖިލީހުން ފެންނަމުން ދަނީ މީގެ ކުރިން މަޖިލީހުގެ ތަޅުމުން ނުފެންނަ މަންޒަރެކެވެ. ވަކި ޕާޓީއަކަށް ނިސްބަތްވާތީ ސަރުކާރަށް ފާޑުކިއުން ނުވަތަ ސަނާ ކިއުމުގެ ސަގާފަތް ނިންމުމަކަށް ގެނެވުނުކަމެވެ. މެޖޯރިޓީ އޮތީމާ "ރަބާ ސްޓޭމްޕް" ޖެހުމުގެ ކަޅު ތާރީހު ނިމި، މަޖިލިސް ވަނީ މިނިވަންވެ، ޒިންމާދާރުވެފައި އެވެ.

"ބަޖެޓެއްގައި މި ހިމެނެނީ އެސްޓިމޭޓުތަކެއް. އެހެންވީމާ އިކޮނޮމިކްސްގައި އަބަދުވެސް ހިޔާލުތަފާތުވުންތަކެއް ހުންނާނެ. އޭގައި އިތުރު އެހެންކަމެއް އުޅޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަލީ ވިދާޅުވި އެވެ.

ހަގީގަތް ގުޅެނީ ރިޔާސީ އިންތިހާބަށް

ނަމަވެސް، އެމްޑީޕީގެ ތެރޭގައި އޮތް ފާޑެއްގެ ކޯޅުމުގައި ފޮރުވިފައިވާ މަގުސަދުގެ އިޝާރާތެއް ދެއްވީ އަލީ ހުސެއިން ވެސް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް 2021 ގެ ބަޖެޓާ ގުޅޭގޮތުން ހިއްސާ ކުރެއްވި މެސެޖެއްގައި ގާސިމް ވިދާޅުވި ގޮތުގައި ބަޖެޓް ވަރަށް ރަނގަޅެވެ. ބަޖެޓް ކަމުނުގޮސްގެން އުޅެނީ މި ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުންނަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް ބަޖެޓް ފާސް ކުރަނީ ދަރަނި ހިމަނައިގެނެވެ. ފާސްކުރާ ބަޖެޓްގައި ޖަހާ އަދަދަށް އެއްވެސް އަހަރަކު ފައިސާއެއް ނުލިބެ އެވެ. އަދި ބަޖެޓް ފާސް ކުރަން ދެކޮޅު ހެދުމުން ގެއްލުން ވާނީ ރައްޔިތުންނަށެވެ. މަޖިލީހުން ބޭނުންވަނީ ރައްޔިތުން ބަނޑަށް ޖައްސަންތޯ ވެސް ގާސިމް ވަނީ ސުވާލު ކުރައްވާފަ އެވެ.

ގާސިމް އިޝާރާތް ކުރެއްވީ އިދިކޮޅު ފަރާތްތަކަށް ކަމަށް ބުނެ ފަރުޖައްސާލެވިދާނެ އެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރާ މައިގަނޑު މަސައްކަތަކީ ވެރިކަމަށް އައުން ކަމަށްވާއިރު، ގާސިމްގެ މެސެޖު ރައްދު ކުރެއްވީ އިދިކޮޅަށް ކަމަށް ނުބެލެވެ އެވެ.

ސަބަބަކީ، ބަހުސްގެ ތެރެއިން އެމްޑީޕީގެ މެންބަރަކު ވެސް ވިދާޅުވި ފަދައިން، ކޮންމެ ސަރުކާރަކުން ވިޔަސް، ހުށަހަޅާ ބަޖެޓެއް އިދިކޮޅަށް ކަމަކުނުދާނެ އެވެ. ކަމުދާކަށް ނުވެސް ޖެހެ އެވެ. ކިތަންމެ ރަނގަޅުކަމެއް ވިޔަސް އެކަމަށް އެއްބަސްވެވެން ނޯންނާނެ އެވެ. އެއީ ސިޔާސީ ވާދަވެރިކަމުގެ އަސާސެވެ.

އެހެންކަމުން، މީގެ އަޑީގައި އެމްޑީޕީގެ ތެރޭގައި ސިޔާސީ މަގުސަދެއް އޮތް ކަމަށް ބާރު ލިބެނީވެސް ސީދާ އެ ސަބަބާހެދި އެވެ.

މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް އަމާޒުވާ ފާޑުކިއުންތައް ދިފާއުކުރުމުގެ އެންމެ އިސް ސަފުގައި އަބަދުވެސް ހުންނަވާ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވަނީ ބަޖެޓާ ގުޅޭގޮތުން އުފެދިގެން އުޅެނީ "އިކޮނޮމިކްސް" އާ ގުޅޭ ހިޔާލުތަފާތުވުމެއް ނޫން ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

އިގުތިސޯދު ވެއްޓިފައިވާ ވަޅުގަނޑުން ނެގުމަށް ސަރުކާރުން ވިސްނާފައިވާ ސިޔާސަތަށް ތަރުހީބު ދެއްވަމުން ޝަރީފް ވިދާޅުވީ މިވަގުތު ބަޖެޓު ކުޑަކޮށްގެން، ހަރަދު ތަކުގައި އަތް އަޅައިގެން ސަރުކާރުން ތިބެއްޖެނަމަ އޭގެން ރައްޔިތުންނަށްވާ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

"ސިއްހީ އަދި އިގުތިސޯދީ ކާރިސާއެއް ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި، ސިޔާސީ ލީޑަރުން އެބަޖެހޭ އަމިއްލަ ސިޔާސީ މަންފާތައް އެއްފަރާތްކޮށް، އެންމެންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރަން،" ޝަރީފް ވިދާޅުވި އެވެ.

ބަޖެޓު ކޯޅުމުގައި އެހެން މަގުސަދެއް އުޅޭކަމަށް ދެކުމުގެ އަނެއް ސަބަބަކީ، ބަހުސްގެ ތެރެއިން ދާންދާ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އިޝާރާތް ކުރެއްވި ފަދައިން ބަޖެޓަށް ކަންބޮޑުވުންފާޅު ކުރެއްވި އެމްޑީޕީ މެންބަރުންގެ ވާހަކަތައް މުޅިން ދެކޮޅު ނުޖެހޭ ކަމެވެ. ބަޖެޓަކީ އަބަދުވެސް ލަފާކުރާ އެއްޗަކަށްވާއިރު، އޭގައި މި ފަހަރުވެސް ހިމަނާފައިވާ އަދަދުތައް ގޯސްނޫންކަމަށް ޔައުގޫބު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ، އަންނަ އަހަރުގެ އާމްދަނީގެ ބޮޑުބައެއް ބަރޯސާކޮށްފައިއޮތް ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ ހަތް ލައްކަ ޓޫރިސްޓުންނަށެވެ.

މިގޮތުން، ޔައުގޫބު ވިދާޅުވީ އެ އަދަދަކީ މިހާރު ދުނިޔެއޮތް ހާލަތުގައިވެސް ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަމުންދާ ދެހާސް ޓޫރިސްޓުންގެ މައްޗަށް ކޮށްފާ އޮތް އަދަދެއް ކަމަށެވެ.

"އެއީ މިހާރު އޮތް ހާލަތުގައިވެސް އަންނަ އެވަރެޖު. ދެން އަންނަ އަހަރު އަދި ވެކްސިނެއް ލިބުނަސް ނުލިބުނަސް، އެ އަދަދަށް ދުވާލަކު ޓޫރިސްޓުން އަންނާނެކަމަށް ބަލައިގެން ހިސާބު ޖެހުމަކީ ގޯހެކޭ ކިހިނެތްތޯ ބުނެވޭނީ،" ޔައުގޫބު ވިދާޅުވި އެވެ.

ދެން އޮތީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ދަރަންޏެވެ. އެކަމާ ގުޅިގެން ޔައުގޫބު ވިދާޅުވީ، ދަރަންޏަކީ ދައްކަން ލާޒިމު އެއްޗަކަށްވާއިރު، އެ ލޯނުތައް މުރާޖައާކޮށް، ދެއްކުން ފަސްކޮށްނުދޭހާ ހިނދަކު އެ އަދަދު ބަޖެޓުގައި ހިމަނަންޖެހޭ ކަމަށެވެ. ބަޖެޓުން އުނިކުރުމަށް ގޮވަމުންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށްވެސް ޔައުގޫބު ވިދާޅުވި ގޮތުންނަމަ އޮތީ ހަމަ އެއް ހަމަ އެކެވެ.

އަންނަ އަހަރަށް ސަރުކާރުން ހިމަނާފައިވާ ތިލަމާލެ ބުރިޖާއި، މާލެ ޕޯޓުގެ މަޝްރޫއުތަކަށް މިހާރުވެސް ފައިސާ ހަމަޖެހިފައިވާއިރު، ބާކީ ހުރި މަޝްރޫއުތައް ހިންގަން ރާވާފައިވަނީ ފައިސާ ލިބޭ މިންވަރަކުން ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

ޔައުގޫބު އެ އިޝާރާތް ކުރެއްވި ނުކުތާތަކަށް ބަލާއިރު، ކޮންމެހެން ޕީއެސްއައިޕީ މަޝްރޫއުތައް އުނިކުރުވުމަކީ ބަޖެޓަށް ތާއީދުނުކުރާ ފެކްޝަންގެ އަމާޒަކަށް ވާންޖެހެނީ ކީއްވެގެންތޯ ސުވާލު އުފައްދަންޖެހެ އެވެ.

އޭގެ ޖަވާބު ދެއްވީ ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރެކެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަޖެޓާ ގުޅޭގޮތުން މެންބަރުން ފާޅުކުރި ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތެވެ. ބަޖެޓު ގޯސްވަނީ ކީއްވެންގެންކަމެއް ބުނެ ނުދެވޭކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އަދި ބަޖެޓު ގޯސްކޮށްގެން، މަޝްރޫއުތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރަނީ ހަމައެކަނި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި މި އަހަރު އެކީގައި ހެން ސަރުކާރަށް ގެއްލިފައިވާއިރު، އަންނަ އަހަރަކީ ސަރުކާރަށް ވަރަށް މުހިއްމު އަހަރަކަށް ވާނެކަން ކަށަވަރެވެ. ސަބަބަކީ ދައުރު ނިމުމުގެ ކުރިން ރިޔާސީ ވައުދުތަކާ އެއްގޮތަށް ބޮޑެތި މަޝްރޫއުތައް ނިންމޭނީ އަންނަ އަހަރު އެ މަޝްރޫއުތައް ފެށިގެން ކަމަށްވާތީ އެވެ.

"މިސާލަކަށް ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމަކީ އެންމެ ކުރީއްސުރެ ރައްޔިތުންގެ އެންމެ ބޮޑު އެދުން. އެ މަޝްރޫއުތައް އެހެރީ ހުރިހާ ރަށެއްގައި ގާއިމުކޮށްދީ ނިމޭގޮތަށް ހިމެނިފައި. އޭރުން ހާއްސަކޮށް އަތޮޅު ތެރޭގައި ސަރުކާރަކުން ވާނެ ވައުދުތައް މުޅިން އެހެން ދިމާލަކަށް އެނބުރިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ބަޖެޓާ ދެކޮޅު ހެދުމުގެ މައިގަނޑު ބޭނުމަކީ އެ މަޝްރޫއުތަކަށް ހުރަސްއެޅުމެވެ. މަގްސަދަކީ މި ސަރުކާރަށް މާބޮޑުކަމެއް ހާސިލުނުވެ، ދައުރު ނިމިގެން ދިއުމެވެ. އޭރުން، 2023 އިގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނެ ވަކި ބޭފުޅަކަށް މަގު ކޮށި، ފަސޭހަވެގެންދާނެ ކަމީ އޭނާ ގަބޫލު ކުރައްވާ ގޮތެވެ.

އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިކަމުގެ އަޑީގައި ކޮންމެ މަގުސަދެއް އޮތް ނަމަވެސް، އެއް ކަމެއް ވަރަށް ސާފެވެ. އެމްޑީޕީގެ އެންމެ އިސް ސަފުގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް ނަޝީދުގެ ވިސްނުންފުޅު ބަޖެޓާ ގުޅޭގޮތުން އުޑާ ބިމާހާ ތަފާތެވެ.

ރައީސް ސޯލިހު އެންމެ ފަހުންވެސް ވަނީ މި ބަޖެޓަކީ މި ހާލަތުގައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށާއި ބަޖެޓް ފާސްކޮށް ދެއްވުމަށް އެދިވަޑައިގެންފައި އެވެ. ނަމަވެސް، ރައީސް ނަޝީދަށް މިއީ "ޅޮސް ލަކުޑި" ބަޖެޓެކެވެ. ހުދު އެމަނިކުފާނުވެސް ވޯޓު ނުދެއްވާނެ ބަޖެޓެކެވެ.

އެ ދެ ބޭފުޅުން ދިމާ އިދިކޮޅުގައި ތިއްބަވައިގެން، މެދަށް ލަފާއޮތް ބަޖެޓު، ކޮމިޓީ މަރުހަލާގައި ކޮށާ، ކުދި ކޮށްގެން ތަޅުމާ ހަމައަށް އަންނަ ގޮތަކުން ކޮންމެވެސް މިންވަރަކަށް މަންޒަރު ސާފުވާނެ އެވެ. އަދި އޭގެ ފަހުން އެ ބަޖެޓަށް ވޯޓު ދެއްވާނީ އަދި ނުދެއްވާނީ އެމްޑީޕީގެ ކޮން މެންބަރުންނެއްކަމެއް އަންނަ ހަފްތާގައި ހާމަވާނެ އެވެ. މިކަހަލަ ކޮންމެ ގަދަހިފުމެއްގެ ތެރެއިން، ރައްޔިތު މީހާއަށް ކުރެވޭނެހާވެސް ކަމަކީ އެ މަންޒަރު ބަލަންތިބުމެވެ.