ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް ރިއަލް އެސްޓޭޓް

ގޯތިންގޯތި، ފަޅުންފަޅު: ޖަވާބު ނެތް ސުވާލުތައް!

"ދުނިޔެމަތީގައި ސުވަރުގެ" ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް ތައާރަފުކުރި ފަހުން ބައި ގަރުނު ހަމަވާދާންއިރު، މުޅި ގައުމު ބަރޯސާކޮށްފައި އޮންނަ ސިނާއަތަށް އެތައް އެތައް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑުތަކާއެކު، ފަޅު މަތީގައި އާއި ކަނޑު އަޑީގައި ކޮޓަރިތަކާއެކު، ހޮސްޕިޓާލިޓީން ދުނިޔެއަށް ނަމޫނާއެއް ރާއްޖޭން ވަނީ ގާއިމުކޮށްފަ އެވެ. ރާއްޖޭގެ އެކި ފަންތީގެ، އެކި ކޮންސެޕްޓުތަކަށް ހިންގާ ރިސޯޓުތަކުގެ އަދަދު 150 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޓޫރިޒަމްގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހަކާއެކު މުޅި ސިނާއަތް އެހެން މިސްރާބަކަށް ގެންދިއުމަށް މިހާރު ވަނީ ހުންގާނު އަނބުރާލާފައި އެވެ.

މި ބޮޑު ބަދަލުގައި ޖުމްލަކޮށް 20 އިސްލާހެއް ހިމެނެ އެވެ. ސަރުކާރުން ހުށަހަޅައިގެން މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްދިން އިސްލާހުތައް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި ވަނީ، ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމާއި، ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިމުން ބައެއް، ވިއްކާލުމުގެ ފުރުސަތު ފަހިކޮށް ދޭށެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި، އިތުރު އާމްދަނީ ހޯދޭނެ އާ ކަންތައްތަކުގެ ތެރޭގައި ހިމަނައިގެން، އެ ބިލު މަޖިލީހުގެ ތަޅުމާ ހަމައަށް ގެންދިއުމާއެކު ގިނަ ކަންބޮޑުވުންތަކެއްވެސް ފެންމަތިވި އެވެ.

އެންމެ ރެއަކުން އާމްދަނީ ދެ ގުނަވޭ!

އެއްވެސް ވަރަކަށް ބަޖެޓާ ނުކުޅެން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ މެންބަރުންގެ ކިބައިން ނުސީދާކޮށް އެދިވަޑައިގެންނެވި އެވެ. ބަޖެޓްގައި ހުރި އަދަދުތަކަކީ ވިސްނުންތެރިކަމާއި ދިރާސާގެ އަލީގައި އެކަށައަޅާފައިވާ ލަފާކުރުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. ރަސްމީކޮށް މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އެދިވަޑައިގަތީ، ކޮވިޑް-19 އިގެ ނާޒުކު ހާލަތުގައި ބަޖެޓަށް މާބޮޑު އުނި އިތުރެއް ނުގެނައުމަށެވެ.

އަމީރުގެ އެ އާދޭސް މެންބަރުންނަށް އަޑުއިވުނު ކމަކަށް ނުހެދި އެވެ. ބަޖެޓު ދިރާސާ ކުރި ކޮމިޓީން، އެކި މަޝްރޫއުތަކާއެކު ބަޖެޓަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރު ކޮށްލި އެވެ. ފުރަތަމަ އޮތް ގޮތުން ވެސް ޑެފިސިޓް އިންތިހާއަށް ބޮޑު ބަޖެޓަށް އިތުރުކުރި ހަރަދުތައް ފޫބައްދަން އާމްދަނީ ވެސް އެންމެ ރެއަކުން ގާތްގަނޑަކަށް ދެ ގުނަވެގެންނެވެ.

އާމްދަނީއަށް ގެނައި ބަދަލުތަކުގައި އެންމެ ބޮޑަށް އިތުރުކޮށްފައި ވަނީ ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ބައިންނެވެ. ވަރަށް ފުރިހަމައަށް ދިރާސާ ކޮށްގެން ކަމަށް އަމީރު ވިދާޅުވި ބަޖެޓު އެބަޔަށް ޖަހާފައިއޮތް 300 މިލިއަން ރުފިޔާ، އެއް ބިލިއަން ރުފިޔާއަށް އިތުރުކޮށްލި އެވެ.

އެއާއެކު، ހާއްސަކޮށް މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ފާޑުކިއުންތައް ބަންޑުވީ އެވެ. އާމްދަނީ ހޯދަން ސަރުކާރުން ހުށަހަޅާފައިވާ ކަންތައްތަކާމެދު މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް އެންމެ ފުރަތަމަ ވެސް ސުވާލު އުފައްދަވާފައި ވަނިކޮށް، އެ އަދަދު ކުއްލިއަކަށް ދެ ގުނައަށް ވުރެ ބޮޑުކުރީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ އިދިކޮޅުން ވަނީ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ.

"މިހާރު އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ގަބޫލު ކުރައްވައިގެން އެ ތިއްބެވީ އާމްދަނީ ހަތަރު ބިލިއަން ރުފިޔާ އިތުރު ވެއްޖެ ކަމަށް. ކޮން ފަދަ މިރެކަލްއެއްތޯ މިއީ!" މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

"މިހާރު އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ގަބޫލުކުރައްވައިގެން އެ ތިއްބެވީ އާމްދަނީ ހަތަރު ބިލިއަން ރުފިޔާ އިތުރު ވެއްޖެ ކަމަށް. ކޮން ފަދަ މިރެކަލްއެއްތޯ މިއީ
މުހައްމަދު ސައީދު | މާވަށު ދާއިރާގެ މެންބަރު

މުޅި މަޖިލީހުގެ ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި، ވޯޓަށް އެހުމުގެ ކުރިން ރިޔާސަތުގައި އިންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅުގެ އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައިފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭން މިހާރު ދުނިޔެއަށް ވިއްކަމުން ދަނީ ކުރު މުއްދަތުގެ ޗުއްޓީތަކެވެ. މި އިސްލާހާއެކު ލޯންގް ސްޓޭ ޓޫރިޒަމް ނުވަތަ ދިގު މުއްދަތުގެ ޗުއްޓީއަށް ރާއްޖެ ހުޅުވިގެންދާނެ އެވެ،

"ބައެއް މެންބަރުންނަށް ވަރަށް ބޮޑު އަޖައިބަކަށް، ހައިރާނަކަށްވި، ކުއްލިއަކަށް ޑެފިސިޓް ކުޑަވީމަ އަދި ކުއްލިއަކަށް އާމްދަނީ ބޮޑުވީމަ. ކުއްލިއަކަށް ނޫން އެއީކީ. އަޅުގަނޑުމެންނަށް މި އާމްދަނީ، ދިވެހި ދައުލަތުގައި އޮތް ކަން އެނގޭތާ އެތައް ޒަމާނެއް،" ނަޝީދު ވިދާޅުވެފައި އެވެ.

ނަޝީދު އެ ވިދާޅުވި ގޮތަށް، މިއީ އެމްޑީޕީން މާ ކުރިންސުރެ ގެންގުޅޭ ވިސްނުމެއްނަމަ، ބަޖެޓު ހުށަހެޅި ފަހުން، މިކަމުން ލިބޭނެ ކަމަށް ސަރުކާރުން ފުރަތަމަ އަންދާޒާކުރި މިންވަރަށް ވުރެ 700 މިލިއަން ރުފިޔާ އިތުރުވީ ކީއްވެގެންތޯ މިއީ އުފައްދަންޖެހޭ ސުވާލެކެވެ.

ބިން ވިއްކަން ކުލި ކުޑަކުރުން، ދެކޮޅު ޖެހޭ؟

ޓޫރިޒަމް ރިއަލް އެސްޓޭޓަށް މަގުފަހި ކުރުމަށްޓަކައި ގިނަ އިސްލާހުތަކެއް ހިމަނާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށް ލެވެނީ، މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގެނައި ބަދަލުތަކެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާރު އަށް ޑޮލަރު ކަނޑައަޅާފައިވާއިރު، އެ އަދަދު މާލެ ނޫން އެހެން ހުރިހާ ސަރަހައްދުތަކަށް ވަރަށް ބޮޑުތަނުން ކުޑަކޮށްފައި އެވެ.

އެކި ސަރަހައްދުތަކަށް ތަފާތު ކުލިތަކެއް ކަނޑައަޅާފައިވާއިރު، ބައެއް މެންބަރުން އެކަމަށް ފާޅުކުރި ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖަވާބު ދެއްވާފައި ވެއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި، އައްޑޫ އަދި ލ. އަތޮޅުން ބިމު ކުއްޔަށް އެކަ މީޓަރަކަށް ދެ ޑޮލަރު ކަނޑައަޅާފައި ވަނީ، އެ ސަރަހައްދަކީ އެހެން ރަށްތަކާ ހިލާފަށް ބީޗް ޓޫރިޒަމް ނޫން އެހެން ކޮންސެޕްޓެއް ގެންގުޅެންޖެހޭ ސަރަހައްދަކަށްވާތީ އެވެ. އެގޮތުން، އެ ސަރަހައްދުގައި އިންވެސްޓްކުރަން ބާރު އެޅުމަށްޓަކައި، އިންވެސްޓަރުންނަށް އެފަދަ ލުޔެއް ދޭންޖެހޭ ކަމަށް އޭނަ ގަބޫލު ކުރައްވަ އެވެ.

ބިމު ކުލިތަކަށް ބަދަލު ގެނައުމުން، ދައުލަތަށް 140 މިލިއަނެއްހާ ރުފިޔާ ގެއްލިގެން ދާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާއިރު، އަދި ކޮވިޑް-19 އާ ގުޅިގެން، ގައުމުގެ އިގުތިސޯދީ މުސްތަގުބަލުގައި ސުވާލު މާކެއް ޖެހިފައިވާ ދަނޑިވަޅެއްގައި، ބިމު ކުލި ފަދަ ޔަގީންވާ އާމްދަނީއަކާ ކުޅުމުގެ ބުއްދިވެރިކަމާމެދު ސުވާލު އުފެދެ އެވެ.

މި ކަންބޮޑުވުން މަރުކަޒީ ބޭންކާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރައްވައި، ދިވެހި އިގުތިސޯދު ދިރާސާކުރައްވައި އިބްރާހިމް އާތިފް ޝަކޫރު ވެސް ހިއްސާ ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބިމުގެ ކުލި ބޮޑުވެގެން ރިސޯޓު ހިންގާ ފަރާތްތަކުން މާބޮޑު ޝަކުވާއެއް ކޮށްފައި ނުވާއިރު، ކުއްޔަށް ބަދަލު ގެންނަނަމަ، މާލެ ސަރަހައްދުގައި ހުރި ރިސޯޓުތަކުން ކުލި ބޮޑުކުރުން މާ ރަނގަޅުވީހެވެ.

"ހާއްސަކޮށް ބަޖެޓު ޑެފިސިޓަށް މިހާ ބާރުބޮޑުވެފައި ދަނޑިވަޅެއްގައި، އާމްދަނީގެ ގޮތުގައި ލިބެންއޮތް އެންމެ ޑޮލަރެއް ވެސް ވަރަށް މުހިއްމު،" އާތިފް ވިދާޅުވި އެވެ.

ޓެކްސް އާމްދަނީއަށް އަސަރުކުރާނެ

ޓޫރިޒަމް ރިއަލް އެސްޓޭޓްގެ ގޮތުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ހުރި ކޮޓަރިތައް ވިއްކާލާއިރު، އެތަންތަނުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީއަށް ވާނީ ކިހިނެއްތޯ މިއީ މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން އަމާޒު ކުރި ސުވާލެކެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި ރިސޯޓެއްގެ ކޮޓަރިއެއް ނޫނީ ވަކި ސަރަހައްދެއް ވިއްކާލުމަށްފަހު، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި މީގެ ކުރިން އެ ކޮޓަރިތަކުން ލިބެމުން އައި އާމްދަނީ ހުއްޓިގެން ދާނެ އެވެ.

"މިސާލަކަށް މީގެ ނަތީޖާއަކަށް ވެގެން ހިނގައިދާނެ، 40 އަކަށް ވިލާ އިންނަ ރިސޯޓަކުން 35 ވިލާ ވިއްކާލާފާނެ. ނޫނީ ވިއްކާލި ކަމަށް ހަދައި، އެގްރީމަންޓު ސޮއި ކޮށްފައި ދީފާނެ. ދެން ރޫމް ރެންޓު ނަގައިގެން ޓީޖީއެސްޓީ ލިބޭނީ ބާކީ ހުންނަ ފަސް ވިލާ އިންނޭ. އެހެންވިމާ ވިއްކާލާ 35 ވިލާއިން ރޫމް ރެންޓުން ޓީޖީއެސްޓީއެއް ނުލިބޭނެ،" އަލީ ފާހަގަ ކުރައްވާފައިވެ އެވެ. "މި ގާނޫނުގެ ސަބަބުން ދައުލަތުގެ މުޅި ޓެކްސް އާމްދަނީއަށް އަންނާނެ ބަދަލު އަޅުގަނޑުމެން ފުންކޮށް ވިސްނާފައި ނޫނީ ގާނޫނަށް މި އިސްލާހު ގެނެސް ފާސް ކޮށްގެން ނުވާނެ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ބައެއް ރިސޯޓުތަކުގެ ކޮޓަރިތައް ދިގު މުއްދަތަށް ވިއްކާފައިވެ އެވެ. އަދި އެކަމުން ނުކުތް ނަތީޖާ ވަޒަން ކުރެވިފައި ވެސް ނެތެވެ.

މިދިއަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 4.9 ބިލިއަން ރުފިޔާ ލިބުނުއިރު، ކޮވިޑް-19 އިގެ އިގުތިސޯދީ ހީނަރުކަމުގެ ތެރެއިން މިއަހަރު ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ.

"ކޮންމެ ކޮޓަރިއެއް ނޫނީ ކޮންމެ ވިލާއެއް މިލިއަނެއްހާ ޑޮލަރަށް ވިއްކާލެވިދާނެ. އަދި އެ ގަންނާނީ ވެސް އޯނަރު މީހާ ކަންނޭނގެ އެންމެ ފަހު ވަގުތު. ގަނެފައި ކޮންޓްރެކްޓް ހެދޭނީ. އެއްކަލަ 35 ވިލާ ވިއްކަ ވިއްކާ ތިބޭނީ. ދައުލަތަށް ލިބޭނީ އެއް މިލިއަން ޑޮލަރުގެ ޓެކްސް ކޮޅު އެކަނި. އިތުރު އެއްވެސް އެއްޗެއް ނުލިބޭނެ." ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ.

ކޮންމެ ކޮޓަރިއެއް ނޫނީ ކޮންމެ ވިލާއެއް މިލިއަނެއްހާ ޑޮލަރަށް ވިއްކާލެވިދާނެ. އަދި އެ ގަންނާނީ ވެސް އޯނަރު މީހާ ކަންނޭނގެ އެންމެ ފަހު ވަގުތު. ގަނެފައި ކޮންޓްރެކްޓް ހެދޭނީ. އެއްކަލަ 35 ވިލާ ވިއްކަ ވިއްކާ ތިބޭނީ. ދައުލަތަށް ލިބޭނީ އެއް މިލިއަން ޑޮލަރުގެ ޓެކްސް ކޮޅު އެކަނި. އިތުރު އެއްވެސް އެއްޗެއް ނުލިބޭނެ،
މެންބަރު އިބްރާހިމް ނާޒިލް | ހިތަދޫ ދެކުނު ދާއިރާ

ނަޝީދު ވިދާޅުވެފައިވަނީ މި ބިލާއެކު ރިއަލް އެސްޓޭޓްގެ ވިޔަފާރި ރާއްޖޭގެ ޓޫރިޒަމްގެ ތެރޭގައި އިތުރަށް ކުރިއަރުވައި ތަރައްގީ ކުރެވިގެންދާނެ އެވެ. އަދި ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވާ ފަތުރުވެރިން އަބަދުވެސް ތިބޭއިރު، ޑިމާންޑާ އެއްވަރަށް އިތުރު ކޮޓަރިތަކާއި ރިސޯޓުތައް އަޅަމުން ދާނެ އެވެ.

"ބައެއް މެންބަރުން ފާހަގަކުރެއްވި، މިހެން ހެދީމާ އަޅުގަނޑުމެންގެ ޝޯޓް ސްޓޭގެ އެނދުތައް ގެއްލޭނީއޭ. ދިގު މުއްދަތުގެ އެނދުތައް އެކަންޏޭ ހުންނާނީ. އަޅުގަނޑުމެންނަށް ފާހަގަވެފައިއޮތީ ގެއްލޭނީ މާރުކޭޓުތޯ؟ އެއީ އަންނަން ތިބި މީހުން ތިބީ އަންނަން. ގެއްލޭނީ މިތާ އެޅި ކޮޓަރި. އެހެންވީމާ، މީހަކު އަންނަން ހުރިއްޔާ، މިތާ އެހެން ކޮޓަރިއެއް އަޅާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ ވިދާޅުވި ވާހަކާގައި ބުރަދަނެއް ހުރި ކަމަށް އެއްބަސްވާންޖެހުނު ނަމަވެސް، އަލީ ހުސެއިން ވެސް ފާހަގަ ކުރެއްވި ފަދައިން، މި ބިލު މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ދިމާއަކަށް އެނބުރިގެންދާއިރު، މިކަމުގައި ހިމެނޭ ހުރިހާ އޭންގަލްތަކާމެދު ސަރުކާރުން ވިސްނައި، ދިރާސާކުރުމަކީ މުހިއްމު ކަމެކެވެ.

ޕްރޮޑަކްޓް ރަނގަޅު އެކަމަކު އިތުރު ނުރައްކަލެއް

ފައްޔާޒުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޖިލީހުގައި ވިދާޅުވެފައި ފަދައިން، މިއީ ޓޫރިޒަމްގެ ސިނާއަތަށް ރަނގަޅު ޕްރޮޑަކްޓެކެވެ.

ޓޫރިޒަމްގެ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ސުނާމީ ކާރިސާ އާއި ދުނިޔެއަށް ކުރިމަތި ފައިނޭންޝަލް ކްރައިސިސްއަށްފަހު ވެސް، އެންމެ އަވަހަށް ރީބައުންޑުވި ސިނާއަތްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ހިމެނޭއިރު، ރިއަލް އެސްޓޭޓް ވިޔަފާރިއަށް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންގެ މެދުގައި ޝައުގުވެރިކަން ބޮޑުވާނެކަމަށް އޭނާ ގަބޫލު ކުރެއްވެ އެވެ. ނަމަވެސް ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކުގައި އެފަދަ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓު ކުރެވޭނެ މަގުތައް ފަހިކޮށްދޭންޖެހޭނެ އެވެ.

"އިންވެސްޓަރުންނަށް މިހާރުވެސް ފަސޭހައެއް ނޫން. އިންވެސްޓުކުރަން އެތައް ސިޓީއެއް އެތަން މިތަނަށް ލައިގެން ޖަވާބެއް ނުލިބި އެތައް ދުވަހެއް ހޭދަވޭ. އަޅުގަނޑު މެދުވެރިވެގެން އިންވެސްޓަރުންތަކެއް މިދިއަ އޯގަސްޓް މަހު ލި ހުށަހެޅުމަކަށްވެސް އަދިވެސް ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ދެން އޭނާ އިޝާރާތް ކުރެއްވީ، މި ޕްރޮޑަކްޓާއެކު ރާއްޖެ ހުށަހެޅިގެންދާ ވަރުގަދަ ނުރައްކަލަކަށެވެ.

ޓޫރިޒަމްގެ ތެރެއަށް ރިއަލް އެސްޓޭޓް ވިޔަފާރި ވެއްދުމަށް މަގުފަހި ކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނު ވެސް ދާދި ފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

މާވަށު ދާއިރާގެ އެމްޑީޕީ މެެންބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ވެސް އޭގެ ސަބަބުން ކައިރި އިންޑިއާގެ މީހަކު އަދި ސިލޯނު މީހަކު ނުވަތަ ބަންގްލަދޭޝް މީހަކު 250،000 އެމެރިކާ ޑޮލަރު ރާއްޖޭގައި ކޮންމެވެސް ސިފައެއްގައި ކަމެއް ފަށައި އޭނާއަށް ދެވަނަ ގެއެއް މި ރާއްޖޭގައި ހެދުމުގެ ލައިސެންސެއް ލިބޭނެ އެވެ.

އޭނާ ވިދާޅުވީ އެހާ ކުޑަ އިންވެސްޓުމަންޓަކުން ރެޒިޑެންޓް ވިސާ ދޭއިރު، އިންވެސްޓުކުރަން އަންނަނީ ކޮން ބައެއްތޯ ރަނގަޅަށް ބެލި، ސަރުކާރުން ފާރަވެރިވާންޖެހެ އެވެ.

"މިސާލަކަށް ދުނިޔޭގެ ބޮޑެތި ކްރައިމް ސިންޑިކޭޓުތަކާއި މާފިއާތަކަށް ވެސް ހުޅުވޭ ދޮރެއް މިއީ. އެހެންވީމާ، އިންވެސްޓްކުރަން އަންނަ ބޭރު މީހުންނާއި ކުންފުނިތަކުގެ ބެކްގްރައުންޑާ ކަންކަން ވަރަށް ރަނގަޅަށް ބެލި، ސްކްރީން ކުރެވެންޖެހޭ. އެހެން ނޫނީ އިތުރު ވަރަށް ބޮޑު ނުރައްކަލަކަށް ރާއްޖެ ވެއްޓިގެން ހިނގައިދާނެ،" ދުނިޔޭގެ ކަޅު ފައިސާ ލޯންޑާކޮށް، ސާފުކުރުން ފަދަ ކަންކަމަށް އިޝާރާތްކުރައްވަމުން އޭނާ އިންޒާރު ދެއްވި އެވެ.

އާމްދަނީ ހޯދަން ގޮތް ހުސްވީތަ؟

ދައުލަތުގެ ދަރަނި ބޮޑުވެ، ވީ އެންމެ އަވަހަކަށް އާމްދަނީ އިތުރު ކުރަންޖެހުން ކަމަށް ސަރުކާރުން ވެސް ފާޑަކަށް އިއުތިރާފުވެފައިވާ ވަނިކޮށް، ސަރުކާރާ އެކީގައި ކޮވިޑް-19 އިގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ރިސޯޓު ހިންގާ ފަރާތްތަކަށް ވެސް ކޭޝް އިންޖެކްޝަނެއް ހޯދޭ ނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައި އެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ އެއީ އެވެ.

"ދައުލަތަށް އާމްދަނީ ވެއްދުމަށްޓަކައި. ވައްދާނެ ގޮތެއް ނޭނގިގެން ވަރަށް ޑެސްޕެރޭޓް ވެގެން ދައުލަތުން ނުވަތަ ސަރުކާރުން އުޅޭ ތަން އަޅުގަނޑަށް ފެންނަނީ މި އިސްލާހުން" ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ބަލިމަޑުކަމުގެ ތެރެއިން މާލީ ގޮތުން ތާށިވެފައިތިބި ރިސޯޓުތަކުގެ ކޭޝް ފްލޯ ރަނގަޅު ކުރަން ފައިސާ ބޭނުންވާއިރު، ރިސޯޓުތަކުން މި ވަގުތު ލޯނު ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ދެކެވަޑައެއް ނުގަންނަވަ އެވެ.

"މި އިސްލާހު ޖާގަ ދޭނެ، ކޮވިޑުގައި ފައިސާއަށް ތާށިވެފައިތިބި ރިސޯޓުތަކަށް. ގިނަ ރިސޯޓު ފަހަރު އެއް މިލިއަން، ދެ މިލިއަނެއްހާ ޑޮލަރު މިއަދު އެބަ ބޭނުންވޭ. ދެން އެ ބޭފުޅުންނަކަށް އެއެއް ނުއެއް ލިބޭނެ އެއްޗެއް ވިއްކައިގެން ނޫނީ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުން ވެސް ދަރަނަވެރިވެގެން އެ އެއް މިލިއަން ޑޮލަރު މި ވަގުތު ހޯދައިފިނަމަ، އަޅުގަނޑު ދެކޭ ގޮތުގައި، މި މަޖިލީހުގެ ހިސާބުތަކަށް ފެންނަ ގޮތުގައި އެއީ ރަނގަޅު ކަމަކަށް ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އިޝާރާތް ކުރެއްވީ ހަގީގަތުގައި މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަށެވެ. މި ވަގުތު ދައުލަތަށް ފައިސާ ބޭނުންވާކަން އެންމެން ގަބޫލުކުރަންޖެހިފައި ވީނަމަވެސް، މިއީ ކުއްލިއަކަށް މިފަދަ ކަމެއް ތައާރަފްކުރަން އެންމެ މުނާސަބަ ދަނޑިވަޅުތޯ ސުވާލު އުފައްދަންޖެހެ އެވެ.

"މި އިސްލާހުން ރަނގަޅަށް އަޅުގަނޑުމެން މަސައްކަތްކޮށްފިނަމަ، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާ މި އަންނަ އަހަރުގެ ބަޖެޓަށް ހޯދޭނެ" ނަޝީދު ވިދާޅުވި އެވެ.

އާތިފް ޝަކޫރު ވިދާޅުވި ގޮތުގައި އިތުރު ބިންތަކާއި ފަޅުތައް ވިއްކުން ދުނިޔޭގެ އިގުތިސޯދު ވެސް ރަނގަޅު ވަންދެން މަޑުކޮށްލައިފިނަމަ، މާ ރަނގަޅު އިންވެސްޓުމަންޓުތަކަށް ފުރުސަތު ފަހިވެގެންދާނެ އެވެ.

"ބޭރުގެ މާލީ އިދާރާތަކުންނާއި ބައެއް މެންބަރުން ވެސް ވިދާޅުވަމުން ގެންދަވާ ގޮތަށް، މި ވަގުތު އިތުރު ހިތްވަރެއް ލައިގެން، ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން، ދުނިޔޭގެ އިގުތިސޯދު ރަނގަޅުވަންދެން މަޑުކޮށްލައިފިނަމަ، މާ ރަނގަޅު ހުށަހެޅުންތަކާއެކު މިކަން ކުރެވިދާނެ،" އާތިފް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ސިނާއަތުގައި އެތަކެއް ބިލިއަން ޑޮލަރުގެ ވިޔަފާރިއަށް ނޯކިރީ ކޮށްދިނުން ފިޔަވައި، ރައްޔިތުންނަށް އެކަމުގެ ހަގީގީ ރާހަތެއް ނުކުރާކަމީ، މިހާރު ވެސް 48 އަހަރު ވެފައިވާ ޝަކުވާއެކެވެ. ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަ ފައިސާގެ ބޮޑުބައެއް ހިފެހެއްޓުމެއްނެތި ބޭރު ވަމުންދާއިރު، މިހާރު ފަރިކޮށްފައި މިވަނީ "ރަން ބިސް އަޅާ ކުކުޅު" ގެ ބަނޑު ދަށުން އިތުރު ބިހެއް ހޯދުމަށެވެ. ގާތްގަނޑަކަށް ސަތޭކަ އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ބިން ވިއްކައި، ފަޅުން ފަޅުން ވިއްކައިގެން، އަނެއްކާވެސް "ފައިދާގެ ކޯޓެއް" ފަހާ ދީފައި އޮތީ ރިސޯޓު އޯނަރަށެވެ.

އާތިފް ވެސް އަދި އެހެން ގިނަ ބޭފުޅުން ވެސް ފާހަގަކުރައްވާ ފަދައިން، މި އިސްލާހާއެކު އަނެއްކާވެސް އިތުރު ރަށްތަކާއި، ފަޅުތަކާއި ފަރުތައް، އިގުތިސޯދު ބަރޯސާވުން ކުޑަކުރަން ޖެހޭ ކަމަށް ބުނާ ޓޫރިޒަމްގެ އަތް ދަށަށް ދީލައިލާނެ އެވެ. މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ގެއްލިގެންދާ އިތުރު ފުރުސަތުތަކަށް ވެގެން ދާނެ އެވެ.

ޝޯޓް ސްޓޭ ޓޫރިޒަމުގެ ހަގީގީ މަންފާ ރައްޔިތު މީހާއާ ހަމައަށް ނުކޮށްގެން އުޅެނިކޮށް، އެކަށީގެންވާ ދިރާސާއެއް ނުކުރާ ކަމުގެ ކަންބޮޑުވުމުގެ ހިޔަނީގައި، ލޯންގް ސްޓޭ ޓޫރިޒަމްގެ ނަމުގައި ގެނައި މި ބަދަލާމެދު މީގެ އިތުރު ބައި ގަރުނު ފަހުން ހަމަ އެއް ޝަކުވާތަކެއް ތަކުރާރުކުރަން ނުޖެހިޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.