ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ހިމެނޭ ސްޓްރާޓާ އުސޫލުން ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ކޮޓަރިތައް ދިގު މުއްދަތަށް ވިއްކުލުމުން، ދައުލަތުގެ އާމްދަނީއަށް މުސްތަގުބަލުގައި ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހު މުހިއްމު ސުވާލުތަކެއް އަމާޒު ކޮށްފި އެވެ.
ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.
އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަމުން ދާއިރު ބުރާސްފަތީގައި ބޭއްވި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ރިސޯޓެއްގެ ކޮޓަރިއެއް ނޫނީ ވަކި ސަރަހައްދެއް ވިއްކާލުމަށްފަހު، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި މީގެ ކުރިން އެ ކޮޓަރިތަކުން ލިބެމުން އައި އާމްދަނީ ހުއްޓިގެން ދާނެ ކަމަށެވެ.
"މިސާލަކަށް މީގެ ނަތީޖާއަކަށް ވެގެން ހިނގައިދާނެ، 40 އަކަށް ވިލާ އިންނަ ރިސޯޓަކުން 35 ވިލާ ވިއްކާލާފާނެ. ނޫނީ ވިއްކާލި ކަމަށް ހަދައި، އެގްރީމަންޓު ސޮއި ކޮށްފައި ދީފާނެ. ދެން ރޫމް ރެންޓު ނަގައިގެން ޓީޖީއެސްޓީ ލިބޭނީ ބާކީ ހުންނަ ފަސް ވިލާ އިންނޭ. އެހެންވިމާ ވިއްކާލާ 35 ވިލާއިން ރޫމް ރެންޓުން ޓީޖީއެސްޓީއެއް ނުލިބޭނެ،" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަލީ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރިސޯޓެއްގެ ވިލާ ވިއްކާލުމަށް ފަހު ދެން އެތަނަށް އަންނާނީ އެތަން ގަތް ފަރާތާއި އާއިލާގެ މީހުން ކަމަށާއި، ރޫމް ރެންޓުން ނަގަމުންދާ ޓީޖީއެސްޓީ އެތަންތަނުން ލިބުން ދައުލަތަށް ބަންދުވެގެން ދާނެ ކަމަށެވެ.
އެހެންކަމުން، ގާނޫނަށް މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން، އެކަށީގެންވާ ވަގުތު ނަގައިގެން، ދައުލަތުގެ ޓެކްސް އާމްދަނީއަށް އަންނާނެ ބަދަލުތައް ރަނގަޅަށް ދިރާސާކޮށް، އެކަމާމެދު ފުންކޮށް ވިސްނުމަށް އޭނާ ގޮވާލެއްވި އެވެ.
"މި ގާނޫނުގެ ސަބަބުން ދައުލަތުގެ މުޅި ޓެކްސް އާމްދަނީއަށް އަންނާނެ ބަދަލު އަޅުގަނޑުމެން ފުންކޮށް ވިސްނާފައި ނޫނީ ގާނޫނަށް މި އިސްލާހު ގެނެސް ފާސް ކޮށްގެން ނުވާނެ،"
އޭނާ ވިދާޅުވީ މިހާރު ވެސް ބައެއް ރިސޯޓުތަކުގެ ކޮޓަރިތައް ދިގު މުއްދަތަށް ވިއްކާފައިވާ ކަމަށެވެ. އަދި އެކަމުން ނުކުތް ނަތީޖާ ވަޒަން ކުރެވިފައި ވެސް ނެތް ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ދެއްކެވި ވާހަކަފުޅުގެ ތެރެއިން ވަނީ އަލީ ހުސެއިންގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ނާޒިލް ވެސް ވިދާޅުވީ، ސްޓްރާޓާ އުސޫލުން ކޮޓަރި ނުވަތަ ވިއްކާލުމުން، ދައުލަތަށް ލިބޭނީ އެ ތަނެއް ވިއްކާލާ ވަގުތު ލިބޭ އާމްދަނީ އެއް އެކަނި ކަމަށެވެ.
"ކޮންމެ ކޮޓަރިއެއް ނޫނީ ކޮންމެ ވިލާއެއް މިލިއަނެއްހާ ޑޮލަރަށް ވިއްކާލެވިދާނެ. އަދި އެ ގަންނާނީ ވެސް އޯނަރު މީހާ ކަންނޭނގެ އެންމެ ފަހު ވަގުތު. ގަނެފައި ކޮންޓްރެކްޓް ހެދޭނީ. އެއްކަލަ 35 ވިލާ ވިއްކަ ވިއްކާ ތިބޭނީ. ދައުލަތަށް ލިބޭނީ އެއް މިލިއަން ޑޮލަރުގެ ޓެކްސް ކޮޅު އެކަނި. އިތުރު އެއްވެސް އެއްޗެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް އެކަމާމެދު ކަންބޮޑުވުންފާޅު ކުރައްވައިފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރިސޯޓެއްގެ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ވިއްކުލުމުން، ދެމެހެއްޓެނެވި ގޮތަށް ދައުލަތަށް ލިބެމުންދާނެ އާމްދަނީ ހުއްޓިގެންދާނެ އެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފްކުރުމުން، މުސްތަގުބަލުގައި ލިބޭނެ އާމްދަނީ އާމެދު މިއަދު ސުވާލު އުފައްދާފައިވާއިރު، މިދިއަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 4.9 ބިލިއަން ރުފިޔާ ލިބުނުއިރު، ކޮވިޑް-19 އިގެ އިގުތިސޯދީ ހީނަރުކަމުގެ ތެރެއިން މިއަހަރު ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ.
އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.
އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.
ބިމު ކުލިތަކަށް ބަދަލު ގެނައުމުން، ދައުލަތަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ދާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާއިރު، އެކަމާވެސް އިދިކޮޅު މެންބަރުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅު ކުރަމުންނެވެ.