ހަބަރު

ފަހު ވަގުތު ޓޫރިޒަމް ޖޭވީތަކުގެ ސަރުކާރުގެ ހިއްސާ ވިއްކޭ ގޮތް ހަދައިފި

ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރު ބައިވެރިވެގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހުރި ސަރުކާރުގެ ހިއްސާ ވިއްކޭގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހުކޮށްފި އެވެ.

އަންނަ ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިސްލާހު ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

ނަމަވެސް، އެ ބިލު ހުށަހެޅިގެން އައިއިރު، އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، އެ ޖޮއިންޓް ވެންޗާ ކުންފުންޏަކަށް ވިއްކާލުމުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރު ލިބިދޭ މާއްދާ ވަނީ އުނިކޮށްފައި އެވެ.

އެކަމާ އެންމެ ފުރަތަމަވެސް ކަންބޮޑުވުންފާޅު ކުރައްވާފައިވަނީ، ބިލު ހުށަހެޅުއްވި ދުވަހު އާޒިމެވެ. މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ކުރިއަށް ދިއަ ބަހުސްގައިވެސް، އާޒިމް ވަނީ އެ ކަންބޮޑުވުން ތަކުރާރުކުރައްވައިފަ އެވެ.

އަދި އެކަން ރަނގަޅުކުރުމަށް ހުށަހެޅުއްވި އިސްލާހުވެސް ބަލައިގެންފައިނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.

އާޒިމްގެ ކަންބޮޑުވުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިއްސާ ކުރައްވައިފަ އެވެ.

އެ ބިލަށް އެމްޑީޕީ ބައެއް މެންބަރުންގެ ފަރާތުން ހުށަހެޅުނު އެތައް ކަމެއް ނުހިމެނިދިޔަކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ފަސް ޕަސަންޓް ހިއްސާވާ ގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗާ ގާތްގަނޑަކަށް 20 ކުންފުނި އެބަ އޮތް ކަމަށެވެ.

މިގޮތުން، އެ ކުންފުނިތަކުގެ ތެރެއިން، ރިސޯޓު ތަރައްގީ ކުރެވިފައިވަނީ ހަތް ރަށުގައި ކަންވެސް އެމަނިކުފާނު ހޯދަ ދުވަހުވެސް ފާހަގަކުރެއްވި އެވެ.

"އެމީހުން ބޭނުމެއް ނުވޭ، ހުޅުވިފައިތިބި މީހުން ބޭނުމެއްނުވޭ، ސަރުކާރުގެ ފަސް ޕަސަންޓް އޮންނާކަށް،" ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ނުހެދި ހުރި އެފަދަ ރަށްތައް ހެއްދުމަށްޓަކައި ޖޭވީ ހެދީ އެ ރަށްތައް ތަރައްގީ ކުރުމުގެ ބޭނުމުގައި ކަމަށާއި، އަދި އެގްރީމަންޓު ކުރެވިފައިވަނީ ވެސް، ސަރުކާރުގެ ހިއްސާ އެ ކުންފުނިތަކަށް ފަހުން ވިއްކާނެ ގޮތަށް އެއްބަސްވެގެން ކަމަށެވެ.

އާޒިމް ހުށަހެއްޅުވި އިސްލާހަކީ މުހިއްމު އިސްލާހެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ސަރުކާރުގެ ތެރެއިން ކޮންމެވެސް ބަޔަކަށް ފެނިގެން އެ އިސްލާހު ބަލައިގެންފައިނުވާ ކަމަށާއި، އޭގެ ދަތިކަން ސަރުކާރުގެ އިތުރުން ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށްވެސް ކުރާނެ ކަމަށެވެ.

"ތަނުގެ އޯނަރަށް އުނދަގޫވޭ، ޕްރައިވެޓް ސެކްޓަރަށް އުނދަގޫވޭ ސަރުކާރުގެ ހިއްސާ ވީމާ. އެ މީހުންނަށް ބޭންކުތަކުން ލޯނު ހޯދުމާއި، އަދި އެއީ ސަރުކާރުން ކުންފުންޏެއްގެ ގޮތުގައި ފެނުނީމަ އިންވެސްޓަރުން ބިރުގަނޭ،" އެކަން ބަދަލުކުރުމުގެ މަސައްކަތް ހުއްޓާނުލެއްވުމަށް އާޒިމްގެ އަރިހުން އެދިވަޑައިގަންނަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ބިލު ފާސް ކުރުމުގެ ކުރިން އިސްލާހު ހިމެނި

ހޯމަ ދުވަހުގެ ޖަލްސާގައި، އެ ބިލު ފާސްކުރުމުގެ ކުރިން، ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން މެދުވެރިކޮށް، ސަރުކާރުން ވެސް ދޫދީ، އެ އިސްލާހު ފަހު ވަގުތު ވަނީ ގެނެސްފައި އެވެ.

ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ކ) ގައި އޮތް މާއްދާ އުނިކުރުމުގެ ބަދަލުގައި، އެ މާއްދާ އިސްލާހުކޮށް، އެފަދަ ޖޭވީ ތަކުގައި ހުރި ސަރުކާރުގެ ހިއްސާ އަގުކުރެވޭނެ ގޮތް ވެސް ފަހު ވަގުތު ގެނައި އިސްލާހުގައި އޮތީ ކަނޑައަޅައިފަ އެވެ.

މިގޮތުން، އެފަދަ ކުންފުނިތަކުގެ ދަށުން ތަރައްގީކޮށްފައިވާ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް ސަރުކާރުގެ ހިއްސާގެ، ކޮންމެ އިންސައްތައަކަށް ފަސް އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ އަދަދަކަށް، އެ ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރާށް ވިއްކާލުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށް ވަނީ ހިމަނައިފަ އެވެ.

އެ ފަދައިން ހިއްސާ ވިއްކާއިރު، އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ، ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ގަވާއިދަކާ އެއްގޮތްވާ
ގޮތުގެ މަތިން ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހާއެކު އެ ބިލު މަޖިލީހުން އެ ދުވަހު ފާސްކޮށްފައިވާއިރު، އެ ބިލު ތަސްދީގުކުރުމާއެކު، ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެންދާނެ އެވެ.

އަދި ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

މި ބިލުގައި ހިމެނޭ އިސްލާހުތަކަށް މަގުފަހި ކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނުވެސް މި މަހު ކުރީ ކޮޅު ވަނީ އިސްލާހުކޮށްފި އެވެ.

މި ބިލުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމުން އަންނަ އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.