ހަބަރު

ޓޫރިޒަމް ރިއަލް އެސްޓޭޓް ތައާރަފުކުރަން ފާސްކޮށްފި

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިސްލާހު ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ.

ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

މިގޮތުން، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާރު އަށް ޑޮލަރު ކަނޑައަޅާފައިވާއިރު، އެ އަދަދު މާލެ ނޫން އެހެން ހުރިހާ ސަރަހައްދުތަކަށް ބިލުގައި ވަނީ ކުޑަކޮށްފައި އެވެ.

މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށްފައިވާއިރު އެ ބިލަށް ބައެއް އިސްލާހުތައް ވެސް މިއަދުގެ ޖަލްސާގައި ވަނީ ހުށަހެޅި، ފާސްކޮށްފައި އެވެ.

ބިލަށް ގެނެވުނު އިސްލާހުތައް

މިގޮތުން، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން ޖޮއިންޓް ވެންޗާ އުސޫލުން ކުންފުނި ހަދައިގެން ޓޫރިޒަމް ތަރައްގީކޮށްފައިވާ މަޝްރޫއުތަކުގައި، ސަރުކާރަށް ލިބިފައިވާ ހިއްސާ އަނެއް ހިއްސާދާރަށް ވިއްކާލެވޭނެ ކަމަށެވެ.

ދެން ހުށަހެޅުނު އިސްލާހަކީ އިންޓިގްރޭޓަޑް ރިސޯޓު ތަރައްގީކުރަން ލައިސަންސް ދޫކުރުމުގައި އުސޫލާއި، މިހާރު ތަރައްގީކޮށްފައިވާ ސަރަހައްދެއް އިންޓިގްރޭޓަޑް ރިސޯޓު މަޝްރޫއުއަކަށް ބަދަލުކުރުމުގައި ބަލާނެ މިންގަނޑުތައް ގާނޫނުގެ ދަށުން ހެދޭ ގަވައިދުގައި ހިމެނުން ލާޒިމުވާނެ އެވެ.

ތިންވަނަ އިސްލާހެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ، ސްޓްރާޓާ އުސޫލުން ދޫކުރާ ވިލާތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ދަފްތަރު ބަލަހައްޓާނެ ގޮތާއި، އެއްބަސްވުމުގައި ހިމަނަންޖެހޭ މާއްދާތަކާއި، ވިލާއެއްގައި ހިމެނޭ އަސާސީ ހިދުމަތްތަކުގެ ތަފްސީލު ގާނޫނުގެ ދަށުން ހެދޭ ގަވައިދުގައި ހިމެނުން ލާޒިމުވާނެ ކަމަށެވެ.

އެ އިސްލާހުތަކާއެކު، އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ހިމެނޭ އިސްލާހުތަކަށް މަގުފަހި ކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނުވެސް މި މަހު ކުރީ ކޮޅު ވަނީ އިސްލާހުކޮށްފި އެވެ.

މި ބިލުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމުން އަންނަ އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.