ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ގަވަރުނަރުގެ ލަފާ: "އުއްމީދީ" ބަޖެޓަށް ހިޔަނި!

މިދިއަ ބުދަ ދުވަހު ފާހަގަކުރި ޖުމްހޫރި ދުވަހުގެ މުނާސަބަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތްޕެވީ އަންނަ އަހަރަށް ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ ހުލާސާއެއް ދެއްވުމަށެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް އޭގެ ދެ ދުވަސް ކުރިން ބަޖެޓު ހުށަހަޅާފައިވާ ވަނިކޮށް، ރައީސް ސޯލިހު ވަނީ އޭގައި ހިމެނިފައި ކަންކަމުގެ ތަސައްވުރެއް ގައުމާ މުހާތަބު ކުރައްވައި ތިލަކޮށްދެއްވައިފަ އެވެ. އެމަނިކުފާނުގެ އަހު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވި ފަދައިން، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން، ގައުމާއެކު ރައްޔިތުންވެސް ރަނގަޅަށް އިނދަޖެހިފައިވާ ބަނަ ދަނޑިވަޅެއްގައި ވަރަށް ވެސް ވަށާޖެހޭ ހިތާބުން ކުރިއަށްއޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންގެ އުއްމީދު އާވާފަދަ ވާހަކަތަކެއް ޖުމްހޫރީ ދުވަހުގެ މުނާސަބަ ވަގުތެއްގައި ހަގީގަތުގައިވެސް އިވިގެން ދިއަ އެވެ.

ރައީސްގެ ހިތާބުގައި ބަޖެޓުގައި ހިމެނިފައިވާ އަންނަ އަހަރުގެ މަޝްރޫއުތަކާއި ވަޅުޖެހިފައިވާ އިގުތިސޯދު ނަގާ ކޮޅަށްޖެހުމުގެ ޕްލޭންތައް ވަރަށް ކުރުކޮށް އެކަމަކު ފަށުވިކޮށް ހިމެނުއްވި ނަމަވެސް، ގާތްގަނޑަކަށް އެ ހުރިހާ ވާހަކަތަކެއް، އޭގެ ދެ ދުވަސް ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހުގެ ތަޅުމުގައި ބަޖެޓު ބަޔާން މެދުވެރިކޮށް ތަފްސީލުކޮށް ދެއްވައިފަ އެވެ.

އެ ބަޔާން ފެއްޓެވީ، މުޅި ދުނިޔެ ބަނަކުރަމުންދިޔަ ކޮވިޑް-19 އިގެ ވިލާގަނޑު، ރާއްޖެއަށްވެސް ހިޔަނި އެޅުމާއެކު އިގުތިސޯދީ ކާރިސާއެއް ކުރިމަތިވެގެން ދިއަ ކަމުގެ މައްޗަށެވެ. ރައްޔިތުންވެސް ރަނގަޅަށް ހޭ އަރައި ތިބި ހަގީގަތަކީ ބޯޑަރުތައް ބަންދު ކުރަންޖެހި، ރިސޯޓުތައް ފަޅުވެ، އާމްދަނީ ހިމަފޮދަކަށްވެ، އިގުތިސޯދުގެ މައި އިންޖީނު ހުއްޓުނު ކަމެވެ.

އެކަމަކު އަމީރު ވިދާޅުވި ފަދައިން، ސަރުކާރަށް އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. އަންނަ އަހަރުވެސް ފަތުރުވެރިންނަށް ނާދަވުނަސް، އިގުތިސޯދު ހިންގަންޖެހެ އެވެ. ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ފައިސާ ވަންނާނެ ދޮރުތައް ސަރުކާރުން އަންބާ ކިޔާފައި ނަމަވެސް ހުޅުވައިދޭން މަޖުބޫރެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ މަފްހޫމްއަކީ އެއީ އެވެ. އޭގެ ދެ ބައި ކުޅަ އެއް ބަޔަކީ ޑެފިސިޓް ކަމަށްވިޔަސް ފަރުވާލެއްނެތެވެ. ދަރަނި އިތުރަށް މަތިކޮށްގެން ވިޔަސް، ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީއެއްގެ ދަށުން މަގުސަދަކީ ޕްރައިވެޓް ސެކްޓާ ހިނގައިގަންނަންދެން ސަރުކާރުގެ ހަރަކާތްތެރިކަން އިތުރުކުރުން ކަމަށް އަމީރުގެ ރައީސްވެސް ވިދާޅުވެ ދެއްވި އެވެ.

"ވިޔަފާރިތަކަށް އެހީތެރިވެ، ވިޔަފާރިތައް ކުރިއަރާނެ މަގު ހޯދައިދޭންޖެހޭ. ގޭބިސީތަކަށް އެހީތެރިވެ، ހާލުގައި ޖެހުނަ ނުދީ ހިފެހެއްޓޭނެ ގޮތްތައް ހޯދަންޖެހޭ. މިހާ ބޮޑު ޑެފިސިޓް ބަޖެޓެއް ހިންގަން ޖެހިފައިވަނީ ރާއްޖޭގެ އިގުތިސޯދު އިތުރަށް ގޯސްވިޔަ ނުދީ މި އަޑިގަނޑުން މައްޗަށް އެރޭތޯ މަސައްކަތްކުރުމަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ފޫބައްދަން ސަރުކާރަށް ލޯނު ނެގުމާއި މިނޫން ވެސް ގޮތަކުން ފައިސާ ހޯދަން އިސްކަން ދީފައިވެ އެވެ. މީގެ ސަބަބުން ދަރަނި މަތިވެގެން ދާނެ އެވެ. އަންނަ އަހަރު ބަޖެޓުން 15.5 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ. އަދި ރާއްޖޭގެ ޖުމްލަ ދަރަނި އަންނަ އަހަރު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

ވިހި އެކާވީސް ވަނަ އަހަރު ވެސް ލަފާ ކުރާ ވަރަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝް ޕްލޯ ދަތިވެ، މަޝްރޫއުތައް ނުހިންގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އިގްތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއު ތަކެއް،"
ގަވަރުނަރު އަލީ ހާޝިމް

ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި އިގްތިސޯދު ހީނަރުވެ، މަރުވިޔަ ނުދިނުމަށް ހަރަދު ތަކެއް ކުރަން މަޖުބޫރުވެ އެވެ. އަންނަ އަހަރުގެ ބަޖެޓުން 33,2 ބިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. މި ހަރަދުގެ ތެރޭގައި ކޮވިޑް-19 ގެ ވެކްސިން ދިވެހިންނާ ހަމައަށް ގެނެސް ދިނުމާއި ގެދޮރުގެ އިމާރާތް ކުރުން ވެސް ހިމެނެ އެވެ. އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތައް މެދުވެރިކޮށް އިކޮނޮމީގެ ތެރެއަށް ފައިސާ ޕަންޕު ކުރުމެވެ.

އަންނަ އަހަރު ޕީއެސްއައިޕީ އަށް 8.3 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. ޕީއެސްއައިޕީ ބަޖެޓުން 2.9 ބިލިއަން ރުފިޔާ ހޭދަ ކުރާނީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ޖަމާވެފައިވާ މާލެ ސަރަހައްދަށެވެ. ބަޖެޓުން 1.7 ބިލިއަން ރުފިޔާ އަތޮޅުތަކަށް ވަނީ ހާއްސަކޮށްފަ. އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ފާހަގަ ވަނީ ފެނާ ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަން ނިންމާފައިވުމެވެ. އަންނަ އަހަރު 168 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރަން 1.2 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށާނެ އެވެ.

ސަރުކާރުން ދެއްކި ފޮނި އުއްމީދުތަކަށް ފެން

ބަޖެޓު ބަޔާނަށްފަހު، އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް ހާޒިރުކުރުމުން، ތިން ވަޒީރުންވެސް އެ ވާހަކަތައް ވަނީ ތަކުރާރު ކުރައްވައިފަ އެވެ. ތިލަމާލެ ބުރިޖު ފަދަ މަޝްރޫއުތަކާއެކު ދަރަނި އިތުރަށް ބޮޑުވެގެން ދިއުމުގެ އިތުރުން މި އަހަރާ އަޅާބަލާއިރު، ރިކަރަންޓް ހަރަދުވެސް ބޮޑުވެފައިވުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ ކަންބޮޑުވުންތަކަށްވެސް އަމީރު ދެއްވީ ހަމަ ދާދި އެއް ޖަވާބެކެވެ.

ދަރަނި އިތުރަށް ނަގައިގެން ވިޔަސް، ޕީއެސްއައިޕީ މަޝްރޫއުތަކުން ދިވެހި ވިޔަފާރިތަކަށް ފައިސާ ވައްދަންޖެހޭ ކަމެވެ. ރިކަރަންޓް ހަރަދު ބޮޑުވަނީ ބައެއް މަޝްރޫއުތައް ނިމި، އޮޕަރޭޝަންތައް އަންނަ އަހަރު އޮޕަރޭޝަންތައް ފަށާތީކަމުގެ ތަސައްލީވެސް ލިބިގެންދިއަ އެވެ. އެހެން ގޮތަކަށް ބުނަނީނަމަ، ބޭރުގެ މާލީ މާހިރުންގެ ލަފާގެ މަތިން، ސަރުކާރުން އެކުލަވާލާފައިވަނީ މިވަގުތަށް އެންމެ އެކަށޭނަ، ވަށާޖެހޭ، ފުރިހަމަ ބަޖެޓެއްގެ ޔަގީންކަން ދެއްވަމުންނެވެ. ސަރުކާރަށް ހަމައެކަނި ކޮށްދޭންވީ ކަމަކީ، އެ ބަޖެޓު މަޖިލީހުން ސިއްކަ ޖަހައި ދިނުމެވެ. މި ދަތި ހާލަތުގައި އެހެން ހުރިހާ ކަމެއް ސަރުކާރުން ކުރާނެ އެވެ.

ނަމަވެސް، އިއްޔެ ގަވަރުނަރާއެކު މަރުކަޒީ ބޭންކުގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގެން، އެ ހުރިހާ "ފޮނި" ވާހަކަތަކުގައި ވަނީ ރަނގަޅަށްވެސް ލޮނު ރަހަ ލައްވާލައިފަ އެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ އާމްދަނީ އިން ފެށިގެން، ހަރަދާއި ދަރަނީގެ އަންދާޒާތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އިސްވެ ވަނީ ރަތް ގަލަމަކުން ސުވާލު މާކުތަކެއް ޖައްސަވައިފަ އެވެ.

މަޝްރޫއުތައް އިގުތިސޯދީ ހާލަތާ ނުބައްދަލު

އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން މެޑަލް ޖަހާފައިވަނީ، ކޮވިޑް-19 އިގެ ދަތީގައިވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، ނަޝީދުގެ ބަހުރުވައިންނަމަ "ރަނުން ރަނަށް" ވައުދުތައް ފުއްދޭނެކަމަށް ފަވައިގެންނެވެ. ނަމަވެސް، އާއްމު ރައްޔިތަކަށް މާނަވެސް ނޭނގޭ މޮޅު ނަމެއް ކިޔާ ފިސްކަލް ޕޮލިސީއެއް، ސަރުކާރުން ބުނާހާ މޮޅަށް ނުހިނގާނެކަމަށް، ބަޖެޓަށް އެމްއެމްއޭ އިން ދީފައިވާ ލަފާގެ މައްޗަށް ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އިއްޔެ ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވި އެވެ.

މިގޮތުން، މަޝްރޫއުތަކާ ގުޅޭގޮތުން މައިގަނޑު ދެ ވާހަކައެއް ރައީސް ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަލީ ހާޝިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ގަވަރުނަރު ވިދާޅުވި ގޮތުން ނަމަ، އަންނަ އަހަރުގެ މަޝްރޫއުތައް ފެށުމުގެ ކުރިން އެ ކަމަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ކަން ޔަގީންކުރުން ވަރަށް މުހިއްމެވެ.

"ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ރާއްޖޭގެ ބޭރު ފައިސާ ސަޕްލައި ވެސް ވަނީ ދަށްވެފަ. އެހެންވެ، ކެޕިޓަލް ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ޑޮލަރު އެތެރޭގެ މާކެޓުން ނުލިބި މި ފަދަ މަޝްރޫއުތައް ނުހިނގޭނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތައް ފެށުމުގެ ކުރިން ދައުލަތާއި ސަރާރުން ޖެހޭ އެ އަށް [މަޝްރޫއުތަކަށް] ބޭނުންވާ ބޭރު ފައިސާ ޔަގީންކޮށްފަ ޕްރޮޖެކްޓްތައް ފަށަން،" އޭނާ ތަފްސީލުކޮށް ދެއްވި އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުންނަމަ، ސަރުކާރުން އަންދާޒާކުރާ އަދަދަށް ހިލޭ އެހީ އާއި އާމްދަނީ ނުލިބިއްޖެނަމަ، މަޝްރޫއުތައް ކުރިއަކަށް ނުގެންދެވޭނެ އެވެ. ހަރަދު ސަލާމަތްކުރަން އެ މަޝްރޫއުތައް ވަކި ހިސާބަކުން ހުއްޓާލަންޖެހޭނެކަމުގެ އިންޒާރުވެސް ދެއްވަމުންނެވެ. އެކަމަކު އެއީވެސް މަޝްރޫއުތަކާ ގުޅޭގޮތުން އެންމެ ކަންބޮޑުވުން އޮތް ސަބަބު ނޫންކަމަށް މަރުކަޒީ ބޭންކުގެ ލަފާއިން ހާމަވި އެވެ.

"ވިހި އެކާވީސް ވަނަ އަހަރު ވެސް ލަފާ ކުރާ ވަރަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝް ޕްލޯ ދަތިވެ، މަޝްރޫއުތައް ނުހިންގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އިގްތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއު ތަކެއް،" ބޮންޑު އަދި ސުކޫކްއަށް ބަރޯސާވުމުގެ ބަދަލުގައި ކޮންސެޝަނަލް ލޯނު ހޯދުމަށް ބާރުއަޅުއްވަމުން އަލީ ހާޝިމް ވިދާޅުވި އެވެ.

އަޑުއިވުނީ މާހިރުންގެ ލަފާގެ އެއް ބައި

ކޮވިޑް-19 އިގެ އިގުތިސޯދު އަޅަމުންދާ ވޭން ކުޑަކުރުމަށް، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ އަމީރު ވިދާޅުވެފައިވާ ގޮތުންނަމަ "ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީ"އެއްގެ ދަށުންނެވެ. އޭގެ މާނައަކީ އިގުތިސޯދީ ހަރަކާތް ދަށްވެފައިވާ ދަނޑިވަޅެއްގައި އިގުތިސޯދު ހިންގުމަށް ސަރުކާރުން އަދާ ކުރާ ދައުރު އިތުރުކުރުމެވެ. އަމީރު ވިދާޅުވީ އެއީ މުޅި ދުނިޔެއަށްވެސް ބޭރުގެ އެންމެ ބޮޑު މާލީ ދެ އިދާރާކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އިތުރުން ވާލްޑް ބޭންކުންވެސް ދެމުންދާ ލަފާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިގުތިސޯދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫއުތައް ފަށައި، އިގުތިސޯދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް، ސަރަހައްދީ ތަރައްގީ އަށް އިންވެސްޓްކުރަންވީ ވަގުތު،" އަންނަ އަހަރު ރާއްޖޭންވެސް ނަކަލު ކުރާނީ އެ ސިޔާސަތުކަން ފާހަގަކުރައްވަމުން ބަޖެޓު ބަޔާނުގައި އަމީރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އެ ޔަގީންކަމުން ތަސައްލީ ހޯދައިގެން ތިއްބާ، އެކަމަށްވެސް ގަވަރުނަރު އިއްޔެ ވަނީ ހިޔަނި އަޅުއްވައިފަ އެވެ.

އުފެއްދުންތެރިކަމުގެ ނިސްބަތުން އެތައް ގުނައެއް ދަރަނި އިތުރުވާއިރު، އިގުތިސޯދު ކޮޅަށްޖެހޭނެ މަންޒަރެއް ބަޖެޓުން ސާފުނުވާކަމަށް ވިދާޅުވެ މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، އައިއެމްއެފް ގެ އިތުރުން ވޯލްޑް ބޭންކުގެ ލަފަޔަކީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ކަންކަން ވެސް ކުއްލިއަކަށް ހުއްޓާ ނުލުން ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އެއްސެވީ އެއްބައި ކަންނޭނގެ އެ ލަފާގެ. އެ ލަފާގައި ބުނަނީ މިހާރު އޮތް ހާލަތުގައި މިހާރު ހުރި ޕޮލިސީސްތައް ކުއްލިއަކަށް ހުއްޓާނުލާށޭ. ހުއްޓާލާފިއްޔާ އެ އަންނަ ޝޮކު މާ ބޮޑުވާނޭ އިކޮނޮމީ ތެރޭގައި. އެހެންވީމާ ވަރަށް ގްރެޖުއަލްކޮށް ގެންދާށޭ،" އަލީ ހާޝިމް ވިދާޅުވި އެވެ.

ގަވަރުނަރު އެ ވިދާޅުވީ، ސަރުކާރުން އަމަލުކުރަން ރާވާފައިވާ ފިސްކަލް ޕޮލިސީގެ ދަށުން، ނުފޯރާ ފޮތިން، ދަރަނި އިންތިހާއަށް އިތުރުކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވެ އެވެ. އެކަމުން މުސްތަގުބަލުގައި ކުރާ ނޭދެވޭ އަސަރު ބޮޑުވާނެކަމެވެ.

ކްރެޑިޓް ރޭޓިން ދަށްވީ ބަޖެޓުގެ ސަބަބުން؟

މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް ފަރިވަމުން އަންނަނިކޮށް، ސަރުކާރުގެ މޫނު މަތީގައި ތަފާލެއްޖެހީ ބައިނަލްއަގުވާމީ ކްރެޑިޓް އޭޖެންސީ ފިޗް އިންނެވެ. ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން "ސީސީސީ" ބަދަލުކުރުމުން ސަރުކާރުގެ ރުޅިގަނޑު ފަޅައިގެން ދިއަ އެވެ. އަދި އެ ރޭޓިން ގަބޫލުކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސް ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް، ސަރުކާރުން ބުނަމުންދަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާއި މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކޮށްފައިވާއިރު، އިގްތިސޯދީ ހަރަކާތްތައް ފެށި، މާލީ ގޮތުން ރާއްޖެ ހަމަޖެހެމުންދާ ކަމަށްބުނެ، ފިޗުގެ ރޭޓިން ގަބޫލުކުރަން ދެކޮޅު ހަދާ އެސެސްމެންޓްތައް ގަބޫލުކުރަން ދަތި ކަމަށް ވަނީ ބުނެފައި އެވެ.

އެކަމަކު ރޭޓިން ދަށްކުރުމާއި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގަވަރުނަރު އިއްޔެ ވަނީ ގުޅުވައިފަ އެވެ. އެގޮތުން، އަލީ ހާޝިމް ވިދާޅުވީ ކޮވިޑް-19 އިގެ އިގުތިސޯދީ ހީނަރުކަމުގެ ތެރެއިން މި އަހަރަށް ވުރެ، ކުޑަތަންކޮޅެއް ކުޑަ ބަޖެޓެއް އަންނަ އަހަރަށް ހުށަހެޅުމަކީ ފިޗް ފަދަ ރޭޓިން އޭޖެންސީތަކަށް ދެވޭ ނުބައި މެސެޖެއް ކަމަށެވެ.

"ސަރުކާރުގެ ކޮންމެ ޑިޒިޝަނަކީ ސިގްނަލެއް. މި ބުނަނީ ރެވެނިއު ސްޓްރީމް ދަށްވާނެކަމަށް. ސޯސް މާކެޓުތައް ދަށްވާނެކަމަށް. އަދި އިކޮނޮމީ އެހެން ގޮތަކަށް ބައްޓަންކުރަންޖެހޭނެކަމަށް. މި ހުރިހާ ކަމެއްގެ ތެރެއިން ޑެފިސިޓް އެހާ ބޮޑުވާނެކަމަށް މި ބުނަނީ. މިއިން ކޮންމެ ކަމަކީ ބޭރަށްދާ ހިންޓެއް،" ގަވަރުނަރު ވިދާޅުވި އެވެ.

އާމްދަނީގެ އަންދާޒާތަކުގައި ވެސް ސުވާލު މާކެއް

ތާރީހީ ޑެފިސިޓާއެކު ކޮވިޑް-19 އިގެ ދަތި ހާލަތުގައި ހުށަހެޅި ބަޖެޓުގައި އާމްދަނީ ކުޑަވާނެކަމީ ހަގީގަތެވެ. މިގޮތުން، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އޭގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު، އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންތައްތަކުން 1.2 ބިލިއަން ރުފިޔާ ހޯދަން އަންދާޒާކޮށްފައި ވެއެވެ.

  • ޓެލްކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ
  • ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ
  • މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް / ޕާކިން ފީއިން: 37 މިލިއަން ރުފިޔާ
  • ދިވެހިންނަށް ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން: 273 މިލިއަން ރުފިޔާ

މީގެ ތެރޭގައި ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ހިމެނޭއިރު، މިގޮތަށް ހިއްސާ ވިއްކައިގެން 462.6 މިލިއަން ރުފިޔާ އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފަ އެވެ. ނަމަވެސް، ގަވަރުނަރު އިއްޔެ ވަނީ އެކަން ކާމިޔާބުވާނެކަމާމެދު ޝައްކު އުފައްދަވައިފަ އެވެ.

މިގޮތުން، ޕްރައިވެޓައިޒް ކޮށްގެން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މިކަމުން ދިގު ރާސްތާގެ މަންފާއެއް ލިބޭނެ ކަމަށް ބެލެވެނީ އެ ކުންފުންޏަށް ލިބޭ ފައިދާއަށް ބިނާ ވެގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހިއްސާދާރުންނަށް ލިބޭ ޑިވިޑެންޑުގެ ގޮތުގައި އާމްދަނީ ފެތުރޭނެ ކަމަށް ފާހަގަ ކުރަން. އެހެން ކަމުން މިފަދަ ބަދަލެއް ގެނައުމުގެ ކުރިން ދިރާސާކޮށް އޭގެ ފީޒިބިލިޓީ ސްޑަޓީއެއް ހެދުން މުހިންމު ކަމަށް ފާހަގަ ކުރަން،" ގަވަރުނަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖާމެދު ވެސް ގަވަރުނަރު ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އަލީ ހާޝިމް ވިދާޅުވީ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖުގެ ނަމުގައި ނަގަން ހުށަހަޅާފައިވާ އިތުރު ފީ އާއެކު އިންފްލޭޝަނަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ގޮތުން، އެ ޗާޖު ކުންފުނިތަކުން ކަސްޓަމަރުންނާ ހަމައަށް ގެންދިއުމުގެ ފުރުސަތު ބޮޑުއިރު، އެކަމުން އަގުތައް ބޮޑުވެ، އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މިސާލަކަށް ސިނގިޜޭޓު ވެއްޖެއްޔާ ހުރިހާ އެއްޗެއް އެބަ ޕާސް އޮން ކުރޭ. އެކަމަކު ޓެލެކޮމް ކުންފުނިތަކަށް އެ ގޮތަށް އަމަލު ނުކުރެވޭނެ އާއްމުކޮށް. އެހެންވީމާ ކޮން މިންވަރަކަށްތޯ ޕާސް އޮން ނުކޮށް ޕްރޮފިޓް ތެރެއަށް އެބްޒޯބް ކުރާނީ. އަޅުގަނޑު މިދަންނަވަނީ ވަރަށް ގިނަ އެއްޗެހި ޕާސްއޮން ކުރެޔޭ. އޭރުން އިންފްލޭޝަނަށް އަސަރުކުރާނެ،" ގަވަރުނަރު ވިދާޅުވި އެވެ.

އަދި ޑެފިސިޓާއި އެހެންނިހެން ކަންކަން ހަމަޖެއްސުމަށް 17.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށް އަންދާޒާކޮށްފައިވާއިރު، ބޭރުގެ އެކި ފަރާތްތަކުން ހޯދައި، 13 ބިލިއަން ރުފިޔާގެ އިތުރުން، ބާކީ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކަނޑައަޅާފައިވަނީ އެތެރޭގެ ފަރާތްތަކުންކަމަށްވާއިރު، އެކަމުން އަމިއްލަ ފަރާތްތަކަށް ނޭދެވޭ އަސަރު ކުރާނެކަމަށް އަލީ ހާޝިމް އިއްޔެ ވަނީ ވިދާޅުވެފައި އެވެ.

މިގޮތުން، ދައުލަތުން ދަރަނި އާއްމުކޮށް ނަގަނީ ވިޔަފާރި ބޭންކުތަކުން ކަމަށްވާއިރު، އެ ދަރަނި ނެގޭނެ ލިމިޓުތަކެއް ކޮންމެ ބޭންކެއްގައި ވެސް ހުންނާނެ އެވެ. އަދި އެ މިންވަރަށް ދަރަނި ނަގަންޖެހޭނަމަ، އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ލޯނު ދޫކުރާ އަދަދުތަކަށް ނޭދެވޭ އަސަރު ކުރާނެކަމީ ގަވަރުނަރުގެ ލަފާ އެވެ.

"ޑޮމެސްޓިކް މާކެޓް ކްރައުޑް އައުޓްވާ އިޝޫ އަކީ އަބަދުވެސް މެންބަރުން ނަންގަވާ އިޝޫއެއް. މީގެން އެހެންވާނެ. ކްރައުޑް އައުޓްވާނެ. މިހާވަރަށް ދަރަނި ނަގަންޖެހެންޏާ ކްރައުޑް އައުޓްވާނެ،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއެކު ލިބުނު ހިތްހަމަޖެހުން މަރުކަޒީ ބޭންކުގެ ލަފަޔާއެކު ވަނީ އަނެއްކާވެސް ނުތަނަވަސްކަމެއް ވެރިވެފައި އެވެ. މި ބަޖެޓަކީ ވަރަށް ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ކުރި ފަޅައިގެން، ވަށައިޖެހޭ ވިސްނުމަކާއި ތަސައްވުރެއްގެ ދަށުން ފޯދިފައިވާ އަންދާޒާތަކެއް ކަމަށް ހީވެފައިއޮތް އޮތުމަށް މިހާރު ވަނީ ރަނގަޅަށްވެސް ހިޔަނި އެޅިފައި އެވެ. ސަރުކާރުގެ ރޭވުންތެރި ކަމުގެ ބަދަލުގައި، މިއީ ހެދުނު ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، މި ދައުރު ނިމުމުގެ ކުރިން ވައުދުތައް ފުއްދުމަށް ހިލާފައިވާ ބޭހެއްތޯ މިއީ ހަގީގަތުގައިވެސް އުފެދޭ ސުވާލެކެވެ.