ދައުލަތުގެ ބަޖެޓް

ސަރުކާރުގެ މާލީ ސިޔާސަތުން ރުފިޔާގެ އަގު ދަށްވުން ނޫން ކަމެއް ނުވާނެ: ޣައްސާން

އަންނަ އަހަރަށް ސަރުކާރުން ހިންގަން ރާވާފައިވާ މާލީ ސިޔާސަތުން ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ދިއުން ނޫން ކަމެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ކުރިއަށްދިއަ ބަހުސްގައި، އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވަނީ، އަންނަ އަހަރަށް ސަރުކާރުން ހިންގަން ރާވާފައިވާ ކައުންޓާސިސްލިކަލް ފިސްކަލް ޕޮލިސީއާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ.

މިގޮތުން، ކައުންޓާސިސްލިކަލް ޕޮލިސީއެއްގެ ދަށުން އިގުތިސޯދު އަޑިއަޅާ ދަނޑިވަޅެއްގައި އާއްމު ގޮތެއްގައި ކުރާ ކަމަކީ ސަރުކާރުން ކުރާ ހޭދަ މަތިކޮށްފައި، ޓެކްސޭޝަން ދަށްކުރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ބައެއް ބާވަތްތަކުން އިމްޕޯޓް ޑިޔުޓީ ބޮޑުކުރަން ހިމަނާފައިވާއިރު، އޭގެ ސަބަބުން މުދަލުގެ އަގު އުފުލި، ގެއްލުންވާނީ މިހާރުވެސް ކޮވިޑް-19 އާ ގުޅިގެން ނިމަކެތިވެފައިވާ އާއްމު ރައްޔިތުންނަށްކަމަށް ޣައްސާން ވިދާޅުވި އެވެ.

ފިސްކަލް ޕޮލިސީއާމެދު ސުވާލު އުފައްދަވާ ޣައްސާން ވިދާޅުވީ ސަރުކާރުން ވިސްނާފައިވާ ސިޔާސަތަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫ ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތައް ގަބޫލުކުރާ ގްލޯބަލް ކަރަންސީގެ ގައުމުތަކުގައި މަސައްކަތްކުރާނެ ސިޔާސަތެއް ކަމަށެވެ.

ނަމަވެސް މި ހާލަތުގައި ސިޔާސަތުތައް ފަރުމާކުރަންޖެހޭނީ ރާއްޖޭގެ ކުޑަ އިގުތިސޯދަށް ރިއާއަތް ކޮށްގެން ކަމަށް ޣައްސާން ތަކުރާރުކޮށް ވިދާޅުވި އެވެ.

"ރާއްޖެއަކީ ވަރަށް ކުޑަކުޑަ ގައުމެއް. 100 ޕަސަންޓް އިމްޕޯޓަށް ބަރޯސާވާ ވަރަށް ކުޑަ އިގުތިސޯދެއް ގެންގުޅޭ ގައުމެއް ރާއްޖެއަކީ. އަޅުގަނޑުމެން މި ގޮތަށް ކައްތައްކޮށްފިނަމަ، ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ދިއުން ނޫން އެހެން ކަމެއް ހާސިލުވާނެ ކަމަކަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ޣައްސާން ވަނީ ބަޖެޓުގައި ހިމެނިފައިވާ ހަރަދުތަކާއި އާމްދަނީގެ އަދަދުތަކަށްވެސް އަލިއަޅުވާލައްވައި، އެ އަދަދުތައް ދެކޮޅު ނުޖެހޭކަމަށް ވިދާޅުވެ ގިނަ ނުކުތާތަކެއް ފާހަގަ ކުރައްވައިފަ އެވެ.

މިގޮތުން، ޣައްސާން ވިދާޅުވީ އަންނަ އަހަރު އާމްދަނީގެ ބޮޑުބައެއް ހަތް ލައްކަ ޓޫރިސްޓުން އަންނާނެކަމަށް ބަލައިގެން ހިމަނާފައިވާއިރު، ކޮވިޑް-19 އިގެ ހާލަތުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއާއެކު މިހާރު ފެންނަމުންދާ ކޯޅުމުގެ ސަބަބުން އެ އަދަދަށް ފަތުރުވެރިން އަންނާނެކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.

އާމްދަނީގެ ތެރޭގައި ހިމެނޭ ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާއިރު، އޭގެ ތެރެއިން 75 ޕަސަންޓް ބަރޯސާކޮށްފައިއޮތް އިންޑިއާގައި މިހާރުވެސް ޓެކްނިކަލް ރިސެޝަނެއް އިއުލާނުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ބޮންޑާއި ސުކޫކު ވިއްކައިގެން ބޮޑު އަދަދެއް ލިބޭނެކަމަށް އަންދާޒާކޮށްފައި ވީ ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ކުރިންވެސް ބޮންޑުވިއްކަން ދަތިތަކާ ކުރިމަތިވި ކަމަށެވެ.

އެހެންކަމުން، ސަރުކާރުން އަންދާޒާކޮށްފައި މިންވަރަށް ބޮންޑާއި ސުކޫކު ވިއްކައިގެން އާމްދަނީ ލިބޭނެކަމާމެދު ޣައްސާން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ހަރަދު ކުޑަކުރަންޖެހޭ. ރިކަރަންޓް ހަރަދު ކުޑަކުރަންޖެހޭ. ޑެފިސިޓް ކުޑަކުރަންޖެހޭ. ސީދާ ރައްޔިތުންގެ އަތަށް ފައިސާ ދެވޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމުކުރަންޖެހޭ. ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ ކަހަލަ މަޝްރޫއުތަކަށް ހަރަދު ކުރަންޖެހޭ. މިހުރީ ވަރަށް ބޮޑެތި ކަންތައްތައް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މިގޮތަށް އޮވެގެން ބަޖެޓު ފާސްކޮށްފިނަމަ ރާއްޖެ ވެއްޓިފައިއޮތް އަނދަވަޅުން އިތުރަށް ދާނީ އަޑިއަށް ކަމަށާއި، މަޖިލީހުގެ ހުރިހާ މެންބަރުންވެސް އަލުން ވިސްނައި، ބަޖެޓު އަނބުރާ ގެންގޮސް، ބޮޑެތި އިސްލާހުތަކެއް ގެނައުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.