މިދިއަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވަކިވަކިން ވިދާޅުވެ ދެއްވާ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ވަރުން އަޅުވައި، ބަޖެޓުގެ ސައްހަކަމާމެދު މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ސުވާލު އުފައްދަވައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، މިހާރު ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބަހުސްގެ ތެރެއިން ބަޖެޓާ ދެކޮޅަށް މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވާތީ، މި ބަޖެޓު ހުށަހަޅައިގެން އުޅޭ ޕާޓީއާމެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ.
މިގޮތުން، ބަޖެޓުގައި ހިމަނާފައިވާ ޑެފިސިޓް އަދަދުތަކާ އެކީގައި، މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، ވޯޓު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި، ސައީދު ވިދާޅުވީ މި ބަހުސްގައި އެމްޑީޕީގެ ރައީސާއި، ޗެއާޕާސަންގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވެސް ވާހަކަ ދައްކަވާފައިވަނީ ބަޖެޓާ ދެކޮޅަށް ކަމަށެވެ.
"2021 ވަނަ އަހަރުގެ ބަޖެޓުގެ ސައްހަކަން މިވަނީ ގެއްލިފައި. ފުރަތަމަ މި މައްސަލަ އެބަޖެހޭ ހައްލުކުރަން،" ސަރުކާރުން ކަމެއް ގޯސްކޮށް ކުރެވޭއިރަށް، ވެރިކަން ކުރާ ކޯލިޝަން އެހެން ޕާޓީތަކުގެ ބޮލުގައި އެކަމެއް އަޅުވާފައި އެމްޑީޕީ އެކަމުން "ރެކޭ" ކަމަށް ތުހުމަތު ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މަރުކަޒީ ބޭންކާއި އޮޑިޓު އޮފީހުގެ އިތުރުން، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވާލްޑު ބޭންކާއި ދުނިޔޭގެ ކްރެޑިޓް އޭޖެންސީތަކުން ވެސް މި ބަޖެޓާމެދު ކަންބޮޑޮވުންފާޅު ކުރަމުންދާ ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ ކޮވިޑް-19 އިގެ މަލިމަޑުކަމުގެ ތެރެއިން މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދުވެސް ތަޅުވެލިފައިވާ ދަނޑިވަޅެއްގައި މުޅި ގައުމުގައި މިހާރު ދައުރުވަމުންދަނީ އެންމެ 57.9 ބިލިއަން ރުފިޔާ ކަމަށެވެ.
"މި ގައުމުގައި ހާރަކަށްވެސް ތަރާވީހަކަށްވެސް މި އެނބުރެނީ 3.8 ބިލިއަން އެމެރިކާ ޑޮލަރު. ފަސްލައްކަ އެތައް ބައެއްގެ އާބާދީއެއް. އާއިލާތައް ގެދޮރު ދޫކޮށް ނެރޭ ވާހަކަ މި މަޖިލީހުގައި ދައްކަމުން މި ދަނީ. އެހެންވީމާ ފިޗާއި ވާލްޑް ބޭންކާއި އައިއެމްއެފުން މި ބުނަނީ އަމީރު [ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު] ހޯހޯ އޭ ތި ގޯސް ނަހައްދަވާށޭ. އެ ވާހަކަ ރިޔާސަތުންވެސް ތި ފާހަގަ ކުރައްވަނީ،" އޭނާ ވިދާޅުވި އެވެ.
ޓެކްސް ނޫން ފައިސާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދުތަކަށް އިޝާރާތް ކުރައްވައި، ސައީދު ވިދާޅުވީ އޭގެ ތެރޭގައި ރިސޯޓު ފަދަ ތަންތަނުގެ ބިމު ކުލި ހިމެނޭއިރު، އެ ފައިސާ އަންނަ އަހަރުވެސް މައާފުކޮށްދޭން ޖެހިދާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ދެއްވި ލަފާގައިވެސް ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.
ބަޖެޓު ބޮޑު ވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަން ޖެހުމުގެ ސަބަބުން ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަތަކަށްވެސް ސައީދު މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ނިމި އެމްޑީޕީއާ ހަވާލުކުރިއިރު ދައުލަތުގެ ދަރަނި ހުރީ 40 ބިލިއަން ރުފިޔާގައި ކަމަށާ ނަމަވެސް މި ސަރުކާރުގެ އެންމެ ދެ އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނައަށް ވުރެ ބޮޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނަމޭ ވިދާޅުވެފައި ވަޑައިގެން ރައްޔިތުންގެ ހަތަރެސްފައިގައި ދަރަނި މި އެޅުވީ. މުޅި ދިވެހި ދައުލަތުގައި ދަރަނި ތި އެޅުވީ. ފުނިޖަހަމުން ތިގެންދަވަނީ. ދެން ކޮން ލައިސެންސެއް އޮތީ ތިޔަ ބޭފުޅުން މި ބަޖެޓުގެ ސައްހަކަމާމެދު ވާހަކަ ދައްކަވަން،" ސައީދު ސުވާލުކުރެއްވި އެވެ.
ސައީދު ވަނީ ފާއިތުވި ދެ އިންތިހާބުގައި އެމްޑީޕީން ވެފައިވާ ބައެއް މުހިއްމު ވައުދުތައް ނަންގަވައިގެން ހުށަހަޅާފައިވާ ބަޖެޓާ ވަރުން އަޅުއްވައިފަ އެވެ.
އޭނާ ވިދާޅުވީ ނޫ އިގުތިސޯދެއްގެ ވައުދުވެފައިވާއިރު މަސްވެރިކަމާއި ދަނޑުވެރިކަމަށް އެންމެ 13 މިލިއަން ޑޮލަރު ބަޖެޓުގައި ހިމެނިއިރު، މާލޭ ޕޯޓު ގުޅިފަޅަށް ބަދަލުކުރުމާއި ތިލަމާލޭ ބުރިޖުގެ ހަމައެކަނި އިކުއިޓީއަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
ޖަޒީރާ ދިރިއުޅުމުގެ ވައުދަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހިމެނޭ 19 އަތޮޅަށް ކުރާ ހޭދައަށްވުރެ ބުރިޖުގެ އިކުއިޓީއަށް އަޅާ ފައިސާ އިތުރު ކަމަށެވެ.
ރައީސް އޮފީހާއި ބައެއް މިނިސްޓްރީތަކުގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ އިތުރަށް އެތަކެއް ސަތޭކަ މިލިއަން ރުފިޔާއެއް ހިމަނާފައިވާއިރު ރައްޔިތުންނަށް ވައުދުވި އޯގާތެރި ސަރުކާރަކީ އެއީތޯ ވެސް ސައީދު ވަނީ ސުވާލު ކުރައްވައިފަ އެވެ.
"އާސަންދަގެ ބަޖެޓު ވީ ކުޑަ. ކަރަންޓު ބިލު ވީ ބޮޑު. މީހުން ގެދޮރު ދޫކޮށް ނެރުނީ. ސްޓާފުން ދިޔައީ ރަށަށް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ފަހުރުވެރި އާއިލާ އާއި ހެޔޮވެރިކަމުގެ ވައުދުވެސް ބަޖެޓާ ވަރުންއަޅުއްވައި، ސައީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.
އަދި މެންބަރުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހައި، މި ބަޖެޓު އަނބުރާ ގެންގޮސް އިސްލާހުކުރުމަށް ގޮވާލެއްވިއެވެ.