ދައުލަތުގެ ބަޖެޓް

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުފައިވާތީ ބަޖެޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާމެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތު ވެފައިވާތީ، ބަޖެޓުގެ ސައްހަކަމާމެދު އިދިކޮޅުން ސުވާލު އުފައްދައިފި އެވެ.

މިއަދާ ހަމައަށް ބަހުސްގައި ވާހަކަ ދެއްކެވި މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީ މެންބަރުން ވަނީ ދަރަނި ނަގައިގެން ޑެފިސިޓް އިތުރުވި ނަމަވެސް، އެއީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ކަމާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަޝްރޫއުތައް ހިންގަންޖެހޭކަން ފާހަގަކުރައްވައި، ސަރުކާރަށް ތައުރީފު ކުރައްވައިފަ އެވެ.

އަދި މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުންގެ އުއްމީދުތަކާ އެއް ގޮތަށް ހުރިހާ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން ވަނީ ނުސީދާކޮށް އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ކެތްތެރިވުމަށްވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ނަމަވެސް، މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެންމެ އިސް ސަފުގައި ތިއްބެވި މެންބަރުން ވަނީ ޕާޓީގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ފަދަ ބޭފުޅުން ވަނީ އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މާލީ އަދި ދަރަނީގެ ސިޔާސަތުތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފައްދައިފަ އެވެ.

އަދި މިދިއަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދިއަ ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް އަދި މުހައްމަދު ނަޝީދު ވަނީ އެކި ފަހަރު މަތިން ފާޑުވިދާޅުވެފައި އެވެ.

މީގެ އިތުރުން، މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، އިންތިހާއަށް ޑެފިސިޓް ބަޖެޓަކަށް ވޯޓު ނުދެއްވާނެކަމަށް ވެސް އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައި އެވެ.

އެ ހިޔާލުތަފާތުވުމަށް އިޝާރާތް ކުރައްވައި، ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ މި ބަހުސްގައި އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވެސް ވާހަކަ ދައްކަވާފައިވަނީ މި ބަޖެޓާ އިދިކޮޅަށް ކަމަށެވެ.

"2021 ވަނަ އަހަރުގެ ބަޖެޓުގެ ސައްހަކަން މިވަނީ ގެއްލިފައި. ފުރަތަމަ މި މައްސަލަ އެބަޖެހޭ ހައްލުކުރަން،" ސަރުކާރުން ކަމެއް ގޯސްކޮށް ކުރެވޭއިރަށް، ވެރިކަން ކުރާ ކޯލިޝަން އެހެން ޕާޓީތަކުގެ ބޮލުގައި އެކަމެއް އަޅުވާފައި އެމްޑީޕީ އެކަމުން "ރެކޭ" ކަމަށް ތުހުމަތު ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ބަޖެޓުގެ ބެލެނިވެރިކަމުގެ ޒުވާބު އެމްޑީޕީގެ މެންބަރުންގެ މެދުގައި ކުރެވެމުންދާކަމަށް ތުހުމަތު ކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ މި ބަޖެޓާ ހަވާލުވާން އެމްޑީޕީގެ އިސް މެމްބަރުން ފާޅުގައި ދެކޮޅު ހަދަމުންދާ ކަމަށެވެ.

"އެމްޑީޕީން ފާޅުގައި މި ބުނަނީ މިއީ ތިމަންނަމެންގެ ބަޖެޓެއް ނޫނޭ. ދެން އަޅުގަނޑުމެން މިތާނގައި ހައެއްކަ މެންބަރުން ތިބެގެން ކިހިނެއްތޯ ބުނާނީ މިއީ ސަރުކާރުގެ ބަޖެޓެކޭ. މިއީ އެމްޑީޕީގެ ބަޖެޓަކީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަޑެއް ހަބަރެއް އިވެނީއެއް ނޫން،" ސައީދު ވިދާޅުވި އެވެ.

މެންބަރުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހައި، މި ބަޖެޓު އަނބުރާ ގެންގޮސް އިސްލާހުކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.