ހަބަރު

ބަޖެޓު: އެމްޑީޕީގެ ރައީސަށް އިދިކޮޅުގެ މުހިއްމު ސުވާލުތަކެއް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން، އިދިކޮޅުގެ މުހިއްމު ސުވާލުތަކެއް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު އަމާޒުކޮށްފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ބަޖެޓާ މެދު ބަހުސްކުރަން މެންބަރުންގެ މެދުގައި ކުޑަވެގެން އުޅެނީ ބަޖެޓު "ގޯސް" ވެގެން ކަމަށެވެ.

އަދި ބަޖެޓާ ގުޅޭގޮތުން ގިނަ މެންބަރުންނާއި ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބަޖެޓު ދިރާސާކުރި ކޮމިޓީންވެސް ބީރު ކަންފަތެއް ދީފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވާ ސައީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިއަދުވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސްގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބަޖެޓު ބަހުސްގެ މަރުހަލާގައި ބަޖެޓާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ނަމަވެސް، އެ ކަންބޮޑުވުންތަކުގެ އަޑު މިހާރު ކުއްލިއަކަށް ކެނޑިގެން ގޮސްފައިވާ ކަމަށެވެ.

"މި ބަޖެޓު ރަނގަޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅަށް ވަޑައިގެންނެވީމަ. މި ބަޖެޓު ގޯސްވާނެ މި ދެ ބޭފުޅުން ނުރުހިއްޖެކަމަށްވާނަމަ. މިތާނގަ 65 މެންބަރުން [އެމްޑީޕީ މެންބަރުން] އަދި ދެން ތިބި މެންބަރުން މީގައި ކުރާނެކަމެއް ނޯންނާނެ،" މި ބަޖެޓަކީ ވޯޓު ދެއްވުނު ނަމަވެސް، ވޯޓު ނުދެއްވާނެ ބަޖެޓެއް ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ނުސީދާ ކޮށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

އެއާއެކު، ރިޔާސަތަށް ނިސްބަތް ކުރައްވަމުން، އެމްޑީޕީގެ ރައީސަށް ސުވާލެއް ކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ، ސައީދު ވަނީ މިއީ އެމްޑީޕީގެ ބަޖެޓެއްތޯ ސާފުކޮށްދެއްވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައި އެވެ.

މިގޮތުން، ފިޝަރީޒް އާއި ޓްރާންސްޕޯޓުގެ އިތުރުން ޓޫރިޒަމް ފަދަ އިގުތިސޯދީ ހުރިހާ މިނިސްޓްރީތަކެއް ދީފައިވަނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމް އަށް ކަމަށްވާއިރު، މަޖިލީހަށް ހުށަހަޅައިގެން އުޅެނީ ކޮން ޕާޓީއެއްގެ ބަޖެޓެއްތޯ ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މީގެ އިތުރުން، ސައީދު މިއަދުވެސް ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭކަންކަން މި ބަޖެޓުން ނުފެންނަކަމަށް ވިދާޅުވެ، އެމްޑީޕީގެ ވައުދުތަކާއި އަންނަ އަހަރުގެ ބަޖެޓާ ވަރުން އަޅުއްވައިފަ އެވެ.

ބެޖޓު ބަހުސް މަރުހަލާގައިވެސް ފާހަގަކުރެއްވި ފަދައިން، ސައީދު ވިދާޅުވީ ނޫ އިގުތިސޯދެއްގެ ވައުދުވެފައިވާއިރު މަސްވެރިކަމާއި ދަނޑުވެރިކަމަށް އެންމެ 13 މިލިއަން ޑޮލަރު ބަޖެޓުގައި ހިމެނިއިރު، މާލޭ ޕޯޓު ގުޅިފަޅަށް ބަދަލުކުރުމާއި ތިލަމާލޭ ބުރިޖުގެ ހަމައެކަނި އިކުއިޓީއަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

"ބަޖެޓު އަޅާ ވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައި ނުޖަހައި، ކޮންކްރީޓު ފެނުނީމަ މަނިކުފާނު [ނަޝީދު] ހޮޑުލެވޭކަމަށް ވިދާޅުވެ ވަޑައިގެންފައި، ކޮންކްރީޓަށް މިއަދު 469 މިލިއަން ރުފިޔާ އެއޮތީ ހަމައެކަނި މިތާ މާލޭގައި މީހުން ދިރިނޫޅޭ ރަށަކަށް އަޅަންއުޅޭ ބުރިޖެއްގެ 20 ޕަސަންޓަށްވާ ވަރު. އޭގެ އަނެއް 80 ޕަސަންޓު އެއްކޮށްލީމަ ދައުލަތުގެ ދަރަނި 2023 ނިމޭއިރު 100 ބިލިއަން ހުރަސްކޮށް، 106 ބިލިއަން ރުފިޔާގައި އެބަ ހިޓު ކުރޭ،" ބާކީ އޮތް 19 އަތޮޅަށް ދައުލަތުން މި ހަރަދު ކުރަނީ އެންމެ ދެ ބިލިނައެއްހާ ރުފިޔާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ރައީސް އޮފީހާއި ބައެއް މިނިސްޓްރީތަކުގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ އިތުރަށް އެތަކެއް ސަތޭކަ މިލިއަން ރުފިޔާއެއް ހިމަނާފައިވާއިރު ރައްޔިތުންނަށް ވައުދުވި އޯގާތެރި ސަރުކާރަކީ އެއީތޯ ވެސް ސައީދު މިއަދުވެސް ވަނީ ސުވާލު ކުރައްވައިފަ އެވެ.

އިތުރަށް ވިދާޅުވީ މި ބަޖެޓު މިގޮތަށް ފާސްކޮށްފިނަމަ، ރައްޔިތުން ވެއްޓިފައިވާ އަނދަވަޅަށް އިތުރަށް ގެނބިގެންގޮސް މުޅި ގައުމު އިތުރު ދަތިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.

އެއާއެކު، މަޖިލީހުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ 65 މެންބަރުން، ޕާޓީގެ ވެރިން ޒިންމާދާރުކުރުވަން ސައީދު ވަނީ އާދޭހާއެކު ގޮވާލައްވައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.