ހަބަރު

އިތުރުކުރި އާމްދަނީއަށް އިދިކޮޅުގެ ފާޑުކިއުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނޭ އާމްދަނީގެ އަންދާޒާތައް ރޭ ރައްޔިތުންގެ މަޖިލީހުގެ ކޮމީޓީއަކުން ގެނައި ބަދަލުތަކަށް އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގެ މަރުހަލާގައި ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީން ވަނީ 200 މިލިއަނެއްހާ ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ. އާމްދަނީ އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރު ކޮށްގެން ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރު ކުރުމަށެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރު ކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރު ކުރުމަށް ކޮމިޓީން ރޭ ވަނީ ފާސްކޮށްފައި އެވެ.

އެކަމަށް މަގުފަހު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުންފާޅު ކުރުމުން އާމްދަނީގެ އަންދާޒާ ކުއްލިއަކަށް ސަރުކާރުން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިން އިތުރުކޮށްފައިވާ ކަމަށެވެ.

"މިހާރު އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ގަބޫލުކުރައްވައިގެން އެ ތިއްބެވީ އާމްދަނީ ހަތަރު ބިލިއަން ރުފިޔާ އިތުރު ވެއްޖެ ކަމަށް. ކޮން ފަދަ މިރެކަލްއެއްތޯ މިއީ،" ރޭ ކޮމިޓީގެ ނިންމުމަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ކަންވެސް ކުރެއްވި ސައީދު ވިދާޅުވީ އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި ދައުލަތަށް ޔަގީންކަމާއެކު އާމްދަނީ ލިބެން އޮންނަނީ ޓޫރިޒަމްގެ ބިމު ކުލިން ކަމަށެވެ.

ނަމަވެސް، މި ބިލާއެކު ސަރުކާރުން އެކަން ދޫކޮށްލާއިރު، ދައުލަތަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ދެން އެކަން ކޮންމްޕޭސޭޓުކުރަން މި ބުނަނީ އަޅުގަނޑުމެން ލަފާކުރަމޭ ފަޅުން ފަޅު ވިއްކައިގެން ގޯތިން ގޯތި ވިއްކައިގެން މިވެނިވަރެއް ލިބޭނެ ކަމަށް،" އެ ބިލަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރައްވަމުން ސައީދު އިތުރަށް ވިދާޅުވި އެވެ.

ސައީދުގެ އިތުރުން ބަހުސްގައި ވާހަކަ ދެއްކެވި ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވަނީ ބިލުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 400 އަށް ވުރެ ގިނަ މިލިއަން ރުފިޔާ އަކީ "ހުވަފެނެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ އިގުތިސޯދީ ހީނަރު ކަމުގެ ތެރެއިން ރާއްޖޭގައި އިންވެސްޓު ކުރެވޭނީ ކޮން އިންވެސްޓަރުންނަކަށްތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ.

"މި ތަނަށް މިއޮތީ ރަތްކާޑު ދައްކާފައި. މިތަނަށް އިންވެސްޓުކޮށްގެން އެ އިންވެސްޓުމެންޓުގެ ރިޓާން ލިބޭނެ ހަމަ އެއްވެސް ގޮތެއް ބޭރުގެ އިންޓަނޭޝަނަލް އިންވެސްޓަރަކަށް ފެންނާކަށް ނެތް،" ބައިނަލްއަގުވާމީ ކްރެޑިޓް އޭޖެންސީ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދާދި ފަހުން ދަށްކުރި ކުރުމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށް ލެވެނީ ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ.

ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.