އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މިދިއަ ހޯމަ ދުވަހުން ފެށިގެން މިރޭ ނިންމާލާފައިވަނީ 69 މެންބަރުންގެ ބައިވެރިވުމާއެކު އެވެ. އެކަމަށްޓަކައި، މިއަދުގެ ޖަލްސާގެ ވަގުތު ވެސް އިތުރުކޮށްފައިވާއިރު، ބަހުސްގައި 15 ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރެވުނުކަމަށް ރިޔާސަތުންވަނީ އިއުލާނުކޮށްފައި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
އެމްޑީޕީ މެންބަރުންގެ ވިސްނުން ދެ ކަފި
މިއަދާ ހަމައަށް ބަހުސްގައި ވާހަކަ ދެއްކެވި މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީ މެންބަރުން ވަނީ ދަރަނި ނަގައިގެން ޑެފިސިޓް އިތުރުވި ނަމަވެސް، އެއީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ކަމާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަޝްރޫއުތައް ހިންގަންޖެހޭކަން ފާހަގަކުރައްވައި، ސަރުކާރަށް ތައުރީފު ކުރައްވައިފަ އެވެ.
އަދި މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުންގެ އުއްމީދުތަކާ އެއް ގޮތަށް ހުރިހާ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން ވަނީ ނުސީދާކޮށް އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ކެތްތެރިވުމަށްވެސް އިލްތިމާސް ކުރައްވައިފަ އެވެ.
ނަމަވެސް، މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެންމެ އިސް ސަފުގައި ތިއްބެވި މެންބަރުން ވަނީ ޕާޓީގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލައިފަ އެވެ.
މިގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ފަދަ ބޭފުޅުން ވަނީ އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މާލީ އަދި ދަރަނީގެ ސިޔާސަތުތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފައްދައިފަ އެވެ.
މާލީ ވަޒީރު އެ ވިދާޅުވާ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީ، ސްޓިމިއުލަސް ޕޮލިސީ އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް އެކަމަކު އެ ޕޮލިސީ ހިނގާނެކަމާ ދޭތެރޭ ސުވާލު އުފެދެނީ،" އެ ސިޔާސަތާމެދު މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްވެސް ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން އީވާ ވިދާޅުވި އެވެ.
އަދި ދަރަނި އިންތިހާއަށް ބޮޑު ބަޖެޓުގައި ހިމަނާފައިވާ ބައެއް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަކާމެދު ވެސް ބައެއް މެންބަރުން ކަންބޮޑުވުންފާޅުކޮށްފައިވާއިރު، ދައުލަތަށް އާމްދަނީއެއް ނުލިބޭގޮތަށް ކޮންމެހެން ހިންގަންނުޖެހޭ ފަދަ ކުޅިވަރު ދަނޑުތަކާއި އިމާރާތް އެޅުމާއި، މަގުތަކުގައި ތާރު އެޅުން ފަދަ މަޝްރޫއުތައް އުނިކުރުމަށްވެސް އެ މެންބަރުން ވަނީ ގޮވާލައިފަ އެވެ.
ބަޖެޓާ ދެކޮޅަށް އިސްވެ ނަޝީދު
މިދިއަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދިއަ ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކި ފަހަރު މަތިން ފާޑުވިދާޅުވެފައި އެވެ.
ބަޖެޓަށް ތައުރީފު ކުރެއްވި އެމްޑީޕީ މެންބަރުންނަށް އިޝާރާތް ކުރައްވައި، ނަޝީދު ވަނީ އެ މެންބަރުންނަށް އޮތީ "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" ކިޔުއްވުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.
ނަމަވެސް، އިތުރަށް ވިދާޅުވީ ބަޖެޓްގައި ހިމެނިފައި ހުރި ކަންކަން އެ އޮތް ގޮތަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ރާއްޖޭގައި ނެތް މޮޔަ އެކަކު ވެސް. މި ބަޖެޓްގައި ޖަހާފައި ހުރި ކަންކަމަށް ބޭނުންވާ ފައިސާ ހޯދިގެން އައިސް އެކަންކަން ކުރެވިދާނެ ކަމަކަށް މި ރާއްޖޭގެ މީހުނެއް ގަބޫލެއް ނުކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، މަޖިލީހުގައި ރިޔާސަތުގައި ނީންނަވާނަމަ، މިފަދަ އިންތިހާއަށް ޑެފިސިޓް ބަޖެޓަކަށް ވޯޓު ނުދެއްވާނެކަމަށް ވެސް އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައި އެވެ.
ބަޖެޓު ބޮޑުވީ ކުރީގެ ދަރަނިން
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބޮޑުވެފައިވަނީ، ކުރީގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހޭ ބައި ހިމަނަންޖެހިފައިވާތީ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ތުހުމަތުކޮށްފައި އެވެ.
މިގޮތުން، ޗައިނާއަށް އަބަދުވެސް ފާޑުކިޔާ ސަފުގައި އިސްކޮށް ހުންނަވާ ތަކުރާރުކޮށް ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުން ކުރަންޖެހޭ ހޭދައިގެ ވާހަކަ މެންބަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
މިގޮތުން، ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑުބައެއް އަނބުރާ ދައްކަންޖެހިފައިވަނީ މިއަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.
ލޯނުތައް ނަގާފައިވަނީ ޗައިނާގެ ވިޔަފާރިތަކުގެ ބޭންކުތަކުގެ އިތުރުން ޗައިނާ ސަރުކާރު ހިއްސާވާ ބޭންކުތަކުން ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.
"މި ބަޖެޓުގައި އަޅުގަނޑަށް ފެނުނު ތަނުގައި ބުރަވެފައި އޮތީ ޗައިނާ އިން ނަގާފައިވާ ލޯނު އަނބުރާ ދައްކަންޖެހޭ އަދަދު އިތުރުވެގެން،" ދަރަންޏާ ގުޅިގެން ޗައިނާއަށް އަބަދުވެސް އަމާޒުކުރައްވާ ފާޑުކިއުންތައް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅުގެ ގިނަ ފާޑުކިއުންތައް
އިދިކޮޅު މެންބަރުންގެ ތެރެއިން، ބަހުސްގައި ބައިވެރިވެޑައިގެންނެވި ބޭފުޅުން، މައިގަނޑު ގޮތެއްގައި ވަނީ ބަޖެޓުގައި ހުރި އަދަދުތައް ދިމާނުވާ ކަމަށާއި، ކުރަން ރާވާފައިވާ ހަރަދުތައްވެސް ގާނޫނާއި ގަވައިދުތަކާ ހިލާފުކަމަށްވެސް ތުހުމަތުކޮށް ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށްފައި އެވެ.
އަދި މިފަދަ ދަނޑިވަޅެއްގައި ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓް ކުރަން ރަނގަޅު ނުވާނެ ކަމަށާއި މުޅި ބަޖެޓް ބިނާ ކުރަން ވާނީ މި ހާލަތުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ކަމަށް މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ ވިދާޅުވެފައި އެވެ.
"އަޅުގަނޑު ދަންނަވާލާނީ ބަޖެޓް އަނބުރާ ގެންދާށޭ، ގެންގޮސް 25 ބިލިއަން ރުފިޔާއަށް، 24 ބިލިއަންއަށް ވިޔަސް ކުޑަކޮށްފައި ގެންނާށޭ. 20 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަކު ނުދާނެ، ރައްޔިތުންގެ ހާލަތު ދަށްވާނެ، މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނު ދުވަސް އައިމަ އެ ކަން ގަބޫލުކުރަން ވާނެ،" ސަރުކާރަށް ފައިސާގެ ކަންކަން ރަނގަޅަށް މެނޭޖު ނުކުރެވޭކަމަށް ތުހުމަތު ކުރައްވަމުން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ގޮވާލެއްވި އެވެ.
ސަލީމްގެ އިތުރުން ބަޖެޓުގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ދެކޮޅު ނުޖެހޭ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ރައްޔިތުންނަށް ފޮނި ހުވަފެން ދައްކައިގެން އޮޅުވާލަން ކަމަށެވެ.
އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށްޓަކައި، ސިޔާސީ ބޭނުމަށް މި ބަޖެޓު އޮތް ގޮތަށް ފާސް ނުކުރުމަށް ތޯރިގު މިއަދު ވަނީ ގޮވާލައްވައިފަ އެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ބަޖެޓަށް އެމްޑީޕީގެ ގިނަ މެންބަރުންވެސް ތާއީދު ނުކުރާއިރު، މި ބަޖެޓު އަވަހަށް އަނބުރާ ގެންދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، ބަޖެޓާމެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެފައިވާތީ، ބަޖެޓުގެ ސައްހަކަމާމެދު ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ސައީދު އިތުރަށް ވަނީ ފާއިތުވި ދެ އިންތިހާބުގައި އެމްޑީޕީން ރައްޔިތުންނަށްވި ވައުދުތައް ބަޖެޓުން ނުފެންނަކަމަށް ވެސް ވިދާޅުވެފައި އެވެ.
ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނަމޭ ވިދާޅުވެފައި ވަޑައިގެން ރައްޔިތުންގެ ހަތަރެސްފައިގައި ދަރަނި މި އެޅުވީ. މުޅި ދިވެހި ދައުލަތުގައި ދަރަނި ތި އެޅުވީ. ފުނިޖަހަމުން ތިގެންދަވަނީ. ދެން ކޮން ލައިސެންސެއް އޮތީ ތިޔަ ބޭފުޅުން މި ބަޖެޓުގެ ސައްހަކަމާމެދު ވާހަކަ ދައްކަވަން،" ސައީދު ސުވާލުކުރެއްވި އެވެ.
ބަޖެޓުގެ ދިފާއުގައި ފިނޭންސް މިނިސްޓަރު
އިގްތިސޯދު ރަނގަޅު ކުރަން އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މާލީ އަދި ދަރަނީގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުން ތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްދު ދެއްވައިފަ އެވެ.
ބަހުސްގެ ތެރެއިން، ފިނޭންސް މިނިސްޓަރަށް މަޖިލީހުގެ ރިޔާސަތަށް މިއަދު ދިން ފުރުސަތުގައި އަމީރު ވިދާޅުވީ މި ބަޖެޓުގެ ވިސްނުމަކީ ކޮވިޑް-19 އިގެ ހާލަތުގައި އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތި ހާލަތުން ވީ އެންމެ އަވަހަކަށް އަރައިގަތުން ކަމަށާއި ސީދާ ސަރުކާރު މެދުވެރިވެގެން އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށްގެން މެނުވީ، އުފެއްދުންތެރިކަމާއެކު ދައުލަތުގެ އާމްދަނީ އިތުރުކުރެވެންނެތް ކަމަށެވެ.
އަދި އާމްދަނީ އިތުރުނުވާނަމަ، ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަންވެސް ކުޑަވަމުންދާކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ހިންގުމުގެ އަޅުގަނޑުމެންގެ ވިސްނުމަކަށް ވެގެން މިދަނީ އިގުތިސޯދީ ތަދުމަޑުކަމެއްގެ ތެރޭގައި ތިބޭއިރު އެބަޖެހޭ އިގުތިސޯދު ސްޓިމިއުލޭޓް ކުރަން މަސައްކަތްތަކެއް ކުރަން،" އަމީރު ވިދާޅުވި އެވެ.
ބަޖެޓު ބަހުސް މިއަދު ނިމިފައިވާއިރު، ބަޖެޓު ކޮމިޓީގެ ރިޕޯޓު އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވޭނެކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވީ ނަމަވެސް، ބަހުސްގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ކޮމިޓީން ރިއާއަތް ކުރަންޖެހޭތީ ކޮމިޓީގެ މަސައްކަތް އެއަށްވުރެ ލަސްވެގެންދާނެކަމަށް މިއަދުގެ ޖަލްސާގެ ތެރެއިން އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
ކޮމިޓީގެ ރިޕޯޓު އެލުވަލާލުމާއެކު، އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ އެއް ފުރުސަތު ދޭން ވަނީ ކަނޑައަޅައިފަ އެވެ.