ހަބަރު

ދިވެހިންނަށްތޯ، ކެރެލާއަށްތޯ އީވާ ސުވާލު އުފައްދައިފި

އިގްތިސޯދު ރަނގަޅު ކުރަން ބުނެ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކާމެދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، މިހާރު ކުރިއަށްދާ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާއެކު ރާއްޖެއަށް ލިބެމުންދިއަ އާމްދަނީ ގާތްގަނޑަކަށް ހުއްޓި، އިގުތިސޯދު 25 ޕަސަންޓުން ދަށަށް ގޮސް، ރައްޔިތުން ނިމަކެތިވެފައިވާ ކަމަށެވެ.

ނަމަވެސް، އެ ދަތި ހާލަތުގައި ވެސް ސަރުކާރުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަ އެހީތަކެއް ވެފައިވާ ކަމަށާއި، އަދި އަންނަ އަހަރުވެސް އިގުތިސޯދު އަލުން ހިންގައިގެން، ގައުމަށް ކުރިމަތިވެފައިވާ ދަތި ހާލުން އަރައިގަތުމަށް ސަރުކާރުގެ ނިޔަތާއި މަގުސަދު މި ބަޖެޓުން ސާފުވާ ކަމަށެވެ.

މިގޮތުން، އަންނަ އަހަރަށް ސިއްހީ، އިޖުތިމާއީ އަދި ތައުލީމީ ފަދަ ދާއިރާތަކަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް އޭނާ ފާހަގަކުރެއްވި އެވެ.

އަންނަ އަހަރު ޕީއެސްއައިޕީ އަށް 8.3 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. ޕީއެސްއައިޕީ ބަޖެޓުން 2.9 ބިލިއަން ރުފިޔާ ހޭދަ ކުރާނީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ޖަމާވެފައިވާ މާލެ ސަރަހައްދަށެވެ. ބަޖެޓުން 1.7 ބިލިއަން ރުފިޔާ އަތޮޅުތަކަށް ވަނީ ހާއްސަކޮށްފައި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ފާހަގަ ވަނީ ފެނާ ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަން ނިންމާފައިވުމެވެ. އަންނަ އަހަރު 168 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރަން 1.2 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށާނެ އެވެ.

ނަމަވެސް، ކޮވިޑް-19 އިގެ ހާލަތުގައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިންގާނެކަމާމެދު ސުވާލު އުފައްދަވަމުން، އީވާ ވަނީ އިގުތިސޯދު އަލުން ހިންގުމަށްޓަކައި ސަރުކާރުން ފައިސާ ޕަމްޕުކުރުމަށް އިއުލާނުކޮށްފައިވާ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީއާމެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

"މާލީ ވަޒީރު އެ ވިދާޅުވާ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީ، ސްޓިމިއުލަސް ޕޮލިސީ އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް އެކަމަކު އެ ޕޮލިސީ ހިނގާނެކަމާ ދޭތެރޭ ސުވާލު އުފެދެނީ،" އެ ސިޔާސަތާމެދު މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްވެސް ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ސަރުކާރުން ހިންގަން ރާވާފައިވާ މާލީ ސިޔާސަތުން، ވިސްނުމާއި ނިޔަތާ އެއް ގޮތަށް ދިވެހި ކުންފުނިތަކަށާއި ދިވެހިންނަށް ހަގީގީ މަންފާ ކުރާނެކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.

އީވާ އިޝާރާތް ކުރެއްވީ އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް ދިވެހި ކުންފުނިތަކަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވާފައިވާ ޔަގީން ކަމަށެވެ.

މިދިއަ ހަފްތާގައި އަމީރު ވިދާޅުވެފައިވަނީ ދިވެހި ކުންފުނިތަކަށް ހަމައެކަނި ކުރިމަތިލެވޭ ގޮތަށް ޕްރޮކިއުމެންޓް ޕޮލިސީ އަށް ބަދަލު ގެނެސް އިގުތިސޯދީ ރަނގަޅު ކުރަން ބޭނުންނަމަ ސަރުކާރުން "އިންޓަވީން" ކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްގެ ގޮތުގައި މާހިރުން ދެކެވަޑައިގަންނަވާ ކަމަށެވެ.

"މަލްޓިޕްލަޔާ އިފެކްޓް އެހާ ސާފުތޯ. އެ ފައިސާ، އެ އާމްދަނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގީމާ އެ ފައިސާ ވަންނަނީ ދިވެހި ވިޔަފާރީގެ ޖީބަށްތޯ އަޅުގަނޑަށް ސުވާލު އުފެދެނީ. ނޫނީ އެ ފައިސާ ދަނީ ކެރެލާއަށްތޯ،" އަންނަ އަހަރު ފާހަގަކޮށްލެވޭ ތިލަމާލެ ބުރިޖު ފަދަ މަޝްރޫއުތައް އިންޑިއާ ކުންފުނިތަކުން ހިންގުމަށް ހަމަޖެހިފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި އީވާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އާމްދަނީ އާއި ހަރަދުގެ ފަރަގު އިންތިހާއަށް ބޮޑުއިރު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިންގޭނެ ކަމަށާއި، އެކަން ކުރެވޭނެކަމަށް ރައްޔިތުންވެސް ގަބޫލު ނުކުރާނެ ކަމަށެވެ.

އަދި ކޮންމެހެން ހިންގަންޖެހޭ މަޝްރޫއުތަކަށް އިސްކަންދީގެން، އިންސާފުވެރިކަމާއެކު ބައެއް މަޝްރޫއުތައް އުނިކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރަށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކަށް ތާއީދުކުރެއްވޭ ކަމަށާއި، ނަމަވެސް އެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ތައްޔާރުވެފައިވާ މިންވަރާމެދު ވެސް އީވާ މިއަދު ވަނީ ސުވާލު އުފައްދަވާފައި އެވެ.

ބަޖެޓުގައި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު، އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންތައްތަކުން 1.2 ބިލިއަން ރުފިޔާ ހޯދަން އަންދާޒާކޮށްފައި ވެއެވެ.

ނަމަވެސް، އޭގެ ތެރެއިން 25 ޕަސަންޓް މަޝްރޫއުތަކަކީ ގާނޫނުތައް ހެދުމާއި، ދިރާސާކުރުން ފަދަ ކަންކަން ކުރަންޖެހޭ މަޝްރޫއުތަކެއްކަން އީވާ ފާހަގަކުރެއްވި އެވެ.

"އަންނަ ޑިސެމްބަރު މަހު މި މަސައްކަތް ފެށީމާ، އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރާ ހަމައަށްވެސް މިކަން ރިއަލައިޒްވާނެތޯ ނޫންތޯ އަޅުގަނޑުގެ ސުވާލަކީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބަޖެޓާ ގުޅޭގޮތުން އީވާ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ އަންނަ އަހަރުވެސް ރިކަރަންޓް ހަރަދު ބޮޑުވުމާ ގުޅޭގޮތުންނެވެ. މިގޮތުން، އަންނަ އަހަރަށް ލަފާކޮށްފައިވާ އާމްދަނީގެ 62 ޕަސަންޓް ރިކަރަންޓް ހަރަދަށް ހެދަވާކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"އަޅުގަނޑަށް އުނދަގޫވޭ. ދައުލަތް ހަނިވެފައިވާ ސަރުކާރު ފުޅާވީމާ އަޅުގަނޑަށް އުނދަގޫވޭ،" މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަކޮށްފައި ސަރުކާރު ހިންގުމުގެ ހަރަދު އިތުރުކޮށްފައިވާކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވި އެވެ.