ހަބަރު

ސަރުކާރުން ދަރަނި ނަގާއިރު މަޖިލީހަށް އެނގެންޖެހޭ: އީވާ

ސަރުކާރުން ފަރާތުން ނަގާ ލޯނުތަކާއި ވިއްކާ ސުކޫކާއި ބޮންޑުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދޭންޖެހޭނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން، އީވާ މިއަދުވެސް ވަނީ ދައުލަތުގެ ދަރަންޏާ މެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މިގޮތުން، ދައުލަތުން ނަގާ ލޯނުތަކާއި، ވިއްކާ ބޮންޑާއި ސުކޫތަކުގެ އިތުރުން ދައުލަތުން ދޫކުރާ ގެރެންޓީތަކުގެ ފުރިހަމަ މައުލޫމާތު ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހަޅަންޖެހޭ ގޮތަށް ކޮމިޓީގެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހު ހުށަހަޅުއްވަން ޖެހިވަޑައިގެންނެވީ، ހީކުރިގޮތާ ހިލާފަށް އެ މައުލޫމާތު މަޖިލީހަށް ފޮނުވަމުން ނުގެންދަވާތީކަމަށްވެސް އީވާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ފަށާފައިވާކަން ހާމަކުރައްވަމުން އީވާ ވިދާޅުވީ، އެފަދަ މަސައްކަތެއްގެ އެއްވެސް ވާހަކައެއް ސަރުކާރުން އަދި މިހާތަނަށް މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކައަކީ މިއަދާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހަށް އެކަހަލަ މަސައްކަތެއް ހިނގާނަމަ، އެނގެންޖެހޭނެ [މަޖިލީހުގެ] މާލިއްޔަތު ކޮމިޓީއަށް. މީކީ ހަމައެކަނި ސިއްރު ސިއްރުން. ނުވަތަ ސިއްރުން ނޫނަސް ހަމައެކަނި ފިނޭންސް މިނިސްޓްރީން އެކަނި ކުރެވޭނެ ކަމެއް ނޫނޭ،" ދައުލަތުގެ އާމްދަނީ އާ ގުޅިފައިވާ ކަމެއްގެ މައުލޫމާތު މާލިއްޔަތު ކޮމިޓީއަށް އެނގެންޖެހޭކަން ތަކުރާރު ކުރައްވަމުން އީވާ ވިދާޅުވި އެވެ.

ބަޖެޓު ބަހުސް މަރުހަލާގައިވެސް ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްމުން އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިން ނަގާފައިވާ ގިނަ ލޯނުތައް އަންނަ އަހަރު ދައްކަންޖެހިފައިވާއިރު، އެ ލޯނުތައް ފަސްކުރަން ވަކި ވަކި ފަރާތްތަކާ މަޝްވަރާ ކުރުމުގެ ބަދަލުގައި، ފުރިހަމައަށް އިންތިޒާމުވެގެން ހުރިހާ ލޯނުތަކެއް ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިގޮތުން، ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީތައް ފިނޭންސް މިނިސްޓްރީން ފުރިހަމައަށް މޮނިޓާކޮށް، އެ މަސައްކަތުގެ މައުލޫމާތު މަޖިލީހާ ހިއްސާކުރަންޖެހޭ ގޮތަށް ބަޖެޓު ކޮމިޓީގެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފައިވާނެކަމަށް އީވާ ހާމަކުރެއްވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓް ވުރެ ގިނަ ފައިސާއަކީ ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ފައިސާ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.