އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ކޮވިޑް-19 އިގެ ހާލަތުގައި ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން މަޖިލިސް ކޮންޓްރޯލް ކުރާ ގިނަ މެންބަރުން ބަހުސްގެ މަރުހަލާގައި ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން މިއަދު ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ދިގު ލިސްޓެއް އިއްވައި ދެއްވައިފަ އެވެ. އޭގެ ތެރޭގައި ބައެއް މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދުތައް އިތުރުކޮށްފައިވާއިރު، ބައެއް ރަށްތަކުގައި އާ މަޝްރޫއުތަކެއްވެސް ވަނީ ހިމަނައިފަ އެވެ.
މައިގަނޑު ގޮތެއްގައި ކުޅިވަރު ދަނޑުތަކާއި ކްލާސް ރޫމް އެޅުން ފަދަ މަޝްރޫއުތައް ޝަރީފް ހުށަހެޅުއްވި ގޮތަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައި އެވެ.
ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.
މިގޮތުން، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އިސްވެ ހުށަހެޅުއްވީ އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.
ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށް ޔައުގޫބު ވަނީ ހުށަހަޅުއްވައިފަ އެވެ.
އާމްދަނީ އިތުރުކުރަން ހުށަހެޅިގޮތް
- ޓީޖީއެސްޓީ: 598 މިލިއަން
- ގްރީން ޓެކްސް: 253 މިލިއަން
- އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
- އޭޑީސީ: 219 މިލިއަން
- ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
- ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން
ޔައުގޫބު ހުށަހެޅުއްވި ގޮތަށް އަންނަ އަހަރަށް ލަފާކުރާ އާމްދަނީ 21 ބިލިއަން ރުފިޔާއަށް އިތުރުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައި އެވެ.
މަޖިލީހުގެ ކޮމިޓީން ބަޖެޓަށް ބަދަލުތަކެއް ގެނެސްފައިވަނީ ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް މިއަދު ހަވީރު ބޭއްވުނު ބައްދަލުވުމުގައި މެންބަރުން ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން، މިނިވަން މުއައްސާތަކުގެ ކަންބޮޑުވުންތަކާއެކު، ބައެއް މުއައްސަސާތަކަށް އަންނަ އަހަރަށް ދޭ ބަޖެޓުވެސް އިތުރުކޮށްދިނުމަށްވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައި އެވެ.
އޭގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިރާ ފަދަ މުއައްސަސާތައް ހިމެނެ އެވެ.
އަދި އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށްވެސް އިތުރު ދެ މިލިއަން ރުފިޔާ ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ކޮމިޓީން ގެނައި ބަދަލުތަކާއެކު، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.
ބަޖެޓަށް ގެނައި ބަދަލުތަކުގެ އިތުރުން، ބަޖެޓާ ގުޅޭގޮތުން ކޮމިޓީން ވަނީ ސަރުކާރަށް ގިނަ ރެކަމެންޑޭޝަންތަކެއް ވެސް ހުށަހަޅަން ފާސްކޮށްފައި އެވެ. އޭގެ ތެރޭގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރަން މަސައްކަތް ކުރުމާއި، ދައުލަތުން ކުރާ ބައެއް ހަރަދުތައް މުރާޖައާކޮށް، ކުޑަކުރެވޭނެ ގޮތްތައް ހޯދުން ވެސް ހިމެނެ އެވެ.
މިރޭ ފާސްކުރި ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވޭއިރު، އޭގެ ފަހުން ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، ކޮމިޓީގެ ރިޕޯޓުގެ ބަހުސަށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ ފުރުސަތެއް ވަނީ ކަނޑައަޅާފައި އެވެ.
އެ މަރުހަލާ ނިންމުމަށްފަހު، މި މަހުގެ ނިޔަލަށް ބަޖެޓަށް ވޯޓަށް އަހައި ފާސްކުރާނެ ކަމަށް ބެލެވެ އެވެ.