ހަބަރު

ކޮމިޓީން އިތުރުކުރި ގޮތަށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ކޮވިޑް-19 އިގެ ހާލަތުގައި ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން މަޖިލިސް ކޮންޓްރޯލް ކުރާ ގިނަ މެންބަރުން ބަހުސްގެ މަރުހަލާގައި ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ކޮމިޓީން ބަޖެޓަށް މައިގަނޑު ގޮތެއްގައި ކުޅިވަރު ދަނޑުތަކާއި ކްލާސް ރޫމް އެޅުން ފަދަ މަޝްރޫއުތައް އިތުރުކޮށްފައިވާއިރު، ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

މިގޮތުން، އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން ވަނީ އިތުރުކޮށްފައި އެވެ.

އޭގެ ތެރޭގައި ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

މީގެ އިތުރުން، މިނިވަން މުއައްސާތަކުގެ ކަންބޮޑުވުންތަކާއެކު، ބައެއް މުއައްސަސާތަކަށް އަންނަ އަހަރަށް ދޭ ބަޖެޓުވެސް އިތުރުކޮށްދިނުމަށްވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައި އެވެ.

އޭގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިރާ ފަދަ މުއައްސަސާތައް ހިމެނެ އެވެ.

އަދި އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށްވެސް އިތުރު ދެ މިލިއަން ރުފިޔާ ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީން ގެނައި ބަދަލުތަކާއެކު، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

ބަޖެޓު ބަހުސާ ހިލާފަށް، ކޮމިޓީގެ ރިޕޯޓަށް ކުރި ބަހުސްގައި ކުރިން ކަންބޮޑުވުންފާޅު ކުރެއްވި އެމްޑީޕީ މެންބަރުންވެސް ބަޖެޓާ ދެކޮޅަށް އިތުރު ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ.

ނަމަވެސް، ކޮމިޓީން ނިންމި ގޮތަށް ބަޖެޓުގެ އަދަދުތަކަށް މަޖިލީހުން ބަދަލުގެނެސްފައި ނުވި ނަމަވެސް، ސަރުކާރަށް މަޖިލީހުން ހުށަހަޅާ އިތުރު ރެކަމެންޑޭޝަންތަކެއް މިއަދު ވަނީ ހުށަހެޅި ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި، ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނުތަކުގެ މައުލޫމާތު ކޮންމެ ކުއާޓަރެއްގައި މަޖިލީހާ ހިއްސާކުރަންޖެހޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިތުރުކުރަން ހުށަހެޅުއްވި ރެކަމެންޑޭޝަން ހިމެނެ އެވެ.

ބަޖެޓު ދިރާސާ ކޮމިޓީން ނިންމި ގޮތަށް، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު މިއަދު ފާސްކޮށްފައިވަނީ، މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓަށް ތާއީދު ކުރެވެންނެތްކަމަށް އިދިކޮޅު މެންބަރުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ބަޖެޓު ފާސްކުރަން ވޯޓެ ދެއްވާފައިނުވަނީ އެންމެ މެންބަރެކެވެ.