ރިޕޯޓް

ބަޖެޓް ފާސްކުރަން "ދިއްކޮށްލި" 200 މިލިއަން!

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ދުވަހުވެސް މެންބަރުންގެ ޝަކުވާއަކަށްވީ ބަޖެޓު ބޮޑުވުމެވެ. މި ބަޖެޓަކީ ހާލަތާ ނުބައްދަލު ބޮޑު ބަޖެޓެއް ކަމަށް ބުނެ ގިނަ މެންބަރުން ޝަކުވާ ކުރި އެވެ. ހާއްސަކޮށް ސަރުކާރުގެ ހިންގާ އެމްޑީޕީއަށް ނިސްތްވާ މެންބަރުންވެސް މި ޝަކުވާ ކުރި އެވެ. އޭރު ބަޖެޓުގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. އެހެންވެ ގިނަ ބަޔަކު ހީކުރީ ކޮމެޓީ އަށް ގޮސް ނިކަން ރަނގަޅަށް ބަޖެޓު ކޮށާލާނެ ކަމަށެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް ކޮށުމުގެ ބަދަލުގައި ބަޖެޓަށް ބައެއް ނަމްބަރުތައް އެއްވެގެން މިވަނީ ގޮސްފަ އެވެ. މިހާރު މުޅިން އަލަށް މިވަނީ 200 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

މިއީ ކިހިނެއް އައި ނަމްބަރެއް ހެއްޔެވެ؟ އާމްދަނީ ހޯދާނެ މޮޅު ގޮތެއް ފެނުނީ ހެއްޔެވެ؟ ހިލޭ އެހީ ބޮޑު އަދަދަކުން ލިބޭނެކަން ޔަގީންވީ ހެއްޔެވެ؟ އިކޮނޮމީ ރަނގަޅުވެ، އިގްތިސޯދު ކުރިއަރާނެކަމުގެ ޔަގީން މުޖައްރިބު ދިރާސާއެއް މަޖިލިސް މެންބަރުންނަށް ލިބުނީ ހެއްޔެވެ؟

އަންނަ އަހަރުގެ ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރު ވެގެން ދިޔަ މައިގަނޑު ސަބަބަކީ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި ކުރި އަށް އިންތިހާބެއް ބޯމަތިވެފައި އޮތުމެވެ. ބަޖެޓު ހުށަހެޅިއިރު އިންތިހާބުގެ ތާރީހު އެހާ ސާފެއް ނޫނެވެ. އެކަމަކު އިލެކްޝަން ކޮމިޝަނުން މިހާރު ބުނަމުން ދަނީ މާޗް މަހު ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށެވެ. ނަތީޖާއަކަށްވީ ދާއިރާތައް ތަމްސީލް ކުރާ ސަރުކާރު މެންބަރުންގެ އެދުމަށް އިތުރު ނަމްބަރު ތަކެއް ބަޖެޓަށް އެޑު ކުރަން ޖެހުމެވެ. މިހާރު އަލަށް ބަޖެޓަށް އިތުރުވި 200 މިލިއަން ރުފިޔާއަކީ މެންބަރުންގެ އެދުމަށް އިތުރުވި 200 މިލިއަން ރުފިޔާ ކަމަށް ބުނުމުގެ ފުރުސަތެއް ނެތް ހެއްޔެވެ؟

އާ ކަންކަން އެޑްކޮށްލީ ފަސޭހަކަމާއެކު!

ބަޖެޓް ކޮމެޓީގައި ރޭ ފެނިގެން ދިޔައީ ބަޖެޓަށް އާ ކަންތައްތަކުގެ ލިސްޓު ގެނެސް އިތުރުކޮށްލި ތަނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވަނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ދިގު ލިސްޓެއް އިއްވައި ދެއްވައިފަ ލިސްޓު އެޑްކޮށްލާފަ އެވެ. އޭގެ ތެރޭގައި ބައެއް މަޝްރޫއު ތަކަށް ކަނޑައަޅާފައިވާ އަދަދުތައް އިތުރުކޮށްފައިވާއިރު، ބައެއް ރަށްތަކުގައި އާ މަޝްރޫއުތަކެއް ވެސް ހިމެނި އެވެ. އަލަށް ބަޖެޓަށް އެޑްވި މަޝްރޫއުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުޅިވަރު ދަނޑުތަކާއި ކްލާސް ރޫމް އެޅުން ފަދަ މަޝްރޫއު ތަކެވެ. މިއީ ރަށްރަށުގެ ވޯޓާ ކުޅެލަން ބޭނުންވާ މަންތިރި އެވެ.

ބަޖެޓަށް އަދަދެއް އިތުރުކޮށްފިނަމަ އާމްދަނީގެ އަދަދުތަކާ ވެސް ކުޅެއް މަޖުބޫރު ވާނެ އެވެ. އެހެންވެ، އާމްދަނީގެ އަދަދުތައް ވެސް އިތުރުކޮށްލި އެވެ. ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާގެ ނަމްބަރުވެސް މަތިކޮށްލީ އެވެ. އެގޮތުން އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދު 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އަށް މައްޗަށް ޖައްސާލި އެވެ. މިއީ ރިއަލިސްޓިކް އަދަދުތަކެއް ހެއްޔެވެ؟ ނޫނީ ސިޔާސީ ފައިދާއަށް ޖެހި ނަމްބަރުތަކެއް ހެއްޔެވެ؟

އަލަށް އާމްދަނީ އިތުރު ކުރަން ހުށަހެޅި ކަންކަމުގެ ތެރޭގައި ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކޮށްލި އެވެ. މާނައަކީ ޖަޒީރާ ރާއްޖޭގެ ގިނަ ފަޅުތަކެއް އަންނަ އަހަރު ހިކިގެންދާނެ އެވެ. މީގެ އިތުރުން، މިނިވަން މުއައްސާތަކުގެ ކަންބޮޑުވުންތަކާއެކު ނަތީޖާތައް ނުފެންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ ބަޖެޓާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޖެޓު ބޮޑުކޮށް، މިރާ ފަދަ މުއައްސަސާތަކުގެ ބަޖެޓު ވެސް ބޮޑުކޮށްލި އެވެ. ކަންވީ ގޮތަކީ މި އެވެ.

އާމްދަނީ އިތުރުކުރާނެ އާ ހިޔާލީ ލިސްޓް

  • ޓީޖީއެސްޓީ: 598 މިލިއަން
  • ގްރީން ޓެކްސް: 253 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
  • އޭޑީސީ: 219 މިލިއަން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
  • ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން

މި ބަދަލާއެކު އަންނަ އަހަރަށް ކުރިން ލަފާކުރި 17.8 ބިލިއަން ރުފިޔާގެ އާމްދަނީގެ ހިޔާލީ ނަމްބަރު 21 ބިލިއަން ރުފިޔާ އަށް މިވަނީ ބޮޑުވެފަ އެވެ. މަޖިލީސް މެންބަރުން މި ނަމްބަރުތައް އެޑްކުރިއިރު މާލީ ދާއިރާގެ ތަޖުރިބާކާރުން ވަނީ އާމްދަނީ ނުލިބިއްޖެނަމަ މަޝްރޫއުތައް ފެއިލްވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. މީގެ ތެރެއިން އެއް ބޭފުޅަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް އެވެ. އެ މަނިކުފާނު ބަޖެޓު ކޮމެޓީގައި ވިދާޅުވެފައިވާ ގޮތުގައި އާމްދަނީ ހޯދަން ހިމެނި ކަންކަން ކާމިޔާބު ނުވެއްޖެނަމަ މަޝްރޫއުތައް ފެއިލްވުމުގެ ފުރުސަތު އެބައޮތެވެ.

މި ވާހަކައިގެ ރައްދުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ބޮޑެތި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ހުރީ ޔަގީންވެފަ އެވެ. އެހެންވެ އެކަމަށް ހާސްކަމެއް ނެތެވެ. ދެން ޑޮމެސްޓިކް ބަޖެޓުގައި ޖަހައިގެން ރާވާފައިވާ މަޝްރޫއުތައް ހިންގާނީ އާމްދަނީ ލިބޭ މިންވަރަކުން ކަމެވެ.

ރޭގެ ކޮމިޓީ ބައްދަލުވުމުން އެއް ކަމެއް ސާފުވި އެވެ. ބަޖެޓަށް ގެނައި ބަދަލުތަކުގެ ލިސްޓު ލިޔުނީ ކޮމިޓީގައި ނޫން ކަމެވެ. ކޮންމެވެސް އެހެން ތަނެއްގައި ތިއްބަވައިގެން، މެންބަރުން ރުހޭ ގޮތަށް މަޝްވަރާކޮށްގެން މަޝްރޫއުތައް އިތުރުކޮށް، ބަޖެޓުގެ އަންދާޒާތަކާ ކުޅެލާފައިވާއިރު، ބަޖެޓު ބަހުސްގައި އިވިގެންދިއަ ކަންބޮޑުވުންތައް ވަނީ ހަގީގަތުގައިވެސް ފެނަށް ގޮސްފައި އެވެ. ކޮވިޑް-19 އިގެ ދަތި ހާލަތުގައި ކޮންމެ ހެން ހިންގަން ނުޖެހޭ މަޝްރޫއުތައް މަޑުޖައްސާލުމަށް ގޮވާލާފައި، މުޅިންހެން އިތުރުކޮށްފައިވަނީ އިތުރު ކުޅިވަރު ދަނޑުތަކާއި ކްލާސްރޫމް އެޅުން ފަދަ ކަންކަމެވެ.

ބަލިމަޑުކަމެއްގެ ތެރެއިން އަންނަ އަހަރުވެސް އާމްދަނީ ނުލިބޭނެކަމަށް ބުނެ، މިހާރު ކުއްލިއަކަށް އާމްދަނީގެ އަންދާޒާ ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިން އިތުރުކުރުމުން، ދެއްކި ވާހަކަ ދެކޮޅެއް ނުޖެހެ އެވެ.

އަޖައިބެއް ގޮތަށް ތިރިވި ބަޖެޓު ޑެފިސިޓް!

މަޖިލީސް މެންބަރުންގެ އެދުމަށް ބަޖެޓަށް ގެންނަ ބަދަލުގެ ތެރެއިން އަނެއް ކަމަކީ އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާ އަށް ތިރިވުމެވެ. މިއީ ހަމަ އަޖައިބެކެވެ. އެކަމަކު މެންބަރުންގެ އެގޮތަށް ނިންމެވުމުން މަޖިލީހުގައި ތިއްބެވީ "އިގްތިސޯދީ" މާހިރުންކަން މިވަނީ ކަށަވަރުވެފަ އެވެ.

ކުރިން ލަފާކޮށްފައި ވަނީ އަންނަ އަހަރު 15.5 ބިލިއަން ރުފިޔާ އިން ބަޖެޓް ޑެފިސިޓް ވާނެ ކަމަށެވެ. ނަމަވެސް އާމްދަނީ ލިބޭނެ ކަމަށް މެންބަރުން ދެއްވި "ޔަގީންކަމާއެކު" ދަރަނި ކުޑަވާނެ އެވެ.

ބެލެވޭ ގޮތުގައި ކޮމެޓީ އިން މިހާރު ގެނެސްފައިވާ ބަދަލާއެކު މެންބަރުން ބޭނުންވި 200 މިލިއަން ރުފިޔާ އެޑްކޮށް، ބަޖެޓު ފާސް ވެގެންދާނެ އެވެ.

ގާތްގަނޑަކަށް 16 ގަޑިއިރެއްހާ އިރު، ބަޖެޓާމެދު އިވިގެން ދިއަ ކަންބޮޑުވުންތަކުގެ އަޑު އެ 200 މިލިއަން ރުފިޔާ އާއެކު ކެނޑިގެން ދިއައީ އެވެ.