އަންނަ ހޯމަ ދުވަހަކީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ "ނަމްބަރުތައް" ހާމަވާނެ ދުވަހެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓު އެ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ހުށަހަޅުއްވާނެ އެވެ. އަންނަ އަހަރަށް ރައްޔިތުން ކުރާ އުންމީދުތަކުގައި ކުލަޖެއްސުމަށް ހުށަހަޅާ ބަޖެޓުގެ "ހަގީގީ އަދަދު" އެނގިގެންދާނީ އެދުވަހު އެވެ. ސަރުކާރުން އަންނަ އަހަރު ހިންގާނެ މަޝްރޫއުތަކުގެ ތަފުސީލާއި އާމްދަނީ ހޯދާނެ ގޮތް އެނގޭނީ އެ ދުވަހު އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ފެންނަން ޖެހޭނީ ކޮންމެ ކަމެއް ހެއްޔެވެ؟ އަންނަ އަހަރުގެ ބަޖެޓަށް ކުރެވޭ އުންމީދަކީ ކޮބައި ހެއްޔެވެ؟ އަންނަ އަހަރުގެ ބަޖެޓުގައި ހުރީ ކޮން އެއްޗެއް ހެއްޔެވެ؟
"ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައި ގަންނަން ކުރާނެ މަސައްކަކަތްތަކާއި ސްޓިމިއުލަސް ޕެކޭޖެއް އަންނަނާނެ ކަމަށް އުންމީދު ކުރެވޭ. މިހާރު އެންމެ ބޭނުންވަނީ އިކޮނޮމީ ހިންގަން. ކުރިއަށް ގެންދަން. އެހެންވީމަ ވިޔަފާރިތަކަށް އިތުރު އެހީ ދީގެން އިގްތިސޯދުގެ އިންޖީނު ހިންގަން ބޭނުންވަނީ ބޮޑު މާލީ އެހީގެ ޕެކޭޖެއް،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި ހުންނަ ޖެހޭނެ ކަމަށް ލަފާކުރާ ބައިތަކާ ބެހޭ ގޮތުން ވިދާޅުވި އެވެ.
ޕީއެސްއައިޕީ މަޝްރޫއުތައް ދިވެހިންނަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ތިންވަނަ އަހަރަށް ފައިނަގަން ކުޑަތަން ވެފައިވަނިކޮށް، ހުށަހަަޅާ މި ބަޖެޓުގެ މިހާތަނަށް އެނގިފައިއޮތީ ޖުމްލަ ނަމްބަރުތަކެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 35 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ 38 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ. ބަޖެޓުގެ ޖުމްލަ ނަމްބަރު ކުޑަ ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ބައި މަތިވާނެ ކަމަށް ބެލެވެ އެވެ. ކޮންމެ ގޮތެއްގައި ނަމަވެސް މިބައި މަތި ކުރަންވެސް ޖެހެ އެވެ. މިހާރުގެ ބަޖެޓުގައި 10 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހުށަހަޅާފައިވާއިރު، މިހާތަނަށް ކުރިއަށް ދަނީ ތިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއެވެ. އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ކޮންމެހެންވެސް "މެކުހަށް" ޖަހަން ޖެހެ އެވެ. އިގްތިސޯދީ މާހިރުން ވެސް ގަބޫލު ކުރައްވަނީ އެގޮތެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި ރަށްރަށުގެ އިކޮނޮމީ ރަނގަޅު ކުރަން ބޭނުންނަމަ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށެވެ.
"ޓޫރިޒަމް ރަނގަޅުވާނެ ކަމަށް ބެލެވެނީ 2022 އެހާއިރު. އެހެންވީމަ ރަށްރަށުގެ އިކޮނޮމީ އަށް އެބަޖެހޭ އިތުރު ފައިސާ ޕަންޕު ކުރެވެން. މި ފައިސާ ޕަންޕު ކުރެވޭނީ ރަަށްރަށުގައި މަސައްކަތް ހިންގައިގެން. ކުދިކުދި މަސައްކަތްތަކުން ފެށިގެން ބޮޑެތި މަސައްކަތްތައްވެސް ކުރެވެން ޖެހޭ. އިގްތިސޯދު ރަނގަޅު ވުން ލަސްވާއިރު ދެން އޮތް ގޮތަކީ މިއީ. އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި ދިވެހި ކޮންޓެކްޓަރުން މަސައްކަތްކޮށް ބަރާބަރަށް ފައިސާ ދެވޭނެ އުސޫލު ތަކެއް ވެސް އޮންނަން ޖެހޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޓޫރިޒަމް ރަނގަޅުވާނީ 2022 ގައި. އެހެންވީމަ ރަށްރަށުގެ އިކޮނޮމީ އަށް އެބަޖެހޭ އިތުރު ފައިސާ ޕަންޕު ކުރެވެން. މި ފައިސާ ޕަންޕު ކުރެވޭނީ ރަަށްރަށުގައި މަސައްކަތް ހިންގައިގެން. ކުދިކުދި މަސައްކަތްތަކުން ފެށިގެން ބޮޑެތި މަސައްކަތްތައް ވެސް ކުރެވެން ޖެހޭ. އިގްތިސޯދު ރަނގަޅު ވުން ލަސްވާއިރު ދެން އޮތް ގޮތަކީ މިއީއިގްތިސޯދީ މާހިރެއް
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް ލުއި
ރާއްޖެ އަށް މިހާރު ބޭނުންވާ އަނެއް ކަމަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އެވެ. މިފަދަ މަޝްރޫއުތައް އިތުރުވާނެ ލުއި ގޮތްތަކެއް ހޯދަން އެބަޖެހެ އެވެ. އިންވެސްޓަރުންނަށް ފަހި ކުރަން ބަދަލު ތަކެއް ގެންނަން ޖެހެ އެވެ. ޑިއުޓީ ފްރީ ޒޯންތަކާއި އިންވެސްޓް ކުރަން އަންނަ މީހާއަށް ފަސޭހައިން "މިނިސްޓަރުގެ ޖީބަށް ނުފައިބައި" ކަން ކުރެވޭނެ މެކޭނިޒަމް ގާއިމް ވާން ޖެހެ އެވެ. އާ ބަޖެޓުގައި ކޮންމެހެން ވެސް މި ބަދަލު ގެންނަން ޖެހޭ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.
އާމްދަނީ ހޯދާނެ އާ ޕްލޭންއަކީ ކޮބާ؟
އަންނަ އަހަރު އާމްދަނީ ހޯދަން އާ ރިސޯޓުތަކެއް ނެރޭނީ ހެއްޔެވެ؟ ނޫނީ އަނެއްކާ ޓެކްސް މަތިކުރާނީ ހެއްޔެވެ؟ ނޫނީ ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑު ކުރާނީ ހެއްޔެވެ؟ ނުވަތަ "ސެކަންޑް ހޯމް" ގެ ގޮތުގައި ޓޫރިޒަމަށް އިތުރު ޕްރޮޑަކްޓެއް ނެރޭނީ ހެއްޔެވެ؟ މިހާތަނަށް ސަރުކާރު ތަކުން ކޮންމެ އަހަރެއްގެ ބަޖެޓާއެކު ޓެކްސް ރެޖީމް އަށް ބަދަލު ގެނެ އެވެ. އާ ޓެކުހެއް ނެރެ އެވެ. އަންނަ އަހަރު އާމްދަނީ ހޯދާނީ މި ކަންކަމުން ހެއްޔެވެ؟
އަންނަ އަަހަރުގެ ބަޖެޓުގައި އެންމެ ދަތިވާނެ ކަމަށް ބެލެވެނީ އާމްދަނީ ހޯދުމެވެ. އަންނަ އަހަރު ވެސް އޮތީ "ރަން ބިސް އަޅާ ކުކުޅު" ވިއްކާލުން އެކަނި ހެއްޔެވެ؟ މިއީ ހުސް ސުވާލެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފެންނާނެ؟
ކޮވިޑް-19 ގެ ބައްޔަށްވުރެ ދިވެހިން މަތިކޮށްލީ ބޯހިޔާވަހިކަން ނެތުމެވެ. އާމްދަނީ ލިބެން ހުރި މަގުތަކުގައި ބުރަކި ޖެހިފައި ވަނިކޮށް އަގު ބޮޑު މާލޭގެ ބޯހިޔާބަހި ކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް ބަލިކޮށްލި އެވެ. މާލޭގައި ރާއްޖޭގެ އާބާދީގެ 80 ޕަސެންޓު ވަރު ދިރިއުޅެމުންދާއިރު އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހި ކަމެވެ. މި ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާއަކީ ވެސް ބޯހިޔާވަހިކަމުގެ މަަޝްރޫއެއް ފެށިފައި ނެތުމެވެ. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހި ކަމަށް އޮތީ ކޮން މަޝްރޫއު ތަކެއް ހެއްޔެވެ؟
ދަރަނީގެ މައިތިރި އެނގޭނެ ތަ؟
ކޮވިޑް-19 އިން ދައުލަތުގެ އާމްދަނި 50 ޕަސެންޓް ހުއްޓިފައިވަނިކޮށް، ސަރުކާރު ހިންގަން ލޯނު ނަގަން ފެށުމުން ދަރަނި މިދަނީ ދުންޏެންހެން މައްޗަަށެވެ. މަތިވަމުންދާ ދަރަނި މަތިކުރާނެ ޕްލޭން ތަކެއް އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ހެއްޔެވެ؟ ދަރަނީގެ މައިތިރި އާއި ދަރަނި މައިތިރި ކުރެވޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވާނެ ހެއްޔެވެ؟ މިހާރު ނަގަމުންދާ ދަރަނި ދެއްކޭނެ ކަމުގެ ކުޅަދާނަކަން ރާއްޖޭގައި ހުރިކަން ބުނެދޭނެ ހެއްޔެވެ؟
ސަރުކާރުން މި އަހަރު އެކަނި 17 ބުރެއްގެ މަތިން 10 ފަރާތަކުން ލޯނު ނަގައިފި އެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްދަ ދަރަނި ގެރެންޓީ ދީފައިވާ ދަރަންޏާއެކު މިހާރު ބަލާނަމަ މިވަނީ 73 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ. މީގެތެރޭގައި ބޭރު ދަރަނީގެ ނިސްބަތަކީ 37 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނީގެ ނިސްބަތަކީ 36 ބިލިއަން ރުފިޔާ އެވެ. ޖީޑީޕީގެ ނިސްބަތުން ބަލާނަމަ ދަރަނި 108 ޕަސެންޓުގައި ހުރިއިރު، މި މަތިވުން މައިތި ކުރެވޭނެ "ފަންޑިތަ" އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ހެއްޔެވެ؟
އަންނަ އަހަރުގެ ބަޖެޓު ގައިމު ވެސް ހޯމަ ދުވަހު ފެންނާނެ އެވެ. މި ބަޖެޓު ވެގެންދާނީ މިހާރު ބަލި އިގްތިސޯދު ކޮޅަށް ޖަހައި އިންޖީނު ހިނގަން ބޭނުންވާ ތެލަށެވެ. އަންނަ އަހަރުގެ ބަޖެޓު މުހިންމު ވަނީ އެހެންވެ އެވެ. މި ބަޖެޓަކީ ރާއްޖޭގެ ކުރިއަށް އޮތް ދެ އަހަރުގެ މުސްތަގުބަލުގެ ކުރިމަގު ކުރަހާނެ ބަޖެޓެވެ. މި ބަޖެޓުގައި ހުންނާނީ ކޮން އެޗެއް ހެއްޔެވެ؟