ކޮވިޑުގެ ކުރީގައި މި ސަރަހައްދުން އެންމެ އުފެއްދުންތެރި އިގްތިސޯދެއް އޮތް އެއް ގައުމަކީ ސްރީލަންކާގަ އެވެ. ވަރުގަދަ އުމްރާނީ މަސައްކަތާއެކު އެ ގައުމުގެ ދުވެލި ހުރީ "ރޮކެޓް" އިސްޕީޑުގަ އެވެ. ނަމަވެސް ކޮވިޑް-19 އިގެ ރާޅުތަކުގެ ތެރެއަށް އެ ގައުމު ނުކުތުމާއެކު ލަންކާގެ ބަލިފައި ފެންނަން ފެށި އެވެ. ބަލީގެ ތެރެއިން ފާޅުވާން ފެށީ އެ ގައުމުގެ ދިގު ދަަރަނީގެ ސަފުހާ އެވެ. ދަރަނި މަތިވެފައި ވަނިކޮށް، އެ މެނޭޖު ނުކުރުމުގެ ނަތީޖާއަކީ އެ ގައުމު މާލީ ބޮޑު ވަޅުގަނޑެއް ތެރެއަށް ފުރޮޅާލުމެވެ. އެ ގައުމުން އެކި މާލީ އިދާރާތަކަށް ދައްކަން ޖެހޭ ދަރަނި ހަތް ބިލިއަން ޑޮލަރަށް އަރާއިރު މި ދަރަނީގެ ބޮޑު ބައެއް މި އަހަރު ދައްކަން އޮތީ ކުޑަތަން ވެފަ އެވެ.
މި ދަރަނީގެ ބޮޑު ދަރަނީގެތެރޭގައި 500 މިލިއަން ޑޮލަރުގެ ސޮވްރިން އިންޓަނޭޝަނަލް ބޮންޑެއް ވެސް ހިމެނެ އެވެ. މިއާއެކު އެ ގައުމުގެ ޖުމުލަ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 104 ޕަސެންޓަށް އަރަ އެވެ. ނަމަވެސް ދަރަނި ދައްކަން ބަލައިލިއިރު ގައުމުގެ ފޮރިން ކަރަންސީ ރިޒާވްގައި ނުވަތަ ގައުމުގެ ހަޒާނާގައި ހުރީ 1.6 ބިލިއަން ޑޮލަރެވެ. ލަންކާގެ މި ހާލަތަށް ވިސްނާލައި ލަންކާގެ އެތެރޭގައި ހުރެ ވިސްނާލާއިރު ރާއްޖެއަށް އިބުރަތް ތަކެއް ފެނެ އެވެ. ރާއްޖޭގެ ދަރަނި ދަނި މަތިވަމުންދާއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ ނިސްބަތް ވެސް ވަނީ 100 ޕަސެންޓުގަ އެވެ.
"ރާއްޖެއާ ސްރީލަންކާގެ މަންޒަރު ގާތްގަނޑަކަށް އެއްގޮތް. ތަފާތަކީ ރާއްޖޭގެ އިކޮނޮމީގެ މައި އިންޖިން ޓޫރިޒަމް ރަނގަޅުކަން. މިކަން ގޯސްވެއްޖެނަމަ މިހާރު ލަންކާ އޮތް ހާލަތަށް ރާއްޖެ ވެެއްޓުމުގެ ބިރު އެބައޮތް. އެހެންވެ މިކަމަށް ދުރާލާ ފިޔަވަޅު އަޅަން ދަރަނި މެނޭޖުކޮށް، ދަށް ކުރަން ޖެހޭ،" އިންޓަނޭޝަނަލް ބިޒަންސް އާއި ވިޔަފާރީގެ އެކި ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.
އެފަދަ އެހެން ބޭފުޅުންގެ ވެސް އަބަދުގެ ކަންބޮޑުވުމަކީ މިއީ އެވެ. އެކަަމަކު ސުވާލަކީ ރާއްޖެއާ ލަންކާއާ މި ހާލަތާ އޮތް ގުޅުމެވެ. ލަންކާގެ އިގްތިސޯދުން މިހާރު ފެންނަ މަންޒަރުތައް ރާއްޖެއާ ގާތް ކުރާ ގޮތެވެ. ހާލަތުގައި ރާއްޖެ އާއި ލަންކާގެ އެއްގޮތް ކަމަކީ ކޮބައި ހެއްޔެވެ؟
ކޮވިޑުގައި އެންމެ ކާމިޔާބުކޮށް އިކޮނޮމީ ހިންގި ގައުމަކީ ރާއްޖެކަމަށް ބުނެ މިތިބެނީ ބައިސާ ކަނޑާށެވެ. ރާއްޖެ އުފެދިފައިވާ އޮތް ގުދުރަތީ ނިއުމަތުގެ އެޑްވާންޓޭޖާއި ރަނގަޅަށް ކުރެވުނު މަސައްކަތުން ލިބުނު މި ކާމިޔާބު ވާހަކަ އަބަދު ދައްކާއިރު ރާއްޖޭގެ މާލީ ހާލަތުން ފެންނަ ބިރުވެރިކަމުގެ ވިސްނުމެއް ނެތެވެ. ޓޫރިޒަމް ރަނގަޅުވުމުން ޖީޑީޕީގެ ނަމްބަރު މަތިވި ނަމަވެސް ދަރަނި މަތިވަމުން ދިއުމަކީ ރާއްޖެ އަށް އޮތް ބިރެއް ކަމަށް ވިސްނަކީ ކޮން ބައެއް ހެއްޔެވެ؟ ސަރުކާރުން ވެސް އެކަމެއް ގަބޫލެއް ނުކުރެ އެވެ.
މީގެ ބަދަލުގައި ރާއްޖޭން ދަނީ ސްރީލަންކާގެ މިސްޓޭކް ރިޕީޓް ކުރަމުންނެވެ. ސްރީލަންކާގެ ދަރަނީގެ ހާލަތަށް ބަލާއިރު އެއް ގައުމަކަށް - ޗައިނާ - އަށް އޮތީ ލައްގާފަ އެވެ. ރާއްޖޭން ވެސް މިހާރު ފެންނަނީ އެ މަންޒަރެވެ. ރާއްޖޭގެ މިހާރު ދަރަނީގެ "ބަފައަކީ" އިންޑިއާއޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖެ އޮތީ އިންޑިއާއަށް ލައްގާފަ އެވެ. އާއްމު ރައްޔިތު މީހާއަށް ނޭނގޭ ނަންތައް ކިޔައިގެން ނެގިޔަސް ދަރަނި ވާނީ ހަމަ އެއަށެވެ. ވަކި ބައެއްގެ އަތުން ނެގުމުން ދަރަންޏަށް ވެފައި އަނެއް ބަޔަކު އަތުން ނެގުމުން އެހީ "ހިލޭ ދިން ދަރަނި" ކަމަށް ދެއްކުމަކީ ބޮޑު ގޯހެކެވެ. ނަތީޖާއަކީ ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ވިސްނާލި ނަމަވެސް ދަަރަނި މަތިވާނެ ކަމަށް ދެއްކުމެވެ.
2022 ވަނަ އަހަރު
- އެތެރޭގެ ދަަރަނި - 50.2 ބިލިއަން
- ބޭރުގެ ދަަރަނި - 41.1 ބިލިއަން
- ގެރެންޓީ ދަރަނި- 11.6 ބިލިއަން
- ޖުމްލަ ދަރަނި- 103 ބިލިއަން
2023 ވަނަ އަހަރު
- އެތެރޭގެ ދަަރަނި - 50.9 ބިލިއަން
- ބޭރުގެ ދަަރަނި - 47.1 ބިލިއަން
- ގެރެންޓީ ދަރަނި - 9.5 ބިލިއަން
- ޖުމްލަ ދަރަނި - 107.5 ބިލިއަން
2024 ވަނަ އަހަރު
- އެތެރޭގެ ދަަރަނި - 53.1 ބިލިއަން
- ބޭރުގެ ދަަރަނި - 49.8 ބިލިއަން
- ގެރެންޓީ ދަރަނި - 8.2 ބިލިއަން
- ޖުމްލަ ދަރަނި - 111 ބިލިއަން
ބަޖެޓުގެ 15 ޕަސެންޓު ދަރަންޏަށް!
ދަރަނި އިންތިހާ އަށް މަތިވަމުންދާއިރު ދަރަނި މެނޭޖު ކުރުމަކީ ސްރީލަންކާއެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އޮތް ގޮންޖެހުމެވެ. ރާއްޖޭގެ ދަރަނި ސޮވްރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަމަށް ސަރުކާރުން ބުނި ނަމަވެސް ފެންނަ ހަގީގަތަކީ ދަރަނި ދައްކަން ކުރަން ޖެހޭ ހަރަދު މަތިވަމުން ދިއުމެވެ.
މި އަހަރުގެ ބަޖެޓުގެ 15 ޕަސެންޓަށްވުރެ ބޮޑު ބައެއް ހޭދަވާނީ ދަރަނި އަދާ ކުރާށެވެ. މާނައަކީ މި އަހަރު އެކަނި ދަރަނި ދެއްކުމާއި ދަރަނީގެ ހިދުމަތް ތަކަށް 5.7 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުމެވެ. މި ފައިސާގެ ތެރެއިން ތިން ބިލިއަން ރުފިޔާއަކީ ސީދާ ލޯނު ތަކަށް ދައްކަން މަޖުބޫރުވާ ފައިސާ އެވެ. މިއީ ލަންކާގެ ވެސް މިހާރުގެ ހާލަތުގެ ފެށުމެވެ. ލަންކާގެ ހާލަތުން ރާއްޖެ އަށް އިބުރަތް ހޯދަން ވާހަކަ ދައްކާއިރު މި ހާލަތަށް ވެއްޓިދާނެ ކަމަށްޓަކައި ސަރުކާރުން ސިޔާސަތު ތަކެއް ވެސް ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން ދަރަނި 105 ޕަސެންޓަށް ތިރިކުރުމާއި އަންނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުން ހިމެނެ އެވެ. އަދި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށް ފަހު އަހަރެއް ކުޑަކޮށް މެދުރާސްތާގައި ބެހެއްޓުން ވެސް ހިމެނެ އެވެ. މި ފިޔަވަޅުތައް ތަންފީޒު ކުރެވޭނެ ހެއްޔެވެ؟ މިކަންވާނެ ހެއްޔެވެ؟
ރާއްޖެ އަށް ވެސް އަގުގެ މައްސަލަ
ރާއްޖޭގެ ދަރަނި އިންތިހާ އަށް މަތިވެފައިވާއިރު ސްރީލަންކާއެކޭ އެއްގޮތަށް ރާއްޖޭން ވެސް ވަނީ ފައިސާ ޗާޕު ޖަހާފަ އެވެ. ލަންކާގެ ހާލަތަށް ބަލާއިރު ފައިސާ ޗާޕު ކުރުމުން ދެންވީ ގޮތް އެނގޭ ހެއްޔެވެ؟
ނަތީޖާއަކީ އާއްމު ގިނަ ބާވަތްތަކުގެ އަގުތައް އުފުލިގެން ދިއުމެވެ. އެ ގައުމުގެ ފައިސާގެ އަގު އިންތިހާ އަށް ވެއްޓިގެން ދިއުމެވެ. އެހެންވެ ލަންކާގެ ބޮޑު ވަޒީރުގެ އޯޑަރަށް އާއްމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް އެ ކަމަށް ހާއްސަ "އިމަޖެންސީ ގަވާއިދެއް" ހަދައި ވަނީ އަމަލު ކުރަން ފަށާފަ އެވެ. ނަމަވެސް އެ ގައުމު ބޮޑު މާލީ މުސީބާތެއްގެ މެދުތެރެއަށް ވެއްޓި އަވަދި ވެއްޖެ އެވެ. ރާއްޖޭގެ ހާލަތަށް ބަލާނަމަ މި އަހަރު ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް، ފައިސާ ޗާޕު ކުރުމަށްވުރެ ރާއްޖޭގައި އަގު މަތި ވާނީ ސަރުކާރުން ތަންފީޒު ކުރާ ބައެއް ސިޔާސަތު ތަކުންނެވެ. އެއް ކަމަކީ މިނިމަމް ވޭޖެވެ. އަނެއް ކަމަކީ ޕްލާސްޓިކް ޓެކްސް ނެގުމެވެ. ނަމަވެސް ރާއްޖޭގެ އިންފްލޭޝަން މި އަހަރު 1.1 ޕަސެންޓުގައި ހިފެއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.
މި އަހަރުގެ ބަޖެޓު ބަޔާން ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި އަހަރު
އަގުތައް އެންމެ ބޮޑަށް މަތިވާނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވޭ އެވެ.
"ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ރާއްޖޭގެ ބާޒާރުގެ އަގު ތަކުން ވަރަށް ބޮޑަށް ފެނިގެން ދޭ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި އަގުތައް އިތުރަށް މަތިވެއްޖެނަމަ އިންފްލޭޝަން ރޭޓު މަތިވުން އެކަށީގެންވޭ،" އަމީރު ވިދާޅުވި އެވެ.
ދަރަނި މަތިވުމުގެ މައްސަލަ އިންތިހާއަށް ރާއްޖެ އަށް ނުކުމެފައިވާއިރު، އަނެއް މައްސަލައަކީ ހަރަދުތައް އިންތިހާ އަށް މަތިވަމުން ދިއުމެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުމެވެ. ދިވެހި އާއްމު މީހާއެކޭ އެއްގޮތަށް ސަރުކާރުގެ ހާލަކީ ވެސް މި އެވެ.ސަރުކާރުން ދަނީ އެއް ރުފިޔާ ލިބުނީއްޔާ ދެ ރުފިޔާ ހޭދަ ކުރަމުންނެވެ.
- 2020 : އާމްދަނީ އާއި ހިލޭ އެހީ 15.2 ބިލިއަން، ހަރަދު: 28.7 ބިލިއަން
- 2021 : އާމްދަނީ އާއި ހިލޭ އެހީ 19.6 ބިލިއަން، ހަރަދު: 28.7 ބިލިއަން
- 2022 : އާމްދަނީ އާއި ހިލޭ އެހީ 24.2 ބިލިއަން، ހަރަދު: 34 ބިލިއަން
- 2023 : އާމްދަނީ އާއި ހިލޭ އެހީ 27.9 ބިލިއަން، ހަރަދު: 35 ބިލިއަން
- 2024 : އާމްދަނީ އާއި ހިލޭ އެހީ 27.3 ބިލިއަން، ހަރަދު: 37 ބިލިއަން
ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅެވެ. ދައުލަތަށް ރަނގަޅު އާމްދަނީއެއް ވެސް ލިބެ އެވެ. އެހެންވެ މިހާރު މި ޖެހެނީ ވެހޭތާ ފެން ނަގާށެވެ. އެކަމަށްޓަކައި 2017 ވަނަ އަހަރު ރާއްޖޭން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ފުރަތަމަ ފަހަރަށް ބޮންޑެއް ވިއްކުމާއެކު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް ހެދި އެވެ. މިހާރު އެ ފަންޑުގެ ބެލެންސަކީ ތިން ބިލިއަން ރުފިޔާ އެވެ. މި ފަންޑު ބޮޑު ކުރަން ޖެހެ އެވެ. މިހާރު ރާއްޖޭން ލަންކާ ދިޔަ މަގުން ނުދާން ބޭނުން ކުރެވޭނެ އެއް ހަތިޔާރަކީ މި އެވެ. މި ފަންޑަށް ގާނޫނީ ބާރުދީ ބޭނުން ވަގުތަކު ފިނޭންސް މިނިސްޓަރަށް އަތް ނުކޮށްޕޭ އެއްޗަކަށް ހަދަން ޖެހެ އެވެ. ސްރީލަންކާގެ މިހާރުގެ ފައިނޭންސަލް ކްރައިސިސް އިން އިބުރަތެއް ހޯދުނު ކަމަށްވާނީ އޭރުންނެވެ.