ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޯޑަރު ހުޅުވަން އަންދާޒާކުރި ވަރާ ގާތަށް އާމްދަނީ ލިބިއްޖެ

Jan 2, 2021

ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން ހެދި "ސިނާރިއޯ" ދިރާސާގައި އަންދާޒާކުރި ވަރާ ގާތަށް ދައުލަތަށް އާމްދަނީ ލިބިއްޖެ އެވެ.

ބޯޑަރު ހުޅުވަން ތައްޔާރުވެފައިވަނިކޮށް ފިނޭންސް މިނިސްޓްރީން އާއްމުކުރި ދިރާސާ ދެއްކި ގޮތުގައި މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 24 ގެ ނިޔަލަށް އާއްމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 14 ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ލިބިފައިވެ އެވެ. ނަމަވެސް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ލަފާކުރި ވަރަށް ވުރެ މަތިވެފަ އެވެ. ޓެކުހުގެ ގޮތުގައި ލިބުނީ 10 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ލިބުނީ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 844.5 މިލިއަން ރުފިޔާ އެވެ. އެހެންވެ ބެލެވޭ ގޮތުގައި މުޅި އަހަރު ނިންމައި މާލީ ހިސާބުތައް އާއްމު ކުރާއިރު އަންދާޒާ ކުރި ވަރާ ގާތަށް އާމްދަނީ ލިބުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، އެކަން ޔަގީންވާނީ ފިނޭންސުން އަހަރު ނިންމައި އާއްމުކުރާ މާލީ ރިޕޯޓުންނެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 26 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އަންދާޒާ ކުރި ވަރާ ގާތަށް އާމްދަނީ ލިބުނުއިރު، ބޯޑަރު ހުޅުވުމުގެ ކުރިން ހެދި ސިނާރިއޯ ރިޕޯޓުގައި އަންދާޒާ ކުރި ވަރަށް ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ. ހުޅުވުމުގެ ކުރީގެ އަންދާޒާއަކީ 800،000 ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް ފަހުން ސަރުކާރުން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށް ހެދި ދިރާސާ އިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް މީހުން މިހާތަނަށް ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 555،213 ޓޫރިސްޓުން އައިސްފަ އެވެ.