ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ 54 ޕަސެންޓް ދަށަށް

މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 54 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކުރީ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 653 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 296 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 54 ޕަސެންޓުގެ ދަށްވުމެކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ޓޫރިޒަމް ޖީއެސްޓީއިން މިދިޔަ އަހަރު ލިބުނީ 142 މިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ކުރީ އަހަރު 319 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 22 މިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ކުރީ އަހަރު 55 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ބިޒްނަސް ޕްރޮފިޓް ޓެކްސް އިން މިދިޔަ އަހަރު 32 މިލިއަން ޑޮލަރު ލިބުނުއިރު، އޭގެ ކުރީ އަހަރު 42 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި އެއާޕޯޓުން ފުރާ މީހުންގެ އަތުން މިދިޔަ އަހަރު 18 މިލިއަން ޑޮލަރު ލިބުނުއިރު، އޭގެ ކުރީ އަހަރު 47 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅުވާ ޑިސެމްބަރު މަހު ވެސް ޑޮލަރުން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މިދިޔަ އަހަރު ލިބުނީ 39 މިލިއަން ޑޮލަރެވެ. ނަމަވެސް ކުރީ އަހަރުގެ ޑިސެމްބަރު މަހު 73 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޑޮލަރުން ލިބުނު އާމްދަނީއަށް ބޮޑު ލޮޅުމެއް އައިސްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާޗް 15 ގައި ބަންދު ކުރުމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހަރަކާތްތައް ހަ ހަތަރު މަސް ދުވަހަށް އެއްކޮށް ހުއްޓިގެން ދިޔަ އެވެ. އަދި ޖުލައި 15 ގައި ބޯޑަރު ހުޅުވިނަމަވެސް މުޅި އަހަރު ޖުމްލަ އައިސްފައިވަނީ 555،000 ޓޫރިސްޓުންނެވެ. ނަމަވެސް ކުރީ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.