ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިދިޔަ މަހު ޑޮލަރުން ބަލައިގަތް އާމްދަނީ 78 ޕަސެންޓް މަތިވެއްޖެ

ރާއްޖޭގެ ބޯޑަރު ހުޅުވައި ޓޫރިސްޓުން އަންނަން ފެށި ނަމަވެސް، މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 78 ޕަސެންޓް ދަށް ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމްގެ މައި ސީޒަންގެ ތެރޭގައި ހިމެނޭ ނޮވެމްބަރު މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި މި އަހަރު ލިބުނީ 11 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު 51 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެންވެ، މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ 78 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބޭ ޓޫރިޒަމް ޓީޖީއެސްޓީ އިން މިދިޔަ މަހު ލިބުނީ އަށް މިލިއަން ޑޮލަރެވެ. ކުރީ އަހަރުގެ ނޮވެމްބަރު މަހު 27 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެންވެ ޓީޖީއެސްޓީގެ ޑޮލަރުގެ އާމްދަނީ ވެސް މިދިޔަ މަހު 68 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި ރާއްޖެ އަންނަ ކޮންމެ ޓޫރެސްޓެއްގެ ބޮލަކަށް ނަގާ ތިން ޑޮލަރާއި ހަ ޑޮލަރުގެ އާމްދަނީ ކަމަށްވާ ގްރީން ޓެކުހުން ލިބުނީ މިދިޔަ މަހު އެއް މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު ހަތަރު މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 457,467 ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަތަރު މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި މިދިޔަ މަހު ލިބުނީ 463,323 ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަތަރު މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 42،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިހާތަނަށް މި އަހަރު ބައި މިލިއަން ޓޫރިސްޓުން އައިސްފައި ވެއެވެ.