ވޭތުވެދިޔަ 10 އަހަރު ދުވަހަށް ބެލި ނަމަވެސް ޑޮލަރުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެއް އަހަރަކީ މިދިޔަ އަހަރެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 10 އަހަރުގެ ޑޮލަރުގެ އާމްދަނީގެ ހިސާބުތަކުގެ މައްޗަށް ބަލައި އަވަސް އިން އެއްކުރި ތަފާސް ބަލާއިރު މިހާތަނަށް ޑޮލަރުން އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު 653 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ދެން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުންނާއެކު ޑޮލަރުން އާމްދަނީގެ ގޮތުގައި ދައުލަތަށް 625 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
10 އަހަރު ތެރޭ ޑޮލަރުން ލިބުނު އާމްދަނީ
- 2012- 269 މިލިއަން
- 2013- 346 މިލިއަން
- 2014- 449 މިލިއަން
- 2015- 518 މިލ؛އަން
- 2016- 573 މިލިއަން
- 2017- 567 މިލިއަން
- 2018- 623 މިލިއަން
- 2019- 653 މިލިއަން (އެންމެ ގިނަ)
- 2020- 297 މިލިއަން
- 2021- 625 މިލިއަން (ދެވަނައަށް ގިނަ)
މި އަދަދުތަކަށް ބަލާއިރު 10 އަހަރުތެރޭގައި އެންމެ މަދުން ޑޮލަރުން އާމްދަނީ ލިބިފައިވަނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު ވެސް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެން އެންމެ މަދުން ޑޮލަރުން އާމްދަނީ ލިބިފައިވަނީ އަހަރުގެ ބޮޑުބައި ކޮވިޑުގެ ސަބަބުން ބަންދުކޮށްފައި އޮތް 2020 ވަނަ އަހަރު އެވެ. އެ އަހަރު 500،000 އެއްހާ ޓޫރިސްޓުން އައިރު ޑޮލަރުން އާމްދަނީގެ ގޮތުގައި 269 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މިދިޔަ އަހަރު ޑޮލަރުން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ބެލެވެނީ ކޮވިޑް-19 އާ ގުޅިގެން ޓްރެވަލް ޓަރެންޑަށް އައި ބޮޑު ބަދަލުގެ ސަބަބުންނެވެ. މިގޮތުން ކުރިން އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި ހަފުތާއެއް މަޑު ކުރި ނަމަވެސް ކޮވިޑުގެ ހާލަތުގެ ސަބަބުން ޓޫރިސްޓުން ތިބޭ މުއްދަތު ވަނީ ނުވަ ދުވަހަށް ބަދަލުވެފަ އެވެ. މީގެ ސަބަބުން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު މިދިޔަ އަހަރު އިތުރުވެގެން ދިޔަ އެވެ.