ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

170 ގެސްޓްހައުސް އާއި 138 ރިސޯޓު ހުޅުވައިފި

Dec 18, 2020

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް 170 ގެސްޓްހައުސް އާއި 138 ރިސޯޓު ހުޅުވައިިފ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 138 ރިސޯޓު އަދި ޔޮޓް މެރީގައި 32،212 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އަދި 170 ގެސްޓްހައުސްއެއްގެ 3،088 އެނދު ވެސް ހުޅުވައިގެން ހިދުމަތް ދޭން ފަށައިފި އެވެ. މީގެ އިތުރުން އަށް ހޮޓަލުގެ 848 އެނދާއި 129 ސަފާރީއެއްގެ 2،497 އެނދު ވެސް އޮޕަރޭޝަނަށް ވަނީ ގެނެސްފަ އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން އިތުރު ތިން ރިސޯޓެއްގެ 476 އެނދު އޮޕަރޭޝަނަށް ނެރެވޭނެ އެވެ.

މިހާތަނަށް އެންމެ ގިނައިން ގެސްޓްހައުސް ހުޅުވާފައި ވަނީ މާލެ އަތޮޅުންނެވެ. މި އަތޮޅުގައި 72 ގެސްޓްހައުސްއެއްގެ 1،606 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އަދި އއ. އަތޮޅުގެ 48 ގެސްޓްހައުސްއެއްގެ 656 އެނދު ވެސް ހުޅުވާފައިވެ އެވެ. އަދި އެންމެ ގިނަ ގެސްޓްހައުސްތައް ހުޅުވާފައި ވަނީ އއ. ތޮއްޑޫ އެވެ. އެ ރަށުގެ 23 ގެސްޓްހައުސްއެއް ހުޅުވައި، 300 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އަދި ކ. މާފުށީގެ 17 ގެސްޓްހައުސްއެއްގެ 776 އެނދު ވެސް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ކޮވިޑް-19 އައުމުގެ ކުރިން މި އަހަރުގެ މާޗް 15 ގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 600 ގެސްޓްހައުސް އާއި 150 ރިސޯޓެއް ހިންގަމުންނެވެ. އަދި މި ތަންތަނުގައި ހުރި ޖުމްލަ އެނދުގެ އަދަދު ބައި ލައްކައަށް ވުރެ މައްޗެވެ. ނަމަވެސް ޖުލައި 15 ގެ ފަހުން މިހާތަނަށް ހުޅުވާފައިވަނީ 38،645 އެނދެވެ.