ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

އޮމިކްރޯންގެ ބިރަށް ޓޫރިސްޓުންގެ ބުކިންތައް ކެންސަލްވަނީ

ދުނިޔޭގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ބިރަށް ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުންގެ ބުކިން ކެންސަލް ކުރަން ފަށައިފި އެވެ.

ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން ކުރާ އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖެ އަންނަން ތިބި ގިނަ ބައެއްގެ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށާ، އެކަން ފާހަގަވަމުންދާ ކަމަށެވެ.

"ސެންޓްރަލް ޔޫރަޕުން އަންނަ ކެންސަލޭޝަންތައް ފާހަގަވޭ. އެހެން ހިސާބުތަކުން ވެސް ކެންސަލް ވަމުންދޭ،" ފިރާގު ވިދާޅުވި އެވެ.

އުންމީދީ ސަރަހައްދުން ކެންސަލް ގިނަ

ކެންސަލް ތަކަަށް ބަލާއިރު އެންމެ ގިނައީ ޔޫރަޕުގެ މެދުތެރެއިންނެވެ. ސެންޓްރަލް ޔޫރަޕުން ކެންސަލް ވާން ފެށިއިރު މި ސަރަހައްދަކީ ކޮވިޑަށް ބަންދުކޮށް ރާއްޖެ ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ސަރަހައްދެކެވެ. މި ސަރަހައްދުގައި ހިމެނޭ ރަޝިއާއަކީ މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. އެ ގައުމުން އެކަނި މި އަހަރުގެ މިހާތަނަށް 6,700 ޓޫރިސްޓުން އައިސްފައިވެ އެވެ.

ސެންޓްރަލް ޔޫރަޕުން އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ، ކާނި ހޮޓެލްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ ވައިރަހުގެ ސަބަބުން ބުކިންތައް ކެންސަލްވަމުންދާއިރު ތަޒަކިސްތާނުގެ ހަމަނުޖެހުންތަކުގެ ސަބަބުންވެސް ގިނަ ބުކިންތަކެއް ކެންސަލް ވެފައިވާ ކަމަށެވެ.

"މިހާރު ވެސް މާފުށި އޮތީ މޮނީޓަރިން އަށް ލާފަ. މޮނީޓަރިންގައި އޮތީ މާފުއްޓަށް އަންނަ މީހުންނަށް ސްޕްލިޓް ސްޓޭއެއް [ގެސްޓްހައުސް / ސަފާރީ އަދި ރިސޯޓުގައި ބަހާލައިގެން ޗުއްޓީ] އެއް ނުހެދޭ. އެހެން ވެގެން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލް ވަމުންދޭ،" އަބްދުﷲ ވިދާޅުވި އެވެ.

ކެންސަލޭޝަން ރޭޓް 15-25 ޕަސެންޓުގައި

ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ބުނާ ގޮތުގައި ފެތުރުން ހަލުވި އޮމިކްރޯންގެ ސަބަބުން މިދިޔަ އަހަރާ އަޅާބަލާނަމަ މި ދުވަސްވަރު ބުކިންތައް 15 ޕަސެންޓާއި 25 ޕަސެންޓުގެ ކެންސަލްވުމެއް އައުމުގެ ފުރުސަތު ބޮޑެވެ. އަދި ޕޮޒިޓިވް ރޭޓު މަތިވެ ހަދާ ޓެސްޓްތަކުގެ އެމައުންޓަށްވުރެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެއްޖެނަމަ ޔޫރަޕުގެ ގައުމު ތަކުން ރާއްޖެ ރެޑް ލިސްޓަށްލުމުގެ ބިރު ބޮޑެވެ. އެ ދަރަޖަ އަށް ވެއްޓިއްޖެނަމަ ކެންސަލްވާ ބުކިންތައް އިތުރު ވެގެންދާނެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ އޮމިކްރޯން މުޅި ރާއްޖެ އަށް ފެތުރޭނެ ކަމަށް ބުނެފަ އެވެ. އޮމިކްރޯން އަށް ޕޮޒިޓިވް ވެފައިވާ އަށް ދިވެއްސަކު މިހާތަނަށް ފެނިފައިވާ ކަމަށެވެ. އެ އަދަދުތަކަށް ބަލާއިރު އިތުރު ދިވެހިންނަށް އޮމިކްރޯން ޖެހިފައިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އޮމިކްރޯންގެ ކޭސްތައް އެއް ދުވަހާއި ތިން ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދެގުނަ ވެގެންދާ ކަމަށެވެ. ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް މައިގަނޑު ގޮތެއްގައި ފެތުރިގެން ދިޔައީ މާލޭގައި ކަމަށްވީ ނަމަވެސް ވެކްސިން ޖެހި މީހުންނަށް ބޮޑެތި ލުއިތަކެއްދީ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އޮމިކްރޯންގެ ކޭސްތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެ ކަމުގައި ވިދާޅުވި އެވެ. މިހާރު ޕޮޒިޓިވް ރޭޓަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެ އިން އިތުރު 454 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެފައިވެ އެވެ. މިއާއެކު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 98،506 އަށް އަރާފަ އެވެ.

އޮމިކްރޯންގެ ސަބަބުން ބުކިންތައް ކެންސަލް ވާން ފަށާފައިވާއިރު، މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް24،527 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރިން ވިދާޅުވެފައިވެ އެވެ.