ރާއްޖޭގައި ކޮވިޑް 19ގެ އާ ވޭރިއަންޓް، އޮމިކްރޯންގައި ފެންނަމުންދާ ކޭސްތައް ކުރީގެ ވޭރިއަންޓް، ޑެލްޓާ އަށް ވުރެ މާބޮޑަށް ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި އޮމިކްރޯންގެ ކޭސްތައް މުޅި ރާއްޖެއަށް ފެތުރިގެންދާނެ ކަމުގެ އިންޒާރު ހެލްތު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދީފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވް ވެފައިވާ އަށް ދިވެއްސަކު މިހާތަނަށް ފެނިފައިވާ ކަމަށެވެ. އެ އަދަދުތަކަށް ބަލާއިރު އިތުރު ދިވެހިންނަށް އޮމިކްރޯން ޖެހިފައިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ނަޒްލާ ވިދާޅުވީ އޮމިކްރޯންގެ ކޭސްތައް އެއް ދުވަހާއި ތިން ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދެގުނަ ވެގެންދާ ކަމަށެވެ. ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް މައިގަނޑު ގޮތެއްގައި ފެތުރިގެން ދިޔައީ މާލޭގައި ކަމަށްވީ ނަމަވެސް ވެކްސިން ޖެހި މީހުންނަށް ބޮޑެތި ލުއިތަކެއްދީ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އޮމިކްރޯންގެ ކޭސްތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ ދިރިއުޅުމަށް، އިގްތިސޯދީ ހަރަކާތްތަކަށް ދަތި ނުވާ ގޮތަށް އަދި ސްކޫލުތަކުގެ ކިޔެވުން ވެސް ކުރިއަށް ގެންދެވޭ ގޮތަށް އެކަންކަމަށް ބުރޫނާރާ ގޮތަށް ފިޔަވަޅުތައް އަޅާނަމަވެސް އަޅަން،" އާ ވެރިއަންޓާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ގައިޑްލައިންތަކާއި އުސޫލުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތައް ގެންނާނެ ކަމަށެވެ. ބައެއް އުސޫލުތައް ހަފުތާއަކު އެއް ފަހަރުވެސް ބަދަލު ކުރަން ޖެހިދާނެ ކަަމަށްވެސް ވިދާޅުވި އެވެ.
އޮމިކްރޯންގެ ނުރައްކާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބޮޑުވާނެ ކަމަށް ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި 1000 މީހުން ޕޮޒިޓިވް ވުމަކީ ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ. މިވަގުތު އޮމިކްރޯންގެ ކޭސްތައް މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދުން ފެނުނު ނަމަވެސް ކ. މާފުށްޓާއި ދ. ކުޑަހުވަދޫން ވެސް އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ. އޮމިކްރޯން އަށް ޕޮޒިޓިވްވީ މާލެ އިން ހަތަރެއް، މާފުށިން ތިނެއް އަދި ކުޑަހުވަދޫން އެކަކެވެ.
ކޮވިޑްގެ ނަންބަރުތައް މައްޗަށްދާއިރު ސާމްޕަލް ނެގުން މަދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ނަޒްލާ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ސާމްޕަލްތައް ނެގުން މަދު ނުކުރާ ކަމަށާއި ބައެއް ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ޕެންޑިންގައި ވެސް އެބަހުރި ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެލްޓާގެ މައްޗަށް އޮމިކްރޯންގެ ކޭސްތައް އިތުރުވާނެތީވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމިއްލަ އަށް އެޅުމަށްވެސް އިލްތިމާސް ކުރެއްވި އެވެ.
އޮމިކްރޯން އަށް ޕޮޒިޓިވް ވެފައިވާ 19 ފަތުރުވެރިޔަކު ފެނިފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި އޮމިކްރޯންގެ ކޭސްތައް އިތުރުވާ މިންވަރަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ދެކުނު އެފްރިކާއިން ދުނިޔެއަށް ނުކުމެގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފަ އެވެ. އެގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނަލެވެ.
މީގެ ތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެ އެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރިން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށް ވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓް ވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ އެވެ.