ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މެދުކެނޑުމަކަށްފަހު ހަތަރުވަނަ ޑޯޒު ޖަހަން ފަށަނީ

Sep 8, 2022

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހައިދެމުން ދިޔަ ހަތަރުވަނަ ޑޯޒް ޖަހައިދިނުން މެދުކެނޑިފައި އޮތުމަށްފަހު އަލުން ހަތަރުވަނަ ޑޯޒު ޖަހައިދޭން ފަށައިފި އެވެ.

އެޗްޕީއޭ އިން ހަތަރުވަނަ ޑޯޒް ޖަހައިދޭން ފެށީ މިދިޔަ ޖޫން 23 ވަނަ ދުވަހު އެވެ. ހަތަރުވަނަ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދެނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަވެށިންނެވެ.

އެޗްޕީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހަތަރުވަނަ ޑޯޒެއް ޖަހަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ހަތަރުވަނަ ޑޯޒެއް ޖަހައިދޭނެ ކަމަށެވެ.

ހަތަރުވަނަ ޑޯޒް ޖަހަން އެޗްޕީއޭ އިން ނިންމާފައިވަނީ ފުރަތަމަ ބޫސްޓާ ޑޯޒް (ތިންވަނަ ޑޯޒް) ޖެހިފަހުން ހަތަރު މަސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ހަތަރުވަނަ ޑޯޒް ކުރިން ޖަހައިދެމުން ދިޔައީ 65 އަހަރުން މަތީގެ މީހުންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި، ދިގު މުއްދަތަށް ސެޓްރޮއިޑްގެ ބާވަތްތައް ބޭނުން ކުރާ މީހުންނާއި، ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުންނެވެ. އަދި ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި، އިސްކޮޅާ އަޅާބަލާއިރު ބަރުދަން މަތި މީހުންނާއި، ލިވަ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއް ފަރުވާ ދީފައިވާ މީހުންނަށެވެ.

މީގެިއތުރުން ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެދުމަތިވެފައިވާ މީހުންނަށްވެސް ކުރިން ވެކްސިން ޖަހައިދީފައިވެ އެވެ. މިހާރު ފުރުސަތު ހުޅުވާލާފައިވަނީ ތިންވަނަ ޑޯޒް ޖެހިތާ ހަތަރު މަސް ވެފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެކްސިން ޖެހޭ ގޮތަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމު ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ.