ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ވެކްސިން ޖަހަން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ފައިޒާ ވެކްސިން ރާއްޖެއަށް ލިބިފައިވާ ކަމަށާއި މިއަދުން ފެށިގެން ކުޑަ ކުދިންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާ ދީފައިވާ ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ ވެކްސިން ސެންޓަރުތަކުންނާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ އިތުރުން ސިއްހީ މަރުކަޒުތަކުގަ އެވެ.

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިން މިހާރު ޖެހޭނެ އެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކާއި ބޫސްޓާ ޑޯޒް ނުޖަހާ ފަރާތްތައް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ ލަފާ ދީފަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށް ދާނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށީގަ އެވެ.

އައިޖީއެމްއެޗުގައި ވެކްސިން ޖަހައިދޭނީ ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 ގެ ނިޔަލަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު 1:00 އިން 2:00 އަށެވެ.

ދަމަނަވެށީގައި ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 1:30 އިން ފެށިގެން މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.