ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ހުޅުމާލޭގައި ވެކްސިން ދިނުން ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފި

ހުޅުމާލޭގައި ކޮވިޑް ވެކްސިން ޖެހުން ދެން ކުރިއަށް ގެންދާނީ ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހުޅުމާލޭގައި އިއްޔެއާ ހަމައަށް ވެކްސިން ދެމުން ގެންދިޔައީ އެކަމަށް ހާއްސަކުރި ވެކްސިން ސެންޓަރުންނެވެ. އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުންވެސް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިއަދުން ފެށިގެން ހުޅުމާލޭގައި ކޮވިޑް ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހުޅުމާލެ ހޮސްޕިޓަލުން ކަަމަށެވެ. އަދި އެޕޮއިންޓްމަންޓް ހައްދާފައިވާ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ވެކްސިން ޖެހުމަށް ވަނީ އެދިފައެވެ.

ރާއްޖެއަކީ ކޮވިޑް ވެކްސިން ކެންޕެއިން އެންމެ ކާމިޔާބުކޮށް ހިންގާ އެއް ގައުމެވެ. ވެކްސިން ހޯދަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިއާ އާއި ޗައިނާގެ ގުޅުން ހަރުދަނާކޮށް އެ ދެ ގައުމުންވެސް ވެކްސިންގެ ބޮޑު ސްޓޮކެއް ހިލޭ ހޯދާފައިވެއެވެ. އަދި އެކި ކުންފުނިތަކަށް ފައިސާ ދައްކައިގެން ވެކްސިން ހޯދުމަށް އެކި މަސައްކަތްތައް ކޮށްފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު އިއްޔެ ވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ. އަދި އެއީ މިވަގުތަށް އެ ފުރުސަތު ލިބިފައިޗާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން ފާހަގަ ކުރެއްވިއެވެ.

މަބުރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެކްސިން ޖެހުމަށް ގިނަ ބަޔަކަށް ބާރު އެޅުމަށް އެދިވަޑައިގެންނެވިއެވެ.

ރާއްޖެއިން މިހާތަނަށް 321،594 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރެއިން 263،067 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ. ނަމަވެސް އާބާދީގެ 27 ޕަސެންޓް އެއްވެސް ޑޯޒެއް ނުޖަހައެވެ.

ސަރުކާރުން ވަނީ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުމަށް އަމާޒުކޮށް ބޮޑު ކެންޕެއިނެއް މިއަދު ފަށާފައެވެ.