ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޫސްޓާއާ ގުޅޭގޮތުން ކުރެވެނީ ކުށްހީތަކެއް: އެޗްޕީއޭ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ބޫސްޓާ ޑޯޒްއާ މެދު އާންމުންގެ ތެރޭގައި ހުރި ބައެއް ކުށްހީތަކުގެ ހަގީގަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސާފުކޮށްދީފި އެވެ.

ކޮވިޑް ބަލީން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ޖަހަން ޖެހެއެވެ. އަދި އޭގެ އިތުރުން ބޫސްޓާ ޑޯޒްއެއް ޖަހަން ވަނީ ފަށާފައެވެ. ނަމަވެސް ފުރަތަމަ ދެ ޑޯޒްއާ ހިލާފަށް ބޫސްޓާ ޑޯޒް ޖަހަން މަޖުބޫރު ކޮށްފައެއް ނުވެއެވެ. އެހެން ކަމުން ބައެއް މީހުން ބޫސްޓާ ޑޯޒް ޖަހަން ބޭނުމެއް ނުވެއެވެ. ބައެއް ފަހަރު އެކަމަށް އިންކާރު ކުރަނީ ބޫސްޓާ ޑޯޒްއާ ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތަކުގެ ސަބަބުންނެވެ.

ހާއްސަކޮށް ބޫސްޓާ ޖެހިޔަސް ކޮވިޑް ޖެހުން ދުރުކޮށް ނުދޭ ކަމަށާ ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކޮންމެހެން ބޫސްޓާ ޖަހަން ނުޖެހޭ ކަމަށް ބައެއް މީހުން ދެކެއެވެ. އަދި ބޫސްޓާ ޖެހުމަށް ފަހު ބައެއް ކަހަލަ ސައިޑް އިފެކްޓްތައް ދިމާވާ ކަމަށްވެސް މީހުން ދެކެއެވެ.

އެޗްޕީއޭއިން މިއަދު ވަނީ އެގޮތަށް ފެތުރޭ ވާހަކަތަކުގެ ހަގީގަތް ބުނެދީފައެވެ. އެ އެޖެންސީން ބުނީ އެއީ ވެކްސިނާމެދު ކުރެވޭ ކުށް ހީތަކެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން ހަށިގަނޑުގައި އުފެދޭ ދިފާއު ގިނަ ދުވަސްވުމުން ދަށްވާ ކަމަށެވެ. ނަމަވެސް ބޫސްޓާ ޑޯޒް ޖެހުމުން ހަށިގަނޑުގެ ދިފާއު ވަރުގަދަވުމުގެ އިތުރުން ބަލި ޖެހުމުން ދުރުކޮށްދޭ ކަމަށެވެ. އަދި ބަލި ޖެހުނު ނަމަވެސް ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ހޯދަން ޖެހުމުން ދުރުކޮށްދޭ ކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކޮންމެހެން ބޫސްޓާ ޖަހަން ނުޖެހޭ ކަމަށް ބައެއް މީހުން ދެކުނަސް ބޫސްޓާ ޑޯޒްގެ ސަބަބުން ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކޮށްދީ ވެކްސިނުން ލިބޭ ރައްކާތެރިކަމުގެ މުއްދަތު އިތުރުކޮށްދޭ ކަމަށެވެ. ބޫސްޓާ ޑޯޒް ޖެހުން އެތަން ދުޅަވުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި ހަށިގަނޑުގައި ރިހުމާއި ހީކެރުވުމާއި ހުން އައުން އަދި ހޮޑުލެވުން ފަދަ އާދައިގެ އަލާމަތްތަކެއް ފެނިދާނެ ކަމަށާ ނަމަވެސް ފާހަގަކުރެވޭ ފަދަ ބޮޑު ސައިޑް އިފެކްޓެއް ނާންނާނެ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ފުރަތަމަ ޑޯޒް 398،615 މީހަކު ވަނީ ޖަހާފައެވެ. ދެވަނަ ޑޯޒް 384،016 މީހަކު ޖަހާފައިވާއިރު ބޫސްޓާ ޑޯޒް ޖަހާފައިވަނީ 159،507 މީހެކެވެ.