ކޮވިޑް19ގެ އާ ވޭރިއެންޓް (ޖޭއެން-1) ބައެއް ގައުމުތަކުގައި ފެތުރެމުންދާތީ ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސް ވަރަކީ ކޮލެޖުތަކާއި ސުކޫލުތައް ބަންދުވުމުން އެކި ގައުމުތަކާއި ރަށްތަކަށް ޗުއްޓީ ހޭދަކުރަން މީހުން ފުރާ ދުވަސްވަރަކަށް ވުމުން ބަޔަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"މި ހިނގާ ޑިސެންބަރު މަހު ކޮވިޑް19ގޭ އާ ވޭރިއެންޓް (ޖޭއެން-1) ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި ކޮވިޑް-19 ފެތުރުން އިތުރުވެފައިވެ" ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނީ މިދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ މީހުން ގޮސް އައިސް ހަދާ ދުވަސްވަރަކަށް ވުމުން އެހެން އަހަރުތަކެކޭ އެއްގޮތައް އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް މިދުވަސްވަރު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
- ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.
- ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން.
- ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުކަން ދިނުން.
- ރޯގާޖެހި ކެއްސާނަމަ އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން.
- ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނުހެދުން.
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއި އެކު ވީހާވެސް މަދު މީހުން ދިއުން.
- ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން.
- އުމުރުން ދުވަސް މީހުންނާއި ގިނަ ބިލަތަކަށް ފަރުވާ ކުރާ މީހުން ކޮވިޑް 19ގެ ވެކްސިން ޖެހުން.
- އުމުރުން ދުވަސްވީ މީހުންނާއި ފަސް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންނާއި ދިފާއީ ބާރު ދަށް މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން.
އެޗްޕީއޭއިން ވަނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާ ގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އެދިފަ އެވެ. އަދި ކައިބޮއި ހަދާއިރު ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.