ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ޓޫރިޒަމް ހުޅުވުމަށް ހަތަރު މަސް އުންމީދަކީ ކޮބާ؟

މިދިޔަ އަހަރުގެ މި ދުވަހަކީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓް (ވީއައިއޭ) އެންމެ ބިޒީވި އެއް ދުވަހެވެ. އަދި މިދިޔަ އަހަރުގެ މި ދުވަހަކީ ރަށްރަށުގެ ގެސްޓްހައުސްތައް އޯވަބުކް ވެގެން ދިޔަ ދުވަހެވެ. އަދި މިދިޔަ އަހަރުގެ މި އަދަކީ ރިސޯޓުތަކުގެ ބީޗު ތަކުން ގިނަ ޓޫރިސްޓުން ފެންނަނަމުން ދިޔަ ދުވަހެވެ. އެކަމަކު މި ހުރިހާ ކަމެއް ބަދަލު ވެގެން ގޮސް މިއަދު ފެންނަނީ ތަފާތު މަންޒަރެކެވެ. ޗައިނާގެ ވުހާން ސިޓީން ނުކުތް ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި މަންޒަރު ބަދަލު ވެގެން ދިޔައީ އެވެ.

ނަމަވެސް މިދިއަ ޖުލައި 15 އިން ފެށިގެން އަލުން ބޯޑަރު ހުޅުވައި މިހާރު ކުރަމުންދާ މަސައްކަތުން ކޮންމެ ވެސް ވަރެއްގެ އުންމީދެއް އާވާން ފަށައިފި އެވެ. އުންމީދުގެ ހުޅުކޮޅު ފެންނަން ފަަށައިފި ހެއްޔެވެ؟ ހުޅުވިތާ ހަތަރު މަހާ 10 ދުވަސް ވެގެން ދިޔައިރު، ކުރިއަށް އޮތް އުންމީދަކީ ކޮބައި ހެއްޔެވެ؟ މި އަހަރުގެ މައި ސީޒަންގައި ޓޫރިޒަމުން ފެންނާނީ ކޮން ކަމެއް ހެއްޔެވެ؟ އުންމީދަކީ ކޮބާ؟

"ކުރިން އުންމީދު ކުރި ވަރަށް ވުރެ ވެސް، ލަފާކުރި ވަރަށް ވުރެ ރަނގަޅަށް މިހާރު މިދަނީ. އެހެންމެ އަންނަ އަހަރު މުޅި އިންޑަސްޓްރީން ގުޅިގެން އުންމީދު ގެންނަން ބޭނުން ވަނީ، އުންމީދު ކުރަނީ މި އަހަރުގެ މައި ޓާކެޓް 500،000 ޓޫރިސްޓުން ގެނެވޭނެ ކަމަށް،" ޕީއެސްއެމް ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ބޯޑަރު ހުޅުވުމަށްފަހު ތަފާސް ހިސާބު ތަކުން ވާހަކަ ދައްކާނަމަ ވެސް ފެންނަނީ އުފާވެރި މަންޒަރެކެވެ. ބޯޑަރު ހުޅުވި ޖުލައި 15 އިން 31 ގެ ނިޔަލަށް އައިސްފައިވަނީ އެންމެ 1,701 ޓޫރިސްޓުންނެވެ. ނަމަވެސް އޮގަސްޓް މަހު 7,628 މީހުން އައުންވީ އުންމީދަކަށެވެ. އަދި ސެޕްޓެމްބަރު މަހު 9,538 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު ނިމުނުއިރު މި އަދަދު 21,515 އަށް އިތުރުވި އެވެ. މީގެ އިތުރުން މި މަހުގެ 25 ގެ ނިޔަލަށް 27,182 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 1,087 މީހުން އައިސްފައިވެ އެވެ. މި އުންމީދާއެކު މި އަހަރުގެ މިހާތަނަށް ޖުމްލަ 450,411 މީހުން އައިސްފައިވެ އެވެ.

ރާއްޖޭގެ ހިސާބުތައް މި ގޮތަށް ހުރިއިރު، މި ވަގުތު ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް ދަނީ ރަނގަޅު ވަމުންނެވެ. ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ މިހާރު ހުރީ އުންމީދީ ވަރެވެ. އަދި ކުރިއަށް ދައްކަނީ ވެސް ރަނގަޅަށެވެ. އަދި ޓޫރިޒަމްގެ މުހިންމު މާކެޓުތައް ރަނގަޅުވަމުން ނުނިދިޔަ ނަމަވެސް، ރާއްޖެ އަށް ކުރިން ނުފެންނަ މާކެޓު ތަކެއް ފެންނަން ފެށުމަކީ އުންމީދީ މަންޒަރެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ބަލާއިރު ބްރެޒިލް އިން 1,927 ޓޫރިސްޓުން އައިސްފައިވެ އެވެ. މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ގިނަ ބަޔަކު ދިރިއުޅޭ މި މާކެޓު ރަނގަޅު ވަމުން ދިއުމަކީ އުންމީދެއްގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވެސް ވަނީ ބުނެފަ އެވެ.

މި ބަދަލުގެ އިތުރުން ރާއްޖެ އަށް އަބަދު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ރަޝިއާ މާކެޓު ރަނގަޅުވަމުން ދިއުމަކީ ވެސް ކުރިއަށް އޮތް އުންމީދެކެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ބްރެޒިލް މާކެޓު ރަނގަޅު ވުމަކީ އުންމީދެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ގައުމަކީ ސާފްކުރާ ނުވަތަ ރާޅާ އަޅާ ބޮޑު ކޮމިއުނިޓީ އަކަށް ވުމެވެ.

މި ބަދަލުގެ އިތުރުން ރާއްޖެއަށް އަބަދު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ރަޝިއާ މާކެޓު ރަނގަޅުވަމުން ދިއުމަކީ ވެސް ކުރިއަށް އޮތް އުންމީދެކެވެ. ރަޝިޔާ ހިމެނޭ ސަރަހައްދުން މިހާރު ތިން އެއާލައިނެއް އާދެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރަޝިއާ އިން އެކަނި މިހާތަނަށް 14,855 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިއްޔެ ވަނީ އެ ގައުމާއި ރާއްޖެއާ ދެމެދު އަޒޫރު އެއާގެ ޗާޓަރު ފްލައިޓް ތަކެއް ވެސް ފަށާފަ އެވެ. އެއް ފަހަރާ ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެވޭ ގޮތަށް ފެށި މި ޗާޓަރު ފްލައިޓް ތަކަކީ ވެސް މި މާކެޓު ރަނގަޅު ވެގެންދާނެ ކަމެކެވެ.

އަޒޫރު އެއާ ރާއްޖެ ގެންނަ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި އެ މާކެޓު ކުރިއަށް ދައްކަނީ ވަރަށް ރަނގަޅަށް ކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައި މި މާކެޓުން އަންނަ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށެވެ.

"ކުރިއަށް އަދި 13 ފްލައިޓް މޮސްކޯއިން އަންނަން ހަމަޖެހިފައިވޭ. މީގެ އިތުރުން އިތުރު ތިން ގައުމަކުން އަންނަ މަހު ޗާޓަރު ފެށޭނެ. ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމަށް ފާގަތި އުފާވެރި ދުވަސްތަކެއް،" ޝާޒް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ބަލާނަމަވެސް ދުނިޔޭގެ ޓޫރިޒަމްގެ ގިނަ މަންޒިލްތައް ހުރީ ބަންދުކޮށްފަ އެވެ. ނަމަވެސް ރާއްޖެ މިހާލަތުގައި ހުޅުވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބުނެވިދާނެ އެވެ. އަދި ހުޅުވުމާއެކު ގާތްގާތުގައި ރަނގަޅު ނިންމުންތަކެއް ނިންމުމަކީ މިހާލަތަށް ދުނިޔެއަށް ދެވުނު ޕޮޒިޓިވް މެސެޖެކެވެ. މި މެސެޖާއެކު އުންމީދު މިވަނީ އާވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ބޯޑަރު ހުޅުވިއިރު ފުރަތަމަ އައީ މަދު ޓޫރިސްޓުން ކޮޅެއް ކަމަށާ، ނަމަވެސް މަދުމަދުން އަންނަ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ކަމަށެވެ. އަދި މި މަގަަށް ދިޔައީ ގިނަ ބަދަލުތަކެއް ގެނެވިގެން ކަމަށެވެ.

"ޓޫރިސްޓުންނަށް އިތުބާރު ދޭން އަޅުގަނޑުމެން ނިންމިން ރާއްޖެ އައުމުގެ ކުރިން ނެގެޓިވް ޕީސީއާރެއް ހިފައިގެން އަންނަން. މިއީ ދުނިޔެ ވަރަށް ބަލައިގަތް ކަމެއް. ދެން ބޭނުންވީ ވޯލްޑް ސޭފްޓީ ސްޓޭމްޕް. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ސޭފްޓީ ސްޓޭންޑަޑުގެ ސެޓްފިކެއް ހޯދި. މިފަދަ ވަގުތެއްގައި ބޭރަށް ދަތުރު ކުރާ މީހުންނަށް އިންޝުއަރެންސެއް ނޯންނާނީ އެލައިޑްއާ ގުޅިގެން އިންޝުއަރެންސެއް ތައާރަފު ކުރިން. މިއީ ވަރަށް ބޮޑެތި ކަންތައްތައް. އަބަދު ވެސް ދުނިޔޭގެ ސުރުހީތަކަށް އަރަމުން ގެންދިޔައީ،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވިތާ ހަތަރު މަސްވެފައިވާއިރު ކުރިއަށް ދައްކަނީ އުންމީދެކެވެ. އަދި ރާއްޖެއަށް 25 އެއާލައިނަކުން ދަތުރު ފަށަން ތައްޔާރު ވުމަކީ މިކަމަށް އިތުރު ބާރެއް ލިބޭނެ ކަމެކެވެ.