ކޮވިޑް-19 ގެ ބަލި ދުނިޔޭގައި ފެތުރެން ފެށުމާއެކު އެންމެ ބޮޑު ބަދަލެއް އައި އެއް ސީނާއަތަކީ ޓޫރިޒަމް އެވެ. ދުނިޔޭގެ އެކި ތަންތަން ބަލަން ދަތުރުކުރާ އެތަށް ބިލިއަން މީހުންގެ ދަތުރަށް ހުރަސްއެޅި ގޭގައި ތިބެން މަޖުބޫރު ވެއްޖެ އެވެ. ގައުމުތަކުގެ ބޯޑަރުގައި ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކުރިން ފަސޭހައިން ދަތުރުކުރެވުނު ތަންތަންވެސް މިހާރުވަނީ ދާން އެންމެ ދަތި ތަންތަނަށެވެ. މިއާއެކު އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޓޫރިޒަމް އަށެވެ. ރާއްޖޭގެ ޓޫރިޒަމް އަންނަ އަހަރު ބައި ގަރުނު ފާހަގަ ކުރާއިރު މިވަރުގެ ބަދަލެއް ފެނިފައެއް ނުވެ އެވެ. މި ހާލަތުގެ ސަބަބުން ރާއްޖޭގެ ޓްރެންޑަށް އައިސްފައި ވަނީ ކޮން ބަދަލެއް ހެއްޔެވެ؟
"ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުންގެ ބިހޭވިއާ ވެސް ބަދަލު ވެއްޖެ. ޓޫރިސްޓުން އަންނަ ތަންތަން ވެސް ބަދަލުވެއްޖެ. އަނެއްހެން ބުނާނަމަ މުޅި ޓޫރިޒަމްގެ މޫނުމަތި އެއްކޮށް މިވަނީ ބަދަލުވެފަ. މިކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭ ސަރުކާރުން،" ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އޯނަރަކު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވަން ތައްޔާރުވިއިރު ސަރުކާރުން އަންދާޒާ ކުރީ ފުރަތަމަ ރާއްޖެ ހުޅުވާލާނީ އޭޝިއާގެ ގައުމުތަކަށެވެ. ސަބަބަކީ މިބަލިން އަވަހަށް އޭޝިއާ ސަލާމަތްވާނެ ކަމަށް އުންމީދު ކުރުމެވެ. ނަމަވެސް ހީކުރިގޮތާ މުޅިން ހިލާފަށް އޭޝިއާ އިން އިންޑިއާ ފިޔަވައި ޓޫރިސްޓުން ގެނެވޭނެ މާހައުލެއް ކްރިއޭޓްވެފައިވާ ގައުމެއް މަދެވެ. އިންޑިއާގައި ކޮވިޑް-19 ބަލި އޮތަސް އެކަންވީ ރާއްޖެ އާއިއެ ގައުމާ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުމާއެކު ދަތުރުފަތުރަށް އިންތިޒާމު ކުރި ހާއްސަ ކަންތައްތަކުގެ ސަބަބުނެވެ. ފަސޭހައިން ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރަން ހުޅުވާލި ފުރުސަތުތަކުގެ ސަބަބުންނެވެ.
ސަބަބަކީ މިބަލިން އަވަހަށް އޭޝިއާ ސަލާމަތްވާނެ ކަމަށް އުންމީދު ކުރުމެވެ. ނަމަވެސް ހީކުރިގޮތާ މުޅިން ހިލާފަށް އޭޝިއާ އިން އިންޑިއާ ފިޔަވައި ޓޫރިސްޓުން ގެނެވޭނެ މާހައުލެއް ކްރިއޭޓްވެފައިވާ ގައުމެއް މަދެވެ. އިންޑިއާގައި ކޮވިޑް-19 ބަލި އޮތަސް އެކަންވީ ރާއްޖެ އާއިއެ ގައުމާ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުމާއެކު ދަތުރުފަތުރަށް އިންތިޒާމު ކުރި ހާއްސަ ކަންތައްތަކުގެ ސަބަބުނެވެ. ފަސޭހައިން ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރަން ހުޅުވާލި ފުރުސަތުތަކުގެ ސަބަބުންނެވެ.- މިއީ ޓޫރިޒަމް ޓްރެންޑުން ފެންނަ ބަދަލެކެވެ.
މުހިންމު ގައުމުތަކެއް ލިސްޓުން ގެއްލުން!
ކޮވިޑް-19 ގެ ބައްޔާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އާބާދީ އަށް ވެސް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. 2020 ގެ މާޗުގެ ކުރީގައި ޓޫރިސްޓު އެރައިވަލްސް އަށް ބަލާއިރު މިހާރާ އަޅާ ކިޔާނަމަ އެންމެ ބޮޑު ތަފާތަކީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓު އަލުން ތަރުތީބުވެފައި އޮތް ގޮތެވެ.
ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރީގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ އެންމެ ކުރީގައި ޗައިނާ އޮވެ އެވެ. މިކަން ވޭތުވެދިޔަ 10 ވަރަކަށް އަހަރަށް ބެލިނަމަވެސް އޮތީ މިގޮތުގަ އެވެ. އަދި ޔޫރަޕުން ބަލާނަމަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓު ކަމަށްވާ އިޓަލީ އާއި ފްރާންސް އަދި ޖަރުމަނު ވިލާތް މި ލިސްޓުން ނުގެއްލި އޮވެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތައް މުޅިން ބަދަލު ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަަންނަ އިންޑިއާއިން ރާާއްޖޭގެ ޓޫރިޒަމްގެ 23.6 ޕަސެންޓުގެ ހިއްސާ މިހާރު ކުރެ އެވެ. އަދި ރަޝިއާގެ ހިއްސާއަކީ 21.8 ޕަސެންޓެވެ. މީގެ އިތުރުން ޔޫކްރެއިންގެ ހިއްސާއަކީ 6.6 ޕަސެންޓެވެ. ދެން މި ލިސްޓުގައި ހިމެނެނީ ކަޒަކިސްތާން އާއި ޖަރުމަނު ވިލާތް އަދި ޗެކް ރިޕަބްލިކުގެ އިތުރުން ފްރާންސް އަދި ސުވިޓްޒަލޭންޑް އާއި އެމެރިކާ އެވެ.
މިހާރު ރާއްޖެއަށް ޓޫރިސްޓުން މައިގަނޑު ގޮތެއްގައި އަންނަނީ އީސްޓަން ޔޫރަޕުގެ ގައުމުތަކުންނެވެ. މިއީ ރާއްޖޭގެ ޓޫރިޒަމަށް މުސްތަގުބަލުގައި ކުރިމަތިވާނެ ގޮން ޖެހުމެއް ހެއްޔެވެ؟ ނޫނީ މިއީ އުންމީދެއް ހެއްޔެވެ؟
ރާއްޖޭގެ ޓޫރިޒަމް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޗަމްޕާ ހުސެއިން އަފީފު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިޓަލީ އާއި އިނގިރޭސިވިލާތް އަދި ޖަރުމަނު ބަންދުކޮށްފައި އޮތުމުން އެ ގައުމުތަކުން ޓޫރިސްޓުން ނުލިބެ އެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާރު ޓޫރިޒަމްގެ އެރައިވަލް ޓްރެންޑަށް އައިސްފައިވަނީ ބަދަލަކީ ޓޫރިޒަމަށް ލިބޭ ބޯނަހެއްގެ ގޮތުގައި ބެލުން މުހިންމު ކަމަށެވެ.
"މި މީހުން [އީސްޓަން ޔޫރަޕުން] އަންނަމުން ދަނިކޮށް އާދަވެގެން އޮޕަރޭޓް ކުރަމުންދާ ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން އޮޕަރޭޓް ކުރަން ފަށައިފިނަމަ ވަރަށް އުޖާލާ ފެހި ކުރި މަގެއް ފެންނާނެ،" ޓޫރިޒަމްގެ ރިހި ޔޫބިލް ލޯގޯ ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި، އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިސްޓު އެރައިވަލްސްއަށް ބަދަލެއް ފާހަގަ ކުރުމުގައި އީޔޫ ފަދަ ޖަމިއްޔާތަކުން އެ ޖަމިއްޔާގެ ގައުމުތަކުގެ އިގްތިސޯދު ރަނގަޅު ކުރަން ބޭނުންވެ އަޅާފައިވާ ފިޔަވަޅުތައް ވެސް މުހިންމު ރޯލެއް އަދާ ކުރެ އެވެ. ނަމަވެސް ޔޫރަޕު އެއްކޮށް ހުޅުވާލާއިރަށް ގިނަ ބަޔަކު ދަތުރު ކުރަން ފަށާނެ ކަމަށް އަފީފު ވިދާޅުވި އެވެ.
އީސްޓަން ޔޫރަޕުން މީހުން އަންނަމުން ދަނިކޮށް އާދަ ވެގެން އޮޕަރޭޓް ކުރަމުންދާ ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން އޮޕަރޭޓް ކުރަން ފަށައިފިނަމަ ވަރަށް އުޖާލާ ފެހި ކުރި މަގެއް ފެންނާނެޗަންޕާ ހުސެއިން އަފީފު
"އީޔޫ އިން ބޭނުންވެ އެ ބޭފުޅުންގެ އިކޮނޮމީ ވެސް ރަނގަޅު ކުރަން. ބޭރަށް ދިއުން ޝަޓްޑައުންއޭ. މިހެން އައީމަ އިންޖެކްޝަން ޖަހަން ޖެހޭނެއޭ. އެ މީހުންގެ އަމިއްލަ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް މީހުން ގެންދިއުމުގެ ބޭނުމެއް ވެސް އެބަ އުޅޭ،" އަފީފު ވިދާޅުޗި އެވެ.
ރާއްޖެ އިސްތިހާރު ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި މި ހާލަތުގެ ސަބަބުން ރާއްޖެއަށް އާ ފުރުސަތުތަކެއް ހުޅުވިގެން ހިނގައްޖެ އެވެ.
"މިހާރު ޓޫރިޒަމްގެ ޓޮޕް 10 ގައުމުގެ ތެރޭގައި ރަޝިއަން ސްޕީކިން ކަންޓްރީޒް ހިމެނޭ. އަނެއްކާ ފެންނަ އަނެއް ޓްރެންޑަކީ ޖީސީސީގެ ގައުމުތަކުން ޓޫރިސްޓުން އިތުރުވުން،" ތޮއްޔިބު ވިދާޅުވި އެވެ.
ލޯންގް ސްޓޭ އާއި ބުކިން ހަދާ މުއްދަތަށް އައި ބަދަލު
މިހާލަތުގެ ސަބަބުން ޓޫރިޒަމްގެ ޓްރެންޑަށް އައިސްފައިވާ މައިގަނޑު އަނެއް ބަދަލަކީ ރާއްޖޭގައި ޓޫރިސްޓުން މަޑުކުރާ މުއްދަތު އިތުރުވުމެވެ. ކޮވިޑް--19 ގެ ކުރީގައި މި މުއްދަތަށް ބަލާއިރު އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ސްޓޭ ކުރަނީ ފަސް ދުވަހެވެ. އެކަމަކު މިހާރު ސްޓޭ މިވަނީ ނުވަ ދުވަހުން މަތީގަ އެވެ. މިއީ ޓްރެންޑަށް އައި ބޮޑު ބަދަލެކެވެ.
އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި މިހާރުގެ ކުރިއެރުން ފެނިފައިވަނީ ޓްރެވަލް އެޖެންޓުންނާއި ޓޫރިޒަމް ސިނާއަތުން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.
"މިހާރު ނަގާ ހުރިހާ ޕޯލެއްގައި ޓޮޕް 5 ގެ ތެރޭގައި ރާއްޖެ ހިމެނޭ. މިއީ އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު ބަދަލެއް. އަނެއްކާ ފެންނަ އަނެއް ޓްރެންޑަކީ މިހާރު ބުކިން ޕީރިއަޑް ވަރަށް ކުރުކަން. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ 2 އަދި 3 ހަފުތާ އަށް ބަދަލު ވެއްޖެ،" ތޮއްޔިބު ވިދާޅުވި އެވެ.
މިހާރު ނަގާ ހުރިހާ ޕޯލެއްގައި ޓޮޕް 5 ގެ ތެރޭގައި ރާއްޖެ ހިމެނޭ. މިއީ އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު ބަދަލެއް. އަނެއްކާ ފެންނަ އަނެއް ޓްރެންޑަކީ މިހާރު ބުކިން ޕީރިއަޑް ވަރަށް ކުރުކަންތޮއްޔިބު މުހައްމަދު | އެމްއެމްޕީއާރުސީގެ އެމްޑީ
ރާއްޖެ އަންނަން ޓޫރިސްޓުން ބުކިން ހައްދާ މުއްދަތު ކުރުވުމަކީ ވަރަށް ޕޮޒިޓިވް ސައިން އެކެވެ. މިކަމުގެ ސަބަބުން ރިސޯޓް އަދި ގެސްޓްހައުސްތަކަށް އެނދުތައް ތަރުތީބުކޮށް ތައްޔާރުކޮށް ވިއްކާލަން ފުރުސަތު ފަހިވެ އެވެ.
އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) ގެ ރައިސް ޔޫސުފު ރިފްއަތު ވިދާޅުވީ މިހާރު ސްޓެޓިސްޓިކްސް އިން ދައްކަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ރާއްޖެ އަށް 2018 އާއި 2019 ގައި ވެސް ޓޫރިސްޓުން ނާނަ ވަރަށް ޕެންޑެމިކްގެ ފަހުން ރާއްޖެ ހުޅުވާލި ފަހުން އިންޑިއާ އިން ޓޫރިސްޓުން އެބަ އާދެ،" ރިފްއަތު ވިދާޅުވި އެވެ.
ޓޫރިޒަމް ޓްރެންޑު ބަދަލު ވެއްޖެ އެވެ. ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ހުޅުވުމާއެކު މިހާރު ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މާހިރުންގެ ނަޒަރުގައި ރާއްޖޭގެ ޓޫރިޒަމް އިހު ހުރިހާލަތަށް އަންނާނީ މި އަހަރުގެ ޓޫރިޒަމްގެ މައި ސީޒަންގަ އެވެ.