ރާއްޖޭގެ އިކޮނޮމީގެ މައިބަދައަކީ ޓޫރިޒަމް އެވެ. އެހެންވެ އިކޮނޮމީ "ރޮއްވާލުން" ނުވަތަ "ހެއްވާލުން" ބިނާވެފައި އޮންނަނީ މި ސިނާއަތަށް ލިބޭ ތަދުގެ މައްޗަށެވެ. ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރީމަ ފެނުނީ އެކަމެވެ. އެންމެ ޓޫރިސްޓެއް ނައިސް މުޅި ރާއްޖެ ގާތްގަނޑަކަށް ބަނޑަށް ޖެހުމާ ގާތަށް ގެންދިޔަ އެވެ. އެކަމަކު ބޯޑަރު ހުޅުވުމާއެކު އިކޮނޮމީ އަށް ކުރިމަތިވި މި ހައިހޫނުކަން މަޑުމަޑުން ފިލަން ފެށި އެވެ. މިދިޔަ އަހަރު ނިންމާލީ ބައި މިލިއަން ޓޫރިސްޓުންނާއެކުގަ އެވެ. މިއީ އުންމީދެއްގެ ގޮތުބައި ބަލައި ސަރުކާރުން ވަނީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ނުވަތަ 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ކަނޑައަޅާފަ އެވެ.
ރާއްޖޭގެ އިކޮނޮމީގެ މައިބަދައަކީ ޓޫރިޒަމް އެވެ. އެހެންވެ އިކޮނޮމީ "ރޮއްވާލުން" ނުވަތަ "ހެއްވާލުން" ބިނާވެފައި އޮންނަނީ މި ސިނާއަތަށް ލިބޭ ތަދުގެ މައްޗަށެވެ. ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރީމަ ފެނުނީ އެކަމެވެ. އެންމެ ޓޫރިސްޓެއް ނައިސް މުޅި ރާއްޖެ ގާތްގަނޑަކަށް ބަނޑަށް ޖެހުމާ ގާތަށް ގެންދިޔަ އެވެ. އެކަމަކު ބޯޑަރު ހުޅުވުމާއެކު އިކޮނޮމީ އަށް ކުރިމަތިވި މި ހައިހޫނުކަން މަޑުމަޑުން ފިލަން ފެށި އެވެ. މިދިޔަ އަހަރު ނިންމާލީ ބައި މިލިއަން ޓޫރިސްޓުންނާއެކުގަ އެވެ. މިއީ އުންމީދެއްގެ ގޮތުބައި ބަލައި ސަރުކާރުން ވަނީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ނުވަތަ 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ކަނޑައަޅާފަ އެވެ.
މި އަހަރު އެއް މިލިއަން ހަމަ ކުރަން ކިހާ މަސައްކަތެއް ކުރަން އެބައޮތް ހެއްޔެވެ؟ މިކަމުގައި ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟ އެއް މިލިއަން ހަމަވާނަމަ ދުވާލަކު ކިތަށް މީހުން ގެންނަން ޖެހޭނެ ހެއްޔެވެ؟ މިއަށްވުރެ މައްޗަށް 1.5 މިލިއަން ޓޫރިސްޓުން ހަމަ ކުރެވިދާނެ ހެއްޔެވެ؟ އިންޑަސްޓްރީގެ ވިސްނުމަކީ ކޮބައި ހެއްޔެވެ؟
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާގައި އޮފީސް ހުޅުވައިގެން، ރާއްޖޭގެ އެނދު ވިއްކާ ރިސޯޓް ލައިފްގެ ވެރިޔާ، މުހައްމަދު ޝާޒް ވަލީދު ގަބޫލުކުރައްވާ ގޮތުގައި މިކަންވާނީ ސަރުކާރުން މިކަން ކުރަން އުޅެފިނަމަ އެވެ. ސުވާލަކީ ސަރުކާރުން ކިހާ ވަރަށް އުޅޭ ހެއްޔެވެ؟
"މިއީ ވަރަށް އެފަޓް. މީހުން ކިތަންމެހާވެސް އަންނަން އެބަތިބި. ބޭނުންވަނީ ސަރުކާރުން ހިތްވަރެއް،" ވަލީދު ވިދާޅުވި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ބަލާއިރު ރާއްޖެ އަށް 515،325 އައުމަކީ އުފަލެކެވެ. ނަމަވެސް މި އަދަދުން ގުނާނަމަ ބާކީ އޮތް ހަ މަސްތެރޭ އެންމެ މަދުވެގެން އިތުރު ބައި މިލިއަން ޓޫރިސްޓުން ހަމަކޮށްގެން ނޫނީ ސަރުކާރުން ބުނި އަދަދެއް ނުލިބޭނެ އެވެ. ސަރުކާރުން ކިޔަމުންދާ ނަމްބަރު ތަކަށް ބަލާއިރު ފުރަތަމަ ބުނި މި އަހަރު އަންނާނީ 800،000 ޓޫރިސްޓުންނެވެ. ނަމަވެސް ފަހުން ނަމްބަރު މަތިކޮށް އެއް މިލިއަން ފަހަނައަޅައި ގޮސް 1.5 މިލިއަން އަންނާނެ ކަމަށް ބުނެފައިވެ އެވެ.
އެއް މިލިއަން ނޫނީ 1.5 މިލިއަން ޓޫރިސްޓުން ގެންނަން "ޑެއިލީ އެރައިވަލް" ކިހާ ހިސާބަކަށް ގެންނަން ޖެހޭ ހެއްޔެވެ؟ ޑެއިލީ އެރައިވަލް މަތިވާނެކަމުގެ އުންމީދަކީ ކޮބައި ހެއްޔެވެ؟
ރާއްޖެ އަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިރު ހިއްސާގެ ބައެއް ކްރޫޒްލައިން ތަކުން އައި މީހުން ހިމަނައިގެންނެވެ. އެކަމަކު މިހާރު ކްރޫޒްލައިނެއް ނާދެ އެވެ. މިހާރު ޓޫރިސްޓުން އަންނަން އޮތީ ހަމައެކަނި ވައިގެ މަގެވެ. އަދި ރެކޯޑް ހެދި އަހަރު ރާއްޖެ އަށް ގިނައިން ޓޫރިސްޓުން އައި ރާއްޖޭގެ އެއްވަނަ މާކެޓު ޗައިނާއިން ގިނަ ބަޔަކު އައެވެ. އެކަނަކު މިހާރު ޗައިނާއެއް ނެތެވެ. އަދި މިހާރު ރާއްޖޭ ޓޫރިޒަމްގެ މައިގަނޑު 10 މާކެޓެއްވެސް ނެތެވެ. މީގެ ބަދަލުގައި މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ މެދުތެރޭ އަދި އީސްޓަން ޔޫރަޕާއި ދެކުނު އޭޝިއާ އަދި އެފްރިކާ އަދި މެދުއިރުމަތިންނެވެ. ހިސާބުތަކަށް ބަލާނަމަ މެދުތެރޭ ޔޫރަޕުން މިހާތަނަށް 228,511 ޓޫރިސްޓުން އައިއިރު 258.9 ޕަސެންޓް އިތުރުވެފައިވެ އެވެ.
މިހާރު ޓޫރިޒަމްގެ އޮފް ސީޒަން ގުނަމުންދާއިރު މިއީ އެންމެ ޓޫރިޒަމް ރަނގަޅުވާނެ ކަމަށް އުންމީދު ކުރި ދުވަސް ވަރެވެ. ހާއްސަކޮށް އިނގިރޭސި މާކެޓުން ބްރިޓިޝް އެއާވޭސްގެ ފްލައިޓް ތަކެއް އިތުރުވާނެ ކަމަށް ކުރިން އުންމީދު ކުރެވުނެވެ. ނަމަވެސް ރާއްޖެ އަށް އިންޑިއާގައި އުފެދުނު ކޮވިޑް-19 ގެ ވޭރިއަންޓް ވަދެ، ހުރިހާކަމެއް އެފުއް މިފުށަށް ޖެހިގެން ދިޔައީ އެވެ.
ނަމަވެސް ޓޫރިޒަމް އަލުން ރަނގަޅުވެ، ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 1،500 ގައި ހުރުމަށްފަހު 2،000 އަށް މަތިވާތަން ފެނުނަކީ އުންމީދީ ނިޝާނެއްގެ ގޮތުބައި ބެލެވިދާނެ އެވެ.
އެކަމަކު މިވަރު ފުއްދޭކަށް ނެތެވެ؛ މި މަސް ހިމަނައިގެން ބާކީއޮތް ހަ މަސް ދުވަހަށް ބަލާނަމަ ދުވާލަކު އެންމެ މަދުވެގެން 2،800 ނޫނީ 3،000 ޓޫރިސްޓުން އައިސްގެން ނޫނީ އިތުރު ބައި މިލިއަން ޓޫރިސްޓުން ހަމައެއް ނުވާނެ އެވެ. އިތުރު 500،000 މީހުން ހަމަކޮށްގެން ނޫން ގޮތަކަށް އެއް މިލިއަނެއް ހަމައެއް ނުކުރެވޭނެ އެވެ. އަދި އެއް މިލިއަން ފަހަނަ އަޅައި ގޮސް 1.5 މިލިއަން ޓޫރިސްޓުން ހަމަ ކުރާނަމަ އެންމެ މަދުވެގެން ދުވާހަކު އަންނަ ޓޫރިސްޓުންގެ އަދަދު 3،800 ނޫނީ 4،000 އަށް ޑެއިލީ އެރައިވަލް މަތިވާން ޖެހެ އެވެ. އެ އަދަދަށް ޑެއިލީ އެރައިވަލް ހަމަ ކުރެވިއްޖެނަމަ 1.5 މިލިއަން ޓޫރިސްޓުން ހަމަވެދާނެ އެވެ. ސުވާލަކީ ކުރިއަށް އޮތް ހަ މަހުގެ ކޮންމެ ދުވަހަކު 4،000 މީހުން ގެނެވިދާނެ ހެއްޔެވެ؟
ރާއްޖެ މާކެޓު ކުރުމުގެ ޒިންމާ އުފުލާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަވަސް އަށް ވިދާޅުވި ގޮތުގައި މިހާރު ހިންގާ މާކެޓިން ހަރަކާތްތަކަށް ބަލާނަމަ އެއް މިލިއަން ނޫނީ އެއަށްވުރެ ގިނަ އިން ޓޫރިސްޓުން އަންނާނެ ކަމަށް އުންމީދެއް އެބައޮތެވެ.
"މިހެން ބުންޏަށް އެއް މިލިއަން ހަމަވުން އޮތީ ކޮވިޑުގެ ހާލަތު އޮންނަ ގޮތަކުން. ދުނިޔެ އާއި ރާއްޖޭގެ ހާލަތަށް ބަލާފަ. މިހާރު އޮތް ގޮތަށް އޮވެ އިތުރު ސާޖެއް ނައިސްފިނަމަ މި ގޯލަށް ރީޗްވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
ރާއްޖޭން އެއް މިލިއަން ހަމަ ކުރަން ފޮނި އުންމީދު ކުރާ މައިގަނޑު އެއް ސަބަބަކީ މިހާރުގެ މައިގަނޑު ޓޫރިޒަމް މާކެޓު ކަމަށްވާ އިންޑިއާ ހުޅުވުން ކަމަށްވެދާނެ އެވެ. ނަމަވެސް މިމަހުގެ 15 އިން ފެށިގެން މުޅި ރާއްޖެ އަށް އެ މާކެޓު ހުޅުވާލުމާއެކު ރާއްޖޭގެ އެހެން ޓޫރިޒަމް މާކެޓުތަކަށް އަސަރެއްކޮށް ނަމްބަރު ދަށްވެދާނެ ހެއްޔެވެ؟ ނޫނީ އިންޑިއާގައި ކޮޮވިޑުގެ ހާލަތު އޮތް ގޮތުން ހުޅުވާލައިގެން އަންނަ ޓޫރިސްޓުންނާއެކު އިންޑިއަން ކޮވިޑުގެ އާވޭރިއަންޓް ރާއްޖެއަށް އެތެރެވެ "ތިންވަނަ ރާޅެއް" ގެ ބިރު ނެތް ހެއްޔެވެ؟ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވުމާމެދު އިންޑަސްޓްރީން ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ؟
އިންޑަސްޓްރީން ދެކެނީ ކިހިނެއް؟
އިނަ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ ޔޫރޯއާއެކު ކޮވިޑުގެ ހާލަތު ޔޫރަޕުގައި ވެސް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އަދި އިންޑިއާ މާކެޓު ހުޅުވުމުން ޔޫރަޕުން އަންނަ ބައެއް މީހުން ފަސްޖެހުމެއް އޮންނަކަން އޭނާ އަށް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަންދާޒާއަކީ ރަފްލީ 800،000 ވަރު ހަމަވާނެ ކަމަށް. މިކަންވާނީ އެޗްޕީއޭގެ ގައިޑްލައިންތައް ވަކި ބަޔަކަށް ނުބަލައި ރަނގަޅަށް ފޮލޯކޮށްގެން. ވަކި އެމްބަސީ އަކުން ގުޅާފަ ބުނީމަ ކަންކަން ކޮށްދޭ އުސޫލު އޮވެގެން ޓާކެޓަށް ރީޗެއް ނުވާނެ،" ފިރާގު ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ އެއް ވިޔަފާރިވެރިޔާ ކަމަށްވާ ކާނި ކުންފުނީގެ ވެރިޔާ، އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި ޓޫރިސްޓުން އެންމެ ގިނައިން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހާއި މާޗް މަހާ ދެމެދު އެވެ. މި ތިން މަސް ނުހިމަނައި މިހާރު އަންނަ ގޮތަށް ބަލާނަމަ އެއް މިލިއަން ޓޫރިސްޓުން ހަމަވުމުގެ އުންމީދު އޭނާ އަށް ކުޑަ އެވެ.
"ލަފާ ކުރެވެނީ 800،000 ނޫނީ 900،000 ހަމަ ކުރެވިދާނެ ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.
ޕޮޒިޓިވް ނިޝާންތަކެއް ފެނޭ
މިހާރު ޓޫރިޒަމްގެ އެރައިވަލްގެ ކުރިމަގަށް ބަލާއިރު މިވަގުތު ރާއްޖެއާމެދު ޕޮޒިޓިވް ނިޝާންތަކެއް އެބަ ފެނެ އެވެ. އެއް ކަމަކީ ވެކްސިން ރޯލް އައުޓް އެވެ. "ވެކްސިން އިންޑެސްޓް" އަކީ މިހާރު ބައެއް މީހުން ޓްރެވަލް ކުރާއިރު ބަލާ އެއްޗެކެވެ.
މިހާރު ރާއްޖޭގެ ހާލަތުން ބަލާނަމަ މިދިޔަ މަހުގެ ނިޔަލަށް ފުރަތަ ޑޯޒް 316,847 މީހުން ޖަހައިފި އެވެ. އަދި ދެވަނަ ޑޯޒް 190,227 މީހުން ފުރިހަމަކޮށްފި އެވެ. މީގެ އިތުރުން ޓޫރިސްޓުންނަށް ހިދުމަތްދޭ މުވައްޒަފުންގެ 71 ޕަސެންޓު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ފުރަތަމަ ޑޯޒް 91 ޕަސެންޓް މީހުން ޖަހައިފި އެވެ. މީގެ އިތުރުން ބަޖެޓު ޓޫރިޒަމްގެ ނަމްބަރުގެ ބޮޑުބައެއް އަންނަ މާފުށި ފަދަ ރަށްރަށުގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައިފި އެވެ. މިއީ ޕޮޒިޓިވް ނިޝާނެވެ. އަނެއްކޮޅުން ޕޮޒިޓިވް ނިޝާނަކީ ރާއްޖެ އާއި ގައުމުތަކާ ދެމެދު އޮތް "ކަނެކްޓިވިޓީ" ރަނގަޅު ވަމުން ދިއުމެވެ. ޑައިރެކްޓް ފްލައިޓްތައް އިތުރު ވަމުން ދިއުމެވެ.
އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވިދާޅުވި ގޮތުގައި ސްޕެއިންގެ ގައުމީ އެއާލައިން ފެށުމާއި އެހެން އެއާލައިންތައް އަނާނެތީ ޓޫރިސްޓުންގެ އަދަދު އޮކްޓޫބަރު މަހުން ފެށިގެން މަތިވާން ފަށާނެ ކަމަށް ބެލެވެ އެވެ.
"ކުރިން ޑައިރެކްޓް ފްލައިޓް ނާޅާ ތަންތަނުން މިހާރު އަންނަނީ. ޔޫރަޕު ވެސް ހުޅުވިގެންދާއިރު ރާއްޖެ ދުނިޔޭގައި ޕޮޕިއުލާ ޑެސްޓިނޭޝެއްގެ ގޮތުގައި އަންނަން ބޭނުންވާ މީހަކަށް ކޮންފިޑެންސް ބޫސްޓްވެފަ މިއޮތީ،" ތޮއްޔިބު ވިދާޅުވި އެވެ.
މިހާރު ޓޫރިޒަމްގެ އާ ޓްރެންޑަކީ "ކުއްލި ބުކިން" އެވެ. ހަމަ ކޮވިޑުގެ ނަމްބަރު ދަށްވާއިރަށް ގައުމުން ފުރުމެވެ. ރާއްޖޭގެ ބޮޑެތި ހޮޓާތަކަށް ބަލާނަމަ މިދިޔަ މަހުގެ ކުރީކޮޅު 17 ޕަސެންޓުގައި އޮކިއުޕެންސީ ހުރެފަ ކުއްލިއަކަށް މަހުގެ ފަހުކޮޅު 53 ޕަސެންޓަށް އުފުލިފަ އެބަހުއްޓެވެ. އެހެންވީމަ ކޮވިޑުގެ ރާޅު ދަމާލާ ވަގުތު ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ އައުމަކީ ވެސް ވެދާނެ ގޮތެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.- މިއީ އުންމީދެކެވެ.
ސްޓޭ މަތިވުމަކީ އުފަލެއް
"ހެޔޮކޮށް" ގިނަ ކަންތައްތަކެއް ވިޔަސް، އިންޑަސްޓްރީގެ ގިނަ ބޭފުޅުންގެ ނަޒަރުގައި އެއް މިލިއަން ހަމަވާނީ ހަމަ ނޭވާ ކޮޅުންނެވެ. ނުވަތަ ހަމަނުވެ ހަމަ ގާތް ގާތްކުރާ ނަމްބަރެއް ލިބޭނެ އެވެ. ޓޫރިސްޓު ނަމްބަރު މިވަރަށް ގާތް ކުރިނަމަވެސް ރާއްޖެ އަށް މިހާލަތަށް ބަލާއިރު ގޯހެއްނެތެވެ. އެއީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭ ނުވަތަ ތިބޭ ދުވަހުގެ އަަދަދު މަތިވުމެވެ. ކޮވިޑުގެ ކުރީގައި ހަތް ދުވަހު ތިބި ނަމަވެސް މިހާރުގެ މި އަދަދު ވަނީ ނުވަ ދުވަހަށް ބަދަލުވެފަ އެވެ. މި ކަމަކީ ދައުލަތަށް ލިބޭ އާމްދަނީ މަތިވެގެންދާނެ ކަމެކެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި އަހަރު ޓެކުހުގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށްވުރެ އިތުރުވަމުން އެބަދެ އެވެ.
"ޓެކުހުގެ އާމްދަނީ އިތުރުވަމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުން. ދެހާސް ނަވާރަ ވަނަ އަހަރު އެވްރެޖުކޮށް ހަ ދުވަސް ސްޓޭ ކުރި ނަމަވެސް މި އަހަރުގެ އެވްރެޖު ސްޓޭ އުޅެނީ 8.9 ދުވަހުގައި،" އަމީރު ވިދާޅުވި އެވެ.
ޓޫރިސްޓުންގެ ނަމްބަރު މަތިވުމާއި ދަށްވުން އޮތީ ކޮވިޑުގެ ހާލަތަށެވެ. ކޮންމެ ގޮތެއްގައި ބެލިނަމަވެސް މި އަހަރު މަދުވެގެން އަށް ލައްކަ މީހުން އަންނާނެ އެވެ. އަދި "ބެސްޓް ސިނާރިއޯ" އިން ބަލާނަމަ އެއް މިލިއަން ކްރޮސްކޮށް 1.5 މިލިއަން މީހުން އައުންގާތެވެ.