ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންފޮގްރެފިކް

އިންފޮގްރެފިކް: ޓޫރިޒަމްގައި ކުރިއަށް އުންމީދީ ދުވަސްތައް

ކޮވިޑުގެ ބަލާއާފާތާއެކު ވިވިހީގެ މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުންވީ މިހާތަނަށް ދިވެހިންނަށް ކުރިމަތިވި އެއް ބޮޑު ދައްޗަށެވެ. އެކަންވީ ބޮޑު ވޭނަކަށެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އެއް ސަބަބަކީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ދިރިއުޅާއި ޓޫރިޒަމް ގުޅިފައިވުމެވެ. އޭގެ ފަހުން އެ އަހަރުގެ ޖުލައިގެ މެދުން ބޯޑަރު ހުޅުވާލުމާއެކު މަޑުމަޑުން ފިރުކެމުން ދެތުވެ ރާއްޖެ ހިނގައި ގަންނަން ފެށި އެވެ. އަދި މި އަހަރަށް އަލިވިލުނުއިރު ކޮވިޑް ބައްޔަށް ވެކްސިނެއް ލިބި ޖަހަން ފެށުމާއެކު ބަލިން ސަލާމަތް ވެދާނެކަމުގެ އުންމީދުތަކެއް އާވި އެވެ. އެ ދުވަސް ފަސްދީ މިހާރަށް ބަލާއިރު މިހާރު ޓޫރިޒަމުން ފެންނަ ތަފާތުތަކެއް އެބަހުއްޓެވެ. ޓޫރިޒަމް ނަމްބަރުން މިހާރު ވާހަކަތަކެއް ބުނެދެ އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރުން ފެށިގެން 2019 ވަނަ އަހަރު ޓޫރިޒަމް އޮތް ހާލަތަށް ބެޑްނައިޓްސް [ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު] އަންނާނެ. އެހެންވެ އުންމީދު ކުރަނީ ފުރިހަމަ ޕްރީ ރިކަވަރީއަކަށް އަންނަ އަހަރު ދާނެ ކަމަށް،" ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ގިނަ ދިރާސާތައް ހުރީ ވެސް މިގޮތަކަށެވެ. މިގޮތުން މިއީ ވެސް އެއް ދިރާސާ އެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޓޫރިޒަމް ކުރިއަށް ލަފާކޮށް ހަދާފައިވާ ދިރާސާ އިން ދެއްކި ގޮތުގައި އަންނަ އަހަރު ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތުގައި ރާއްޖެ އަށް 1.1 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. އަދި އަދި މި ހާލަތުގައި ޓޫރިސްޓުން ރާއްޖޭގައި އަށް މިލިއަން ރޭ ހޭދަ ކުރާނެ އެވެ. އަދި އެންމެ ރަނގަޅު ހާލަތުގައި އަންނާނެ ކަމަށް އަންދާޒާ ކުރަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ.

މިފަދަ ދިރާސާތަކުން ކޮންމެ ގޮތަކަށް ހިސާބު ޖެހި ނަމަވެސް، މިހާތަނަށް ދުނިޔެ ކޮށްފައިވާ ތަޖުރިބާއަކީ ޓޫރިޒަމުގެ ކުރިއެރުމާއި ދަށްވުން ގުޅިފައި އޮތީ ކޮވިޑް-19 ގެ ބައްޔަށް އަންނަ ބަދަލުގެ ސަބަބުންނެވެ. މި ބަލީގެ ރާޅުތައް އުފެދި ނަމްބަރުތައް މަތިވެ ދަށްވާ މިން ވަރެއްގެ މައްޗަށް ބަލައިގެން ކެމެވެ. މިހާރުގެ ހާލަތަށް ބަލާނަމަ ދުނިޔޭގައި މި ބަލީގެ ވެކްސިން ޖަހަމުންދާ މިންވަރެއްގެ މައްޗަށެވެ. މިހެން ބުނަންޖެހޭ އެއް ސަބަބަކީ މި ހާލަތާ ގުޅިގެން ހެދި ގިނަ ދިރާސާތަކުގެ ބޮޑުބައި ދިމާވެފައި ނެތުމެވެ. ނަމަވެސް މިހާރު އޮތް އުންމީދަކީ ދުނިޔެ ހަލުވިކަމާއެކު ވެކްސިން ޖަހަމުން ދިއުމެވެ. ވެކްސިނޭޝަން ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ މަދުވެގެން އެއް ޑޯޒް ފުރިހަމަ ކުރި ދުނިޔޭގެ އާބާދީ މިހާރު އުޅެނީ 46.3 ޕަސެންޓް ފަހަނަ އަޅާފަ އެވެ. މިއީ ވަކި ޑޯޒުން ބަލާނަމަ 6.44 ބިލިއަން ޑޯޒެވެ. މާނައަކީ ދުނިޔޭގެ އާބާދީގެ 50 ޕަސެންޓަށް މިހާރު އޮންނާނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަ އެވެ.

ރާއްޖޭގައި ވެކްސިންގެ ހާލަތު އޮތް ގޮތަށް ބަލާނަމަ ރާއްޖޭން ފެންނަނީ އުންމީދީ މަންޒަރެވެ. ރާއްޖޭގެ ފަސް ލައްކަ އާބާދީގެ ތެރެއިން 392،887 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި ދެ ޑޯޒް ފުރިހަމަ ކުރި އާބާދީ އުޅެނީ 344،123 ގަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ސިނާއަތަށް ބަލާނަމަ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓް މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ނިސްބަތަކީ 93 ޕަސެންޓެވެ. އެހެންވެ މިއީ ރާއްޖެ އަންނަން ތިބި މީހުންނަށް ރާއްޖެއާމެދު އުންމީދު އާވާނެ ކަމެކެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ދެވަނަ ޑޯޒް ޖެހި މުވައްޒަފުންގެ އަދަދު 99 ޕަސެންޓަށް ނުގޮސްގެން އުޅެނީ މުވައްޒަފުން ރިސޯޓުތަކުން ބަދަލުވާތީ އެވެ.

"ރިސޯޓްތަކުގެ މުވައްޒަފުން ވަރަށް އަވަހަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަދަލުވޭ. އެހެންވެ ޑޯޒް އެއްކޮށް ފުރިހަމަނުވެ ވަގުތު ކޮޅެއް ނަގަނީ،" މައުސޫމް ވިދާޅުވި އެވެ.

ރިސޯޓްތަކުގެ މުވައްޒަފުން ވަރަށް އަވަހަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަދަލުވޭ. އެހެންވެ ޑޯޒް އެއްކޮށް ފުރިހަމަނުވެ ވަގުތު ކޮޅެއް ނަގަނީ
ޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު

ވެކްސިންގެ ހާލަތުގެ މައްޗަށް ބަލައި މިހާރު ލިބިފައިހުރި ތަފާސް ހިސާބު ތަކުން އެއްޗެއް ފުރާނާލާއިރު ފެންނަނީ އުފާވެރި މަންޒަރެކެވެ. މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު ރާއްޖެ އަށް މިހާރު އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް އުޅެނީ 890,363 ގަ އެވެ. މި އަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި 1,274,801 މިލިއަން މީހުންނަށްވުރެ 30.2 ޕަސެންޓް ދަށް އަދަދެއް ނަމަވެސް އުންމީދު ކުރުވަނިވި މަންޒަރު ތަކެއް މި ހިސާބުތަކުން އެބަ ދެނެ އެވެ.

އެއް ކަމަކީ ޓޫރިސްޓުންގެ "ޑެއިލީ އެރައިވަލަސް" ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު މަތިވަމުން ދިއުމެވެ. މި އަހަރުގެ ޖެނުއަރީ މަހު ޑެއިލީ އެރައިވަލްސް 2,971 ގައި ހުރި ނަމަވެސް މިހާރު މި އަދަދު ވަނީ 3,900 އަށް ބަދަލުވެފަ އެވެ. ޖުމްލަކޮށް ބަލާނަމަ އެވްރެޖު އެރައިވަލްސް މިހާރު ހުރީ 3,203 ގަ އެވެ. އަދި ހަގީގީ ޓޫރިޒަމްގެ މަންފާ ލިބޭ، ދުވާލަކު ޓޫރިސްޓަކު ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ "ޑިއުރޭޝަން އޮފް ސްޓޭ" ވެސް ހުރީ ކޮވިޑުގެ ކުރިއާ އަޅާ ބަލާނަނަ ދިގު މުއްދަތެއްގަ އެވެ. ކުރިން ހަތް ރޭ ވަރު ރާއްޖޭގައި މީހުން މަޑު ކުރި ނަމަވެސް މިހާރު މި އަދަދު ވަނީ 9.0 ދުވަހަށް އިތުރު ވެފަ އެވެ. މިއީ އޮތް އުފަލެކެވެ.

މިވަގުތު ޓޫރިސްޓުން އެންމެ ގިނައިން އަންނަނީ ރާއްޖެއާ އެންމެ "ޝޯޓްހޯލް ޑެސްޓިނޭޝަނެއް" ގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިއާއިންނެވެ. ގާތްގަނޑަކަށް ދެ ގަޑިއިރުން ފްލައިޓެއްގައި ދެވޭ ރާސްތާގައި އޮންނަ އެ ގައުމުން މިހާތަނަށް 204,530 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނާގައި އޮތް ރަޝިއާ އިން 174,095 ޓޫރިސްޓުން އަދި ޖަރުމަނުން 55,707 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތަފާސް ހިސާބުތަކުން ފެންނަނީ ކޮވިޑަށްފަހު ބޯޑަރު ހުޅުވުމުން ޓޫރިސްޓުން އަންނަ ގައުމުތައް ބަދަލުވުމަށް ފަހު ރާއްޖޭގެ "އޯލްޑް ސްޓައިލަ" ށް މަންޒިލްތައް ވެއްޓެމުންދާ މަންޒަރެވެ. ރާއްޖެއަށް 2019 ވަނަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތިން ވަނާގައި އޮތް ޖަރުމަނުވިލާތް މަޑުމަޑުން އަނެއްކާ ވެސް ތިން ވަނައަށް އައުމަކީ ވަރަށް ޕޮޒިޓިވް ސައިން އެކެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށުން އައި އިޓަލީއާއި އިނގިރޭސިވިލާތުގެ ފެހި ލިސްޓަށް ރާއްޖެ އައުމަކީ އިތުރަށް ޓޫރިޒަމް ބޫސްޓް ވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

ޓޫރިޒަމް ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި އިޓަލީއާއި އިނގިރޭސިވިލާތް "ރީސްޓާޓް" ވުމަކީ ބޮޑު ފައިދާއެއް ރާއްޖެއަށް ކުރާނެ ކަމެކެވެ. ހާއްސަކޮށް ކުރިމަތީގައި ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ "ޑަބްލިއުޓީއެމް" އޮތްއިރު މި ފެއާގައި ރާއްޖެ އިސްތިހާރުވުން އިތުރުވެ ރާއްޖޭގެ ވާހަކަ ދެއްކުން ގިނަ ވާނެ އެވެ. މިއީ ވަރަށް ޕޮޒިޓިވް ސައިން އެކެވެ.

މިހާރު ތަފާސް ހިސާބުތަކުން ފެންނަ އަނެއް ހަގީގަތަކީ ރާއްޖެއާ ވާދަވެރި މަންޒިލްތަކުގެ ޓޫރިޒަމްވެސް ރީސްޓާޓް ވަމުންދާ ތަކެވެ. މީގެ އިތުރުން މި ސަރަހައްދުގެ އެންމެ ގިނަ ޓްރާންސިޓް ފްލައިޓް ޖައްސާ ސްރީލަންކާ އަލުން ހުޅުވުމަކީ ވެސް ރާއްޖެއަށް ފައިދާ ކުރާނެ ކަމެކެވެ. މިހުރިހާ ކަމަކާއެކު އަަންނަ އަހަރު މިހާރު އަންދާޒާކުރި އަދަދަށްވުރެ ގިނައިން ޓޫރިސްޓުން އައުން މިއީ ވުން ގާތް ކަމެކެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފަހުކޮޅު ޗައިނާގެ ބީޖިންގައި އޮންނަ ވިންޓަ އޮލިމްޕިކްސް ކުޅިވަރި މުބާރާތަށްފަހު ޗައިނާ ދުނިޔެއަށް ހުޅުވާލާނެ ކަމަށް އުންމީދު ކުރެވެ އެވެ. އެހެންވެއްޖެނަމަ އިތުުރު ބޮޑު ޓޫރިސްޓު ޕޮޕިއުލޭޝަނެއް ރާއްޖެއަށް އަންނާނެ އެވެ. މިހުރިހާ ކަމަކާއެކު ކުރިއަށް އުންމީދީ ނިޝާންތަކެއް ފެންނަ ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.