ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ރާއްޖެ ހަމަނޭވާ ލައި ރިސޯޓްތައް ފުރެނީ

ވިހި ހަފުތާ ކުރީގެ ވާހަކަ އެވެ؛ ރާއްޖޭގެ މަޝްހޫރު ރިސޯޓު އޯނަރަކާ ގުޅާލުމުން ވިދާޅުވީ ކަންކަން ފެންނަނީ ވަރަށް ގޯސް ކޮށް ކަމަށެވެ. ބުކިންތައް ލިބުނަސް ކެންސަލްވުން އިންތިހާއަށް މަތިވުމުން ހުންނެވީ ހާސްކަމުގަ އެވެ. މިއީ ބޯޑަރު ބަންދު ކޮށްފައި ބޭއްވުމަށްފަހު ޖުލައި 15 ގައި ރާއްޖެ ހުޅުވުމާއެކު ޖެހިގެން އައި އޮގަސްޓް މަހު ވާހަކަ އެކެވެ. އޭރު މުޅި އިންޑަސްޓްރީއަށް ޓޫރިޒަމް ރަނގަޅުވާނެ ކަމުގެ "ހުޅުކޮޅެއް" ފެނުނީ މަދު ދިމާއަކުންނެވެ. ޔޫރަޕު އޮތީ ހާލުގަ އެވެ. އެކަމަކު އޭގެ 20 ހަފުތާ ނުވަތަ ހަތަރު މަސް ފަހުން މަންޒަރު ބަދަލު ވެއްޖެ އެވެ. މިހާރު ވަށައިގެން ފެންނަނީ އުންމީދެވެ. ރާއްޖެ އަށް އަންނަ ގިނަ ބަޔަކު ފޮށި ތަންމަތި ބަންނަމުންދާ ކަމުގެ އިހުސާސް ވާން ފަށައިފި އެވެ. މަންޒަރު ބަދަލުވެ، ރިސޯޓުތައް ފުރިދާނެ ކަމުގެ ނިޝާން ފެންނަން ފަށައި އެވެ.

"ވަރަށް ރަނގަޅަށް މިހާރު ކުރިމަގު ދައްކަނީ. އިރާދަ ކުރެއްވިއްޔާ މި މަހު ރިސޯޓު އެއްކޮށް ފުރޭނެ. ވަރަށް ރަނގަޅަށް ބުކިން ވެސް އެބަލިބޭ، މީހުން އަންނަ އަދަދު އިތުރު،" މާލެ އަތޮޅުގައި ހިންގާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ރިސޯޓުގެ އޯނަރަކު އިއްޔެ ވިދާޅުވި އެވެ. އޭނާ ހުންނެވީ އުންމީދުގަ އެވެ.

ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑު ޕްރެޝަރަކާއެކުގަ އެވެ. ސަރުކާރުން އޭރުވެސް ހިފީ ލަސް ކުރާށެވެ. ޖުލައި 15 އިން އެ މަހުގެ ނިޔަލަށް އައިސްފައި ވަނީ އެންމެ 1،500 ޓޫރިސްޓުންނެވެ. އޭރު ޖެއްސީ ހަމައެކަނި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އަދި ސްރީލަންކަން އެއާލައިން އެކަންޏެވެ. އެކަމަކު މަންޒަރު ބަދަލުވާން ފެށީ ޕްރައިވެޓް ސެކްޓާއާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން ދުނިޔޭގެ ބޮޑެތި އެއާލައިންތައް ރާއްޖެ އަންނަން ފެށުމުންނެވެ. މިހާރު ދުނިޔޭގެ އެކި ހިސާބު ތަކުން 25 އެއާލައިނެއް ރާއްޖެއަށް ދަތުރު ކުރަން ފަށައިފި އެވެ. އަދި ގިނަ ފްލައިޓްތައް ފްރިކުއެންސީ ވެސް އިތުރުކޮށް، ބޯޓުގެ ސައިޒު ވެސް ބޮޑުކޮށްފި އެވެ.

މީގެ އިތުރުން މަހުޖަނުންނާއެކު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުގެ އަދަދު ވެސް އިތުރު ވެއްޖެ އެވެ. ރާއްޖޭގައި އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ ނ. އަތޮޅުގައި ހަދާފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އެކަނި ބެލި ނަމަވެސް މި މަހުގެ ތެރޭގައި 40 ޕްރައިވެޓް ޖެޓް ޖައްސާނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ޖެޓް ޕާކިން ޖާގަ ވެސް ފުރިގެން ދާނެ ކަމަށް މިހާރު ވަނީ ބެލިފަ އެވެ.

މި ކުރިއެރުމާއެކު ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 82،000 އަށް ވުރެ ޓޫރިސްޓުން އައިސް، ރާއްޖެއަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ 465,749 އަށް އަރާފަ އެވެ. އެހެންވެ ބޯޑަރު ހުޅުވުމަށް ފަހު ގެންނަން ކަނޑައެޅި އެއްލައްކަ ޓޫރިސްޓުންގެ އަމާޒު ހާސިލްވެ، މި އަހަރުގެ ބައި މިލިއަން ޓޫރިސްޓުންގެ އަދަދު ފަހަނަ އަޅައިދާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ބައެއް ރިސޯޓުތަކުގެ އޮކިއުޕެންސީ 80 ޕަސެންޓުގައި

ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީއަށް ބަލާއިރު މިހާރު ހުރީ 60 ޕަސެންޓުން މަތީގަ އެވެ. ބައެއް ރިސޯޓުތައް 80 ޕަސެންޓުގައި ހުރިއިރު ބައެއް ޕްރައިވެޓް އައިލެންޑުތައް އެއްކޮށް ވަނީ ފުރިފަ އެވެ. ނުވަތަ ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭ ގިނަ ރިސޯޓުތައް އެއްކޮށް ފުރިގެން ދާނެ އެވެ.

މި މަހުގެ އެއްވަނަ ދުވަހު ހުޅުވި ފިލިތެޔޮ ރިސޯޓުގެ އެއް ޑިރެކްޓަރު ކަމަށްވާ މޫސާ ޝިޔާމް ވިދާޅުވި ގޮތުގައި މި މަހުގެ ކުރިއަށް އޮތްތަނުގައި އެ ރިސޯޓުގެ އޮކިއުޕެންސީ ވެސް 60 ޕަސެންޓަށް ވުރެ މަތި ވެގެން ދާނެ އެވެ. އަދި ކުރިއަށް ދައްކަނީ ވަރަށް އުންމީދީ މަންޒަރެކެވެ.

ރ. އަތޮޅުގައި ހިންގާ، ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޖިހާދު (ޖޭ) ވިދާޅުވި ގޮތުގައި ކުރިއަށް މުޅި ރާއްޖޭގެ ޓޫރިޒަމް ވެސް ދައްކަނީ ވަރަށް އުޖާލާކޮށެވެ.

"މިއީ ޓޫރިޒަމް އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތް. އިރާދުކުރެއްވިއްޔާ ނިއުއިޔާއާ ހަމައަށް ދާންވާ އިރަށް މުޅި ރާއްޖެ އެއްކޮށް ފުލުލް ވާނެ. އަޅުގަނޑުމެންގެ ރިސޯޓުގެ އޮކިއުޕެންސީ ވެސް ފެންނަނީ އެގޮތަށް. ވަރަށް ރަނގަޅަށް ދައްކަނީ،" ޖިހާދު ވިދާޅުވި އެވެ.

ރާއްޖޭގައި 10 ރިސޯޓު ހިންގާ، ދިވެހި އެންމެ ބޮޑު އެއް ހޮޓެލް ޗެއިން އިން ވާހަކަ ދެއްކި ސީނިއަ އޮފިޝަލަކު ރޭ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ވެސް ގާތްގަނޑަކަށް އޮކިއުޕެންސީ 80 ޕަސެންޓަށް މި މަހު އުފުލޭނެ އެވެ.

"ހުރިހާ ރިސޯޓެއްގެ އޮކިއުޕެންސީ ވެސް ފެންނަނީ ރަނގަޅަށް. އުންމީދަކީ ޖެނުއަރީ ކުރީކޮޅު ހިސާބު ހުރިހާ ރިސޯޓު ތަކެއް ވެސް އޯވަބުކް ވުން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ހުޅުވި ފަހުން އައި ޓޫރިސްޓުން

  • ޖުލައި (15 އިން 31 އަށް) 1,701
  • އޮގަސްޓް މަހު 7,628
  • ސެޕްޓެމްބަރު މަހު 9,538
  • އޮކްޓޫބަރު މަހު 21,515
  • ނޮވެމްބަރު މަހު 35,759
  • ޑިސެމްބަރު (1 އިން 4 އަށް) 6,761

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައި ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިން ނެވެ. މި އަހަރުގެ ޖެނުއަރީ މަހުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން 46,065 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ލޮކްޑައުނަށް ފަހު ބޯޑަރު ހުޅުވި ފަހުން ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އެ ގައުމުންނެވެ. މިއީ ސަޕްރައިޒް ނަތީޖާ އެވެ. ރާއްޖެއަށް ކުރިން ޓޫރިސްޓުން އަންނަ "ޓްރެޑިޝަނަލް މާކެޓް" ތަކުގެ ބަދަލުގައި އާ މާކެޓު ތަކެއް އުފަންވުމަކީ ޓޫރިޒަމަށް ދިރިގެން އަންނައިރު ކުރި މަގަށް ލިބިގެން ދާނެ އުންމީދެއްގެ ގޮތުގައި ޓޫރިޒަމް ސިނާއަތުން ދެކެ އެވެ.

ކުރިން މާކަބޮޑު ދިރުމެއް ނެތް މިސްރު މާކެޓާއި ބްރެޒިލް އަދި ކަޒަކިސްތާނު ފަދަ މާކެޓުތަކަށް މުޅިން އާ މާކެޓު ތަކެވެ. އެއީ ކުރިން މާބޮޑު ޕޮޓެންޝަލް އެއް ނެތް ގައުމު ތަކެވެ. އެ މާކެޓުތަކުން ކޮވިޑުގެ ހާލަތުގެ ކުރީގައި މީހުން އައި އަދަދަށް ވުރެ ގިނައިން އައިސްފައިވުމަކީ އާ މާކެޓު ތަކެއް އުފަންވުން ކަމަށް ބެލެވި ދާނެ އެވެ.

މި ހާލަތުގައި އެންމެ ފަހުން ދަތުރު ފެށި އެއާ ސީޝެލްސްގެ ސަބަބުން ވެސް އިތުރު މާކެޓެއް އުފެދިގެން ދާނެ އެވެ. މީގެ ސަބަބުން ދެކުނު އެފްރިކާ އާއި ފްރާންސުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް އުންމީދު ކުރެވެ އެވެ. މިއީ ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ މަންޒަރެއް ކަމަށް ވެސް ލަފާ ކުރެވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މި ކާމިޔާބީއަކީ ޓޫރިޒަމް ސިނާއަތުގެ ބައިވެރިން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ރާއްޖޭގައި ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކާ އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން ގެނެސްދޭ ބޭރުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންގެ ބަދަލުގައި ކުދި ކުދި މީހުން މިވަގުތު ތެދުވެ މަސައްކަތް ފަށާފައިވެ އެވެ. އަދި މިއާއެކު ކުރިއަށް ދައްކާ ގޮތް ވަރަށް ރަނގަޅެވެ.

"ހުރިހާ ކަމެއް ބަދަލު ވެއްޖެ. އަޅުގަނޑު ކުރިން އުންމީދު ކުރި ގޮތެއް މިއީ. މިގޮތުގައި ގެންދިއުން މުހިންމު، މިގޮތަށް ދާނަމަ ރާއްޖެ ވެގެން ދާނެ ޓްރާންސިޓް ޕޮއިންޓަކަށް. އެކަމަށް ސަރުކާރުން ވިސްނަން ޖެހޭ. ޓްރާންސިޓް މީހުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތް ތަކެއް ބޭނުންވޭ. ދުނިޔޭގައި ޓޫރިޒަމް ހުޅުވާފަ މި އޮތީ ދެ ތިން ގައުމަކުން. އެހެންވެ މިއީ ވިސްނަން ޖެހޭ ކަމެއް،" ފިރާގު ވިދާޅުވި އެވެ.

ރާއްޖެ ވެގެން ދާނެ ޓްރާންސިޓް ޕޮއިންޓަކަށް. އެކަމަށް ސަރުކާރުން ވިސްނަން ޖެހޭ. ޓްރާންސިޓް މީހުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތް ތަކެއް ބޭނުންވޭ
މުހައްމަދު ފިރާގު | އިނަ މޯލްޑިވްސް

"ވަރަށް ރަނގަޅު ޑިމާންޑެއް މިހާރު އެބައޮތް. މުސްތަގުބަލަށް ވެސް ދައްކަނީ ވަރަށް ރަނގަޅަށް،" ފިރާގު ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާރު ޓޫރިސްޓުން އެންމެ ގިނައިން ގެންނަ ރަޝިއާ މާކެޓުން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ވެސް އާ އެއާލައިނެއް ފަށާނެ އެވެ. މި އެއާލައިން ގެންނަ ލެޓްސްގޯ ކުންފުނީގެ ވެރިޔާ ވިދާޅުވި ގޮތުގައި ރާއްޖެ އަންނަން ކިތަންމެހާ ވެސް މީހުން ބޭނުންވާ ކަމަށެވެ. އަދި ފުރުސަތު މިހާރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ރަޝިއާ ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާކުރާ ރިސޯޓް ލައިފް ކުންފުނިން ވެސް ވަނީ ދެ ޗާޓަރު ގެނެސްފަ އެވެ. އެ ކުންފުނީގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި އުންމީދުތައް ފޮނިވެފައި ވެއެވެ.

"ޓޫރިޒަމް މިނިސްޓްރީން ބުނާ 500،000 މީހުންނަށްވުރެ ގިނައިން އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިހެން މި ބުނަނީ ބޭރުގައި އޮތް ޑިމާންޑަށް ބަލާފައި. ވަރަށް ބޮޑު ޑިމާންޑެއް ބޭރުގައި އެބައޮތް،" ވަލީދު ވިދާޅުވި އެވެ.

"މިއީ މުޅި އިންޑަސްޓްރީގެ އެފޮޓް. ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ."

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ "ލަކްސް" ގެ ރިސޯޓުތައް ވެސް މިވަގުތު އޮތީ 80 ޕަސެންޓް އޮކިއުޕެންސީގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ "ލަކްސް" ގްރޫޕުގެ އިސް މަގާމެއް ހުސެއިން އަފީފު (ލަކްސް އަފީފު) ވިދާޅުވި ގޮތުގައި ރާއްޖެއާ ވާދަވެރި ހުރިހާ ބީޗް ޑެސްޓިނޭޝަންތަކެއް ހުރީ ބަންދުކޮށްފައި ކަމަަށާ، މިވަގުތަކީ ރާއްޖެއަށް މުހިންމު ވަގުތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރިސޯޓުތައް ވެސް އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ބަދަލުކޮށްގެން މި ހިންގަނީ. މިހާރު މިއޮތީ 80 ޕަސެންޓް އޮކިއުޕެންސީގަ. އުންމީދު ކުރަނީ އަންނަ އަހަރު ވަރަށް ރަނގަޅުވާނެ ކަމަށް،" އަފީފު ވިދާޅުވި އެވެ.

ޓޫރިސްޓުން ސްޓޭ ވެސް މަތި

ކޮވިޑް-19 އަށްފަހު ރާއްޖެ ހުޅުވިއިރު ގިނަ ރިސޯޓުތަކުން ބޮޑު ޑިސްކައުންޓެއް ދިނެވެ. ބައެއް ރިސޯޓުތަކުގެ ރޭޓުތައް 80 ޕަސެންޓް ވަރަށް ވައްޓާލި އެވެ. އެހެންވެ އެވްރެޖު އާމްދަނީ މަދުވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޓޫރިސްޓުން ރާއްޖޭގައި ގިނަ ދުވަހު މަޑު ކުރެވިއްޖެނަމަ އާމްދަނީއިން ގެއްލުނު ބައި ފޫބެއްދިދާނެ ކަމަށް ބައެއް މާހިރުން އޭރު ގަބޫލު ކުރެއްވި އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިސްޓުންގެ ސްޓޭ މިހާރު ހުރީ މަތީގަ އެވެ. ރިސޯޓުތަކުގައި ޓޫރިސްޓުން ތިބޭ މުއްދަތު ގިނަ ވެއްޖެ އެވެ. އެއްވެޖުކޮށް ރާއްޖޭގައި ޓޫރިސްޓަކު ކޮވިޑުގެ ކުރީގައި މަޑުކުރަނީ ހަ ދުވަހު އެވެ. އަދި ޖެނުއަރީ އިން މާޗް މަހު ބޯޑަރު ބަންދު ކުރުމާ ހަމައަށް ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މަޑު ކުރަނީ 7.9 ދުވަހު އެވެ. ނަމަވެސް މިހާރު އެވްރެޖު ސްޓޭ ވަނީ 9.2 ދުވަހަށް ދިގުވެފަ އެވެ.

ކޮކޫންގެ ޖީއެމް ވިދާޅުވި ގޮތުގައި އެވްރެޖު ގޮތެއްގައި މިހާރު ޓޫރިސްޓަކު ދިހަވަރަކަށް ދުވަހު މަޑު ކުރެ އެވެ.

"ދިހަ ދުވަހުން ފެށިގެން އެބަ މަޑު ކުރޭ 21 ދުވަހަށް ވެސް. މިގޮތަށް ވަނީ ޔޫރަޕިއަންސް ގިނައިން އަންނާތީ،" ތަޖުރިބާކާރު ޖީއެމް ވިދާޅުވި އެވެ.

މި ވަގުތު ރާއްޖެއަކީ މަސައްކަތް ކުރަން އަންނަން ރަނގަޅު މަންޒިލެއްގެ ގޮތުގައި ވެސް ބައެއް ރިސޯޓު ތަކުން ޕްރޮމޯޓް ކުރި އެވެ. މާކެޓިންގެ މި "ސްޓަންޓް" ގެ ސަބަބުން މި ހާލަތު ބަލައި ބައެއް ރިސޯޓުތަކުގައި މިހާރު ވެސް "ވޯކް ފްރޮމް ހޯމް" އަށް މީހުން އައިސް އެބަ ތިއްބެވެ.

ދުނިޔޭގެ އެންމެ ބޮޑު މަސައްކަތު އާބާދީ ދިރިއުޅޭ ދުބާއީގެ "ފްލައި ޑުބާއީ" ފްލައިޓް ރާއްޖެ ގެންނަ، އިނަ މޯލްޑިވްސް ފިރާގު ވިދާޅުވި ގޮތުގައި ބައެއް ރިސޯޓު ތަކަށް ދުނިޔޭގެ ބޮޑެތި ކުންފުނި ތަކުން ޑިރެކްޓަރުން ފެންވަރު މީހުން އައިސް މަސައްކަތް ކުރަން އެބަތިބި ކަމަށެވެ.

"މިހާރު އޮންލައިންކޮށް ގިނަ މަސައްކަތް ކޮށްލެވޭ، އެހެންވެ ޑިރެކްޓަރުން ފެންވަރުގެ މީހުން ރާއްޖެ އައިސް އެބަތިބި މަސައްކަތް ކުރަން. ކޮޓަރި ހިފައިގެން އެ ފަދަ ބޭފުޅުން 20 ދުވަސްވަރު އެބަތިބޭ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން ވީހާ ގިނަ ދުވަހު ތިބެވޭނެ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"މިހާރު މި އޮންނަނީ 30 ދުވަހުގެ ވިސާއެއް. މި އަދަދު 90 ދުވަހަށް އިތުރު ކޮށްލަން ޖެހޭ ވަގުތު މިއީ. އޭރުން އަންނަ މީހުންނަށް އިތުރު އިތުބާރެއް ލިބޭނެ،" ފިރާގު ވިދާޅުވި އެވެ.

ޓޫރިސްޓުން ގިނަ ދުވަހު ރާއްޖޭގައި މަޑު ކުރުމަކީ އާމްދަނީ މަތިވާނެ ކަމެވެ. އެހެންވެ މި މުއްދަތުގައި މަދު ޓޫރިސްޓުން ކޮޅެއް އައިނަމަވެސް އާމްދަނީގެ ނިސްބަތް މަތިވެދާނެ ކަމަށް މިވަނީ ބެލިފަ އެވެ. މި ހުރިހާ ބަދަލަކާއެކު ދަތިހާލުގައި ހުޅުވި ޓޫރިޒަމްގެ މޫނުމަތިން މިހާރު ފެންނަނީ ހިނިތުންވުމެވެ. ބޯޑަރު ހުޅުވިތާ ވިހި ހަފުތާފަހުން މިހާރު ފެންނަނީ ރިސޯޓުތައް ފުރެމުންދާ މަންޒަރެވެ.